އައު ޓާމިނަލްގައި ވެސް ކަދުރު ރުއް؛ މަލަމަތިން ދިވެހިވަންތަކަށް ގެއްލޭތީ ކަންބޮޑުވުން
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)އިން ޚިދުމަތް ދެވޭ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް އިތުރުކުރެވޭ ގޮތަށް ހުޅުވާ އައު ޓާމިނަލް ކައިރީގައި ކަދުރު ރުއް އިންދަން ފެށުމުން، އޭގެ ސަބަބުން ފަތުރުވެރިންނަށް ފުރަތަމަ ފެންނަ މަންޒަރުން ދިވެހިވަންތަކަން ގެއްލޭ ކަމަށް ބުނެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފިއެވެ. ވީއައިއޭއިން އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭ ގޮތަށް ފަރުމާކޮށްފައިވާ އައު ޓާމިނަލް ކައިރީގައި ގަސް އިންދުމުގެ ހަރަކާތްތައް އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް)އިން އަންނަނީ ކުރަމުންނެވެ. އެ މަސައްކަތްތަކުގެ ތެރެއިން އެންވަޔަރަމެންޓް އެންޑް ޓޫރިޒަމް މިނިސްޓަރު ތާރިގް އިބްރާހީމާއި އެމްއޭސީއެލްގެ ސީއީއޯ އަދި އެމްޑީ އިބްރާހީމް ޝަރީފް މުހައްމަދު ގަސް އިންދަވާ މަންޒަރު ފެންނަ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ވަނީ ހިއްސާކޮށްފައެވެ. އެ ފޮޓޯތަކުން، ބޮޑެތި ކަދުރު ރުތައް އެ ސަރަހައްދުގައި އިންދާފައިވާ މަންޒަރު ފެނެއެވެ. https://sun.mv/165129 މާލެ ސަރަހައްދުގައި އާންމު ތަންތަނުގައި އެންމެ ފުޅާ ދާއިރާއެއްގައި ކަދުރު ރުއް އިންދައިފައިވަނީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މޭޔަރު ކަމުގެ ދަށުން 2022 ވަނަ އަހަރެވެ. އެ ހަރަކާތުގެ ދަށުން 200 ގަސް އިންދާނެ ކަމަށް އެއިރު ކައުންސިލުން ބުނެފައިވެއެވެ. މާލޭގެ ބޮޑުތަކުރުފާނު މަގުގައި އެ ގަސްތައް އިންދާފައިވާއިރު، އެއީ ރާއްޖޭގެ މާހައުލާ އެކަށީގެންނުވާ ރުއްތަކެއް ކަމަށް އެއިރު، ކަމާ ގުޅުން ހުރި ބައެއް މީހުން ބުނެފައިވެއެވެ. އައު ޓާމިނަލް ކައިރީ ގަސް އިންދުން: ޓާމިނަލް ކައިރީގައި ގިނަ އަދަދެއްގެ ކަދުރު ރުއް އިންދައިފައިވޭ -- ފޮޓޯ/ އެމްއޭސީއެލް މިހާރު ވީއައިއޭގައި ވެސް ކަދުރު ރުއް އިންދުމުން އެ ކަންބޮޑުވުންތައް ވަނީ އިތުރުވެފައެވެ. އެގޮތުން ތިމާވެށީގެ ނަޒަރަކުން ބެލުމުގެ އިތުރުން، ފަތުރުވެރިންނަށް ރާއްޖެ ދައްކުވައިދެވޭ ގޮތަށް ބެލުމުން ވެސް، އެއާޕޯޓުގައި ބޭރު ގައުމުތަކުގެ ރުއް އިންދުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ބައެއް މީހުން ދަނީ ބުނަމުންނެވެ. ދިވެހި ތާރީޚު ދިރާސާކުރައްވާ އަހުމަދު އަލާ ދީދީ އެ މައްސަލައިގައި ވަނީ، ދިވެހި ގައުމުގެ ރަމްޒަކީ ދިވެހި ރުއް ކަމާއި ބޭރުގައި ރާއްޖެ ސިފަކުރަނީ ވެސް އެ ރުކުންކަން ފާހަގަކުރައްވައިފައެވެ. https://x.com/alaadidii/status/1942226214711972143 "ދިވެހިރާއްޖޭގެ ރަށްރަށުގެ މަލަމަތީންނާއި ރާއްޖެއަށް ވަންނަ ދޮރޯށިތައް ދޮށުން ފެންނާން ވާނީ ޒަމާނުއްސުރެ ދިވެހިރާއްޖެ ސިފަކޮށްފަައިވާ ގޮތެވެ. އެއީ މި ރާއްޖޭގެ މަލަމަތި ޒަމާނުއްސުރެ ފަޅުފިލުވާލަ ދިން ދިވެހި ރުކެވެ." ސޯޝަލް މީޑިއާގައި އޭނާ ލިޔުއްވާފައިވެއެވެ. އަލާ ވިދާޅުވީ ރާއްޖެއިން އަމިއްލަވަންތަކަށް ނަގަހައްޓައިގެން އަމިއްލަ ގޮތްފޮތް ދަމަހައްޓައިގެން އެތައް ހާސް އަހަރަކު ދެމި އޮވެއްޖެ ކަމަށާއި، އެ އަމިއްލަވަންތަކަމަކީ މިހާރު ތިބި މީހުންނަށް ފޯރުކޮށްދީފައިވާ އަމާނާތެއް ކަމަށެވެ. ނޫސްވެރިކަމުގެ ދާއިރާއިން ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ މުހައްމަދު އާދަމް ސަލީމް ވެސް އެ މައްސަލައާ ގުޅުވައި ވިދާޅުވީ، ރާއްޖެއަށް ފަތުރުވެރިން އަންނަނީ މިއީ 'މޯލްޑިވްސް'އަށް ވީމަ ކަމަށެވެ. އަދި ފަތުރުވެރިކަމުގެ ބާނީން ތަރައްގީކުރައްވާފައިވާ ރިސޯޓުތަކަށް ބަލާއިރު ވެސް ފެންނާނީ ދެވެހި ރުއް ކަމަށާއި އެއީ އެ މީހުން ވެސް އިޝްތިހާރުކޮށް ވިއްކަނީ 'މޯލްޑިވްސް'އަށް ވާތީ ކަމަށް އޭނާ ވިދާޅުވިއެވެ. "މިއީ ދުބާއީ އެއް ނޫނެވެ. ދިވެހިރުއް ނޫން އެއްޗެއް ޖެހުމުން އެ ބަދަލުވަނީ ރާއްޖޭގެ ސޫރައެވެ. ތަސައްވުރެވެ. މޫނުމައްޗެވެ. ދިވެހިރުއް ޖަހާށެވެ. ދަނބު ރުކަކަސް، ޖާފާނު ރުކަކަސް، އެންމެ ރަނގަޅެވެ. ދިވެހިވާނީ އޭރަށެވެ." އޭނާ ލިޔުއްވާފައިވެއެވެ. ކުރީ ސަރުކާރުގައި ހެރިޓޭޖް މިނިސްޓްރީގެ ޑިރެކްޓަރުކަން ކުރެއްވި ޝަމްއޫނު ޖަލީލް (ލޫކަސް) ވެސް ވަނީ ރާއްޖެ އަންނަ ފަތުރުވެރިން އަންނާނީ ރާއްޖޭގެ ތަފާތުކަން ދެކެން ކަމަށާއި، ދުބާއީ އެއާޕޯޓުން ފުރައިގެން ދުބާއީގެ މަލަމަތި ދެކޭކަށް އެ ބަޔަކު ނާންނާނެކަން ފާހަގަކޮށްފައެވެ. https://x.com/lucasjalyl/status/1942218675635028325 މާލޭގައި ކަދުރު ރުއްތައް އިންދިއިރު، ސިޓީ ކައުންސިލުން ވަނީ އެ ރުއްތައް ބަލަހައްޓާނީ އެކަމުގެ މާހިރުންގެ ލަފަޔާ އެއްގޮތަށްކަމަށް ބުނެފައެވެ. ސަރުކާރުން އަންނަނީ ވީއައިއޭގެ އައު ޓާމިނަލް މި އަހަރު މިނިވަން ދުވަހު ހުޅުވުމަށް ތައްޔާރުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ