މި ސަރުކާރު ހިންގަނީ ލޭންދޭނަށް ކަމަށާއި ރާއްޖޭގައި ހުރި ހުރިހާ ފައިސާއެއް ބޭނުންކުރަނީ ސަރުކާރުން ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަމީރު ވިދާޅުވީ ސޮވެރިން ޑިވިލޮޕްމަންޓް ފަންޑުގައި ވެސް މިހާރު އެއްވެސް ފައިސާއެއް ނެތް ކަމަށެވެ.
އެނގުން މުހިންމު - ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައިވާ ގޮތުން، މިދިޔަ މަހުގެ 19ގެ ނިޔަލަށް ސޮވެރިން ޑިވިލޮޕްމަންޓް ފަންޑުގައި 937 މިލިއަން ރުފިޔާ އެބަހުއްޓެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި އެ އަދަދު ހުރީ 643.6 މިލިއަން ރުފިޔާގަ އެވެ.
ބުނީ ކީކޭ؟ - މިއަހަރުގެ މިހާތަނަށް ބަޖެޓަށް 4.4 ބިލިއަން ރުފިޔާ ރާއްޖޭގެ އެތެރޭގެ މާލީ ބާޒާރުން ސަރުކާރުން ނަގާފައިވާ ކަމަށް ވެސް އަމީރު މިއަދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުން:
މިދިޔަ އަހަރު ނިމުނުއިރު ނުދައްކާ ހުރި ބިލުގެ އަދަދު 7 ބިލިއަން ރުފިޔާއަށް އަރާ؛ އެ އަދަދު މިހާރު ހުރީ 13 ބިލިއަން ރުފިޔާގައި
އަހަރުގެ މެދަށް ދިޔައިރު ސާޕްލަސް ބަޖެޓެއް ކަމަށް ދައްކައިގެން އުޅެނީ ހިސާބުތައް އޮޅުވާލައިގެން
މި ސަރުކާރު އައި ފަހުން ނުލިބި ހުރި ފައިސާގެ އަދަދު 3.5 ބިލިއަން ރުފިޔާއަށް އިތުރުވެއްޖެ؛ މިއީ މިދިޔަ ސަރުކާރާ އަޅާބަލާއިރު %43ގެ އިތުރުވުމެއް
ބައެއް އީކޮމާސް ސައިޓުތަކުން ހިންގާ މުއާމަލާތްތަަކަށް %30ގެ ފީއެއް ނަގަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިންމީ ވެސް ސަރުކާރުގެ ވައުދު ފުއްދަން ހަދައިގެން ލިބޭ ގެއްލުން ފޫބައްދަން
އެއީ މިވަގުތަށް ކޮށްގެން ވާނެ ކަމެއް ނޫން؛ އޭގެ އިޖުތިމާއީ އަދި އިގްތިސާދީ ނަތީޖާ ވެސް ގޯސްވާނެ
އަމީރު ވިދާޅުވީ މި ސަރުކާރުގައި ރާއްޖޭގެ ފައިނޭންސިން ޕޮލިސީ ގެންގުޅެނީ ދުނިޔޭގެ އެހެން ހިސާބުތަކުގައި އެކަން ކުރާ ގޮތަކަށް ނޫން ކަމަށެވެ. އެގޮތުން މާލީ ބާޒާރަށް ނުކުމެ، ފައިސާ ހޯދުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
"ވަރަށް ބޮޑަށް އަޅުގަނޑުމެންނަށް މި ފެންނަނީ ކަޅު ފައިސާގެ އަވާގައި ސަރުކާރުން ޖެހި، ކަޅު ފައިސާ ރާއްޖެއަށް ހޯދޭނެ ގޮތްތަކަށް އެ މަގުން ސަރުކާރުގެ އިސްވެރިން ވިސްނުން ގެންގުޅޭ ތަން،" އަމީރު ވިދާޅުވި އެވެ.
އެގޮތުން، އޭނާ ވިދާޅުވީ:
ޔޫގެންޑާއިން ފައިސާ ހޯދަން މަސައްކަތްކުރޭ
އިރުމަތީ ޔޫރަޕްގެ ގައުމުތަކަށް ގޮސްގެން ކަޅު ފައިސާ ހޯދަން މަސައްކަތްކުރޭ
ޑިވެލޮޕްމަންޓް ބޭންކަށް ވެސް ސޫދާނުން ފައިސާ ހޯދަން މަސައްކަތްކުރޭ
"މިއީ ހަމަ އަޅުގަނޑުމެން ހަމަ ބުނެލާ ވާހަކައެއް ނޫން. ވަރަށް ރަނގަޅަށް މި ސަރުކާރުގެ އިސްވެރިން މަސައްކަތް ކުރަމުންދާތީވެ މި ވާހަކަ ފާހަގަކޮށްލަން ބޭނުންވީ،" އަމީރު ވިދާޅުވި އެވެ.
ރާއްޖޭގެ ހުރިހާ ފައިސާއެއް ހުރީ ސަރުކާރަށް ނަގާފައި: އަމީރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ