މާލޭ ބާޒާރުގައި ކުކުޅުގެ އަގު ވަރަށް ބޮޑުވެއްޖެ

މާލޭ ބާޒާރުގައި، އާންމުކޮށް އެންމެ ގިނައިން ބޭނުންކުރާ އެއް ބާވަތް ކަމަށްވާ ކުކުޅުގެ އަގު ކުއްލިއަކަށް ވަރަށް ބޮޑަށް އުފުލިއްޖެއެވެ. ރޯދަމަހުގެ ފަހުކޮޅާއި ޢީދާ ދިމާކޮށް ބާޒާރުގައި ކުކުޅު ލިބެން ހުރި މިންވަރު މަދުވެ، އާންމު ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ވަނީ މިކަމުގެ ދަތިކަން ކުރިމަތިވެފައެވެ. މާލޭގެ ބާޒާރުމަތީގެ ފިހާރަތަކާއި ސުޕަމާކެޓުތަކުގައި ކުކުޅުގެ އަގުތައް ހުރީ އާންމުކޮށް ހުންނަ ވަރަށްވުރެ މާ މަތީގައެވެ. މާލޭ ބާޒާރުގެ އަގުތަކަށް ބަލާއިރު، އާންމުކޮށް މީހުން ގަންނަ 1200 ގްރާމްގެ ކުކުޅެއް ކުރިން 70 ރުފިޔާއަށް ލިބުނު ނަމަވެސް، މިހާރު އެ ސައިޒުގެ ކުކުޅެއްގެ އަގު އުޅެނީ 85 ރުފިޔާއާއި 93 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ. މިއީ ގާތްގަނޑަކަށް 20 އިންސައްތައާއި 30 އިންސައްތައާ ދެމެދުގެ ބޮޑުވުމެކެވެ. މީގެ އިތުރުން، 1400 ގްރާމްގެ ކުކުޅެއް ކުރިން 80 ރުފިޔާއަށް ލިބެން ހުރި ނަމަވެސް، މިހާރު އެ ބަރުދަނުގެ ކުކުޅެއް ލިބެނީ 99 ރުފިޔާއަށެވެ. މިއީ ރީޓެއިލްކޮށް ވިއްކާ އަގުތަކަށް އައިސްފައިވާ ބޮޑު ބަދަލެކެވެ. ހޯލްސޭލްކޮށް ކުކުޅު ވިއްކާ އަގުތަކަށް ބަލާއިރުވެސް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އެގޮތުން، 1200 ގްރާމްގެ ކުކުޅު ކޭހެއް މިދިޔަ މަހުގެ 15 ވަނަ ދުވަހު 583 ރުފިޔާއަށް ލިބުނުއިރު، މިހާރު ހަމަ އެ ކޭސް ލިބެނީ 777 ރުފިޔާއަށެވެ. މިއީ ކޭހަކުން ގާތްގަނޑަކަށް 194 ރުފިޔާގެ ބޮޑުވުމެކެވެ. މިކަމުގެ ސަބަބުން ކުދި ފިހާރަތަކާއި ކެފޭ ރެސްޓޯރެންޓުތައް ހިންގާ ފަރާތްތަކަށް ވަނީ މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ. ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން ބުނާ ގޮތުގައި ރޯމެޓީރިއަލްގެ އަގު މިހާ ބޮޑަށް އުފުލުމުން، އެ ތަންތަނުން ވިއްކާ ކާތަކެތީގެ އަގުތަކަށްވެސް ބަދަލު ގެންނަން މަޖުބޫރުވެއެވެ. ކުކުޅުގެ އަގު މިހާ ބޮޑަށް އުފުލިގެން ދިޔަ މައިގަނޑު ސަބަބަކީ މާލޭ ވިޔަފާރި ބަނދަރުން މުދާ ކްލިއާ ކުރުމުގައި ދިމާވެފައިވާ ލަސްތަކެވެ. ފުޅާ ދާއިރާއެއްގައި އެކި ބާވަތްތަކުގެ މަހުގެ ބާވަތްތައް ވިއްކާ ވިޔަފާރިވެރިއަކު ނަން ހާމަނުކުރުމަށް އެދި “ސަން” އަށް މައުލޫމާތު ދިން ގޮތުގައި، ކުކުޅުގެ އަގު ބޮޑުވެގެން އުޅެނީ މާލޭ ބާޒާރުގައި މިހާރު ކުކުޅު މަދުވުމުންނެވެ. އެކަން އެހެން ދިމާވަނީ އެތައް ކޮންޓެއިނަރެއް ކްލިއާ ނުވެ 17 ދުވަހާއި 20 ދުވަހާ ދެމެދުގެ މުއްދަތަކަށް މާލޭ ޕޯޓުގައި ހުންނަން ޖެހުމުން ކަމަށް އޭނާ ވިދާޅުވިއެވެ. މުދާ ކްލިއާ ކުރުން ލަސްވުމަކީ މުދަލުގެ ކޮލިޓީއަށްވެސް އަސަރުކުރާނެ ކަމަކަށްވާއިރު، ޑެމަރޭޖް ޗާޖުތައް އިތުރުވުމަކީވެސް މުދަލުގެ އަގު އުފުލޭ ސަބަބެކެވެ. "ޢީދަށް ވެގެން ޑިމާންޑް ބޮޑުވެ ކުކުޅު ބާޒާރުގައި ވަރަށް މަދުވެއްޖެ. ފަހު 10 ބަންދުވީމަ ކޮންޓެއިނަރުތައް ކްލިއާ ނުވޭ އަދިވެސް. 20 ދުވަސް އެބަ ނަގާ," މިއީ ވިޔަފާރިވެރިންނަށް އޮތް ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. މީގެ އިތުރުން، ބާޒާރުގައި ކުކުޅުގެ ސަޕްލައި ވަކި ބައެއްގެ އަތްމައްޗަށް ގޮސްފައިވުމަކީވެސް އަގު އުފުލުމަށް މެދުވެރިވި ސަބަބެއް ކަމަށް ވިޔަފާރިވެރިން ފާހަގަކުރެއެވެ. "މިހާރު ކުކުޅު ސަޕްލައި ހުރީ ދެ ކުންފުންޏެއްގެ އަތުގައި. އެމީހުން އެ ކޮންޓްރޯލް ކުރަނީ،" ކަމަށް އެ ވިޔަފާރިވެރިޔާ ފާހަގަކުރެއްވިއެވެ. ކާބޯތަކެތީގެ އަގުތައް އުފުލުމަކީ އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވެގެންދާނެ ކަމަކަށްވާއިރު، މި ދުވަސްވަރަކީ ގޭބިސީތަކުން ކާބޯތަކެއްޗަށް ކުރާ ހޭދަ އެންމެ ބޮޑުވާ އެއް ދުވަސްވަރެވެ. އެހެންކަމުން ކުކުޅުގެ އަގަށް އައިސްފައިވާ މި ބަދަލަކީ ގިނަ ބައެއްގެ ކަންބޮޑުވުން އޮތް މައްސަލައެކެވެ. ކާބޯތަކެތީގެ އިތުރުން، ޕޯޓުގައި މުދާ ތާށިވުމުގެ މައްސަލައިގެ އަސަރު އެހެނިހެން ސިނާޢަތްތަކަށްވެސް ދަނީ ކުރަމުންނެވެ. އެގޮތުން، އިމާރާތްކުރުމުގެ ދާއިރާގައި އެންމެ ގިނައިން ބޭނުންކުރާ ސިމެންތިއާއި އެހެނިހެން ގިނަ ބާވަތްތަކެއްގެ އަގުވެސް ވަނީ އުފުލިފައެވެ. މާލޭ ޕޯޓުން މުދާ ކްލިއާކުރެވޭލެއް ލަސްވުމުން ވިޔަފާރިވެރިން އަންނަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ. މުދާ ގެނައުމަށްފަހު ގުދަންތަކާ ހަމައަށް ނުގެންދެވި ގިނަ ދުވަސްވުމަކީ ވިޔަފާރިތަކަށް ލިބޭ ބޮޑު ގެއްލުމެއް ކަމަށާއި، މިކަމަށް އަވަސް ހައްލެއް ބޭނުންވާ ކަމަށް ގިނަ ވިޔަފާރިވެރިން ދަނީ ގޮވާލަމުންނެވެ. މި މައްސަލަ ހައްލުނުކުރެވި ދިގުލައިގެން ހިނގައްޖެނަމަ، ކުރިއަށް އޮތް ތަނުގައި އިތުރު މުދަލުގެ އަގުތައްވެސް އުފުލި، އާންމުންގެ ދިރިއުޅުމަށް އޭގެ ނޭދެވޭ އަސަރު ފޯރާނެކަމުގެ ބިރު ވަނީ ހީވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ