ވަކި ސިޔާސީ ޕާޓީއަކަށް ސިޔާސީ ބާރުވެރިކަން ލިބުމުން އެބަޔަކު ބޭނުންގޮތަކަށް ކޮށާމެށޭ އެއްޗަކަށް ގާނޫނު އަސާސީ ވެގެންނުވާނެެވެ. ވަގުތާއި ހާލަތުގެ ގޮތުން މަޖިލީހުގެ 3/4 މެޖޯރިޓީ ވަކިބަޔަކަށް ލިބޭ ކޮންމެ ފަހަރަކު އެބަޔަކަށް ކަމުދާގޮތަށް ގާނޫނު އަސާސީ ބަދަލުކޮށްލެވިގެން ނުވާނެއެވެ. މަޖިލީހުގެ ފުޅާ މެޖޯރިޓީ ލިބޭ ބަޔަކު ބޭނުންހާ ގޮތަކަށް ގާނޫނު އަސާސީ ކުޅެވޭ ގޮތަށް މަޖިލިހަށް އޮތް ފަސޭހަ މަގު ބަންދު ކުރަންޖެހެއެވެ.
ރާއްޖޭގެ އާބާދީގައި ހިމެނޭ ހުރިހާ ވިސްނުމެއްގެ އެންމެނަށް ގާނޫނު އަސާސީ އިސްލާހުކުރަން ޖެހިއްޖެކަން ގަބޫލު ކުރެވިގެންނޫނީ ގާނޫނު އަސާސީން އަކުރެއްވެސް ބަދަލުކުރެވިގެން ނުވާނެއެވެ. ރައީސުލްޖުމްހޫރިއްޔާ ބޭނުންވިޔަސް ރައްޔިތުންގެ މަޖިލީހުން ބޭނުން ވިޔަސް ރައްޔިތުންގެ ތެރޭން ބަޔަކު ބޭނުންވިޔަސް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ފާސްވެގެން ނޫނީ ގާނޫނު އަސާސީ އިސްލާހު ކުރެވިގެން ނުވާނެއެވެ.
އާއްމު ރައްޔިތުންގެ ތެރެއިން ބަޔަކަށް ގާނޫނު އަސާސީ އިސްލާހުކުރަން ފެނިއްޖެނަމަ ސަބަބު ބަޔާންކޮށް ރައްޔިތުންގެ ވަކި ނިސްބަތެއްގެ މީހުން ސޮއިކޮށް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށްގޮސް ރައްޔިތުން އެކަމާމެދު ދެކޭގޮތް ސާފުކުރުމުން ގާނޫނު އަސާސީ އިސްލާހުކުރަން ފެނިއްޖެނަމަ އެކަން ކުރަން ވީއެވެ. ހަމަ އެގޮތަށް ގާނޫނު އަސާސީ އިސްލާހު ކުރަން ކެބިނެޓުން ފާސްކުރިޔަސް މަޖިލިހުން ފާސްކުރިޔަސް އެކަން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިގެން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ފާސްކޮށްގެން ނޫނީ ގާނޫނު އަސާސީ އިސްލާހު ކުރެވިގެން ނުވާނެއެވެ.
ގާނޫނު އަސާސީ އިސްލާހު ކުރުމަކީ ރައްޔިތުންގެ މަޖިލީހުން ކުރާކަމަކަށް ވެގެންވެސް ނުވާނެއެވެ. ގާނޫނު އަސާސީ އިސްލާހު ކުރެވެންޖެހޭނީ އެކަމަށް ހާއްސަކުރެވިގެން އެއްކުރެވޭ ރައްޔިތުންގެ ހާއްސަ މަޖިލީހަކުންނެވެ.
ގާނޫނު އަސާސީ އިސްލާހު ކުރުމަށް އެއްކުރެވޭ ރައްޔިތުންގެ ހާއްސަ މަޖިލީހުގައި ހުރިހާ ސިޔާސީ ޕާޓިތަކާއި މަދަނީ ޖަމާއަތްތަކާއި ގާނޫނީ ފަންނުގެ މީހުންނާއި އިގްތިސޯދީ މާހިރުންނާއި ސަލާމަތީ ކަންކަމުގެ ތަޖުރިބާކާރުން ހާއްސަ މަޖިލީހުގައި ތިބެން ޖެހޭނެއެވެ. ޝަރުއީ ދާއިރާގެ ފުންނާބު އުސްމީހުންނާއި ދީނީ އިލްމުވެރިންނާއި އެކި ކަހަލަ ފަންނީ ދާއިރާތަކާއި ތަރައްގީއާއި ރަށްވެހިކަމާއި ގުޅޭ ދާއިރާތަކުގެ ތަޖުރިބާކާރު އިލްމީ މީހުންގެ ހަމަހަމަ ބައިވެރިވުންވެސް ހާއްސަ މަޖިލީހުގައި އޮންނަން ޖެހޭނެއެވެ. އެކި ރޮނގު ރޮނގުން މައުލޫމާތާއި ތަޖުރިބާ ހުރި ބަޔަކު ހިމަނައިގެން ނޫނީ ގާނޫނު އަސާސީ އިސްލާހު ކުރެވިގެން ނުވާނެއެވެ.
ހަމަތެދެކެވެ. އެ ވަގުތަކު ސްޕަރމެޖޯރިޓީ އޮންނަ ސިޔާސީ ޕާޓީއެއްގެ މެންބަރުންގެ މައްޗަށް އެކުލެވެވިފައި އޮންނަ ރައްޔިތުންގެ މަޖިލީހަކުން ގާނޫނު އަސާސީ އިސްލާހުކުރީމާ ގާނޫނުއަސާސީ ވެގެން ދަނީ އެހިނދަކަށް އެބައެއްގެ ގަޔަށް ހެޔޮވަރަށް ފަހާ ކޯޓަކަށެވެ.
މަޖިލިހަށް ގާނޫނު އަސާސީ އިސްލާހު ކުރެވިގެން ނުވާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ