ދެ އިންތިހާބުގެ ރެފަރެންޑަމް ވޯޓު ހުއްޓުވަން އެމްޑީޕީން ހައި ކޯޓަށް މައްސަލަ ހުށަހަޅައިފި ދެ އިންތިހާބުގެ ރެފަރެންޑަމް ވޯޓު ހުއްޓުވަން އެމްޑީޕީން ހައި ކޯޓަށް މައްސަލަ ހުށަހަޅައިފި

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދަން ނަގާ ފެެންނަ ނުފެންނަ (ރެފަރެންޑަމް) ވޯޓު ނަގަން ރައީސް މުހައްމަދު މުއިއްޒު ނެރުއްވި ގަރާރު ގާނޫނާ ހިލާފު ކަމަށް ބުނެ އެ ވޯޓު ހުއްޓުވުމުގެ މައްސަލަ އެމްޑީޕީން ހައި ކޯޓަށް މިއަދު ހުށަހަަޅައިފި އެވެ.
އެމްޑީޕީން ކޯޓަށް ހުށަހެޅި ޖުޑީޝަލް ރިވިއުގެ ދައުވާއާ އެކީ، މި މައްސަލައިގައި ގޮތެއް ނިންމުމުގެ ކުރިން ރެފަރެންޑަމް ވޯޓު ނެގުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް ވެސް އެދިފަ އެވެ.
ރެފަރެންޑަމް ވޯޓާ ދެކޮޅަށް ރަސްމީ ހަރަކާތެއް އިއުލާންކޮށްފައިވާ އެމްޑީޕީން ގަބޫލުކުރާ ގޮތުގައި ރެފަރެންޑަމް ވޯޓު ނަގަން މުއިއްޒު ނެރުއްވި ގަރާރާއި ދެ އިންތިހާބު އެއްކޮށްލުމާ ގުޅޭގޮތުން ގާނޫނަށް ގެނެވުނު ބަދަލު ވެސް ގާނޫނާ ހިލާފެވެ.
ކޯޓަށް ހުށަހެޅި މައްސަލައިގައި، މި ގަރާރު ގާނޫނާ ހިލާފު ކަމަށް އެމްޑީޕީން ދެކޭ ސަބަބެއްގެ ގޮތުގައި އޮތީ މުއިއްޒުގެ ގަރާރާއެކު ހިމެނި މައުލޫމާތު ކަރުދާހުގައި މި ބަދަލުތައް ގެންނަން ދައްކާ ހުއްޖަތުތައް ބަޔާންކޮށްފައި ނެތުމެވެ. މައުލޫމާތު ކަރުދާހުގައި ހުއްޖަތުތައް ގަރާރުގައި ބަޔާންކުރުމަކީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގެ ދަށުން ލާޒިމުކުރާ ކަމެކެވެ.
އެމްޑީޕީން ބުނާ ގޮތުގައި ލޯކަލް ކައުންސިލް އިންތިހާބު އޮންނަ ދުވަހު މި ވޯޓު ނަގަން ނިންމުން ވެސް ގާނޫނާ ހިލާފެވެ. މިހެން ދެކޭ ސަބަބުތަކުގެ ތެރޭގައި، ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ކެމްޕެއިން ކުރުމުގެ ހައްގަށާއި މައުލޫމާތު ހޯދުމާއި މައުލޫމާތު ދިނުމުގެ މިންވަންކަމަށާއި ވޯޓު ދިނުމުގެ ހައްގު އުނިވާކަމަށް ބަޔާންކޮށްފައި ވެ އެވެ.
އޭގެ އިތުރުން، ގާނޫނު އަސާސީއާ އެއްގޮތަށް އަމަލުކުރުމަށާއި، އޭގައި ބަޔާންވެގެންވާ ހައްގުތަކާއި މިނިވަންކަމް ހިމާޔަތްކޮށް، ކުރިއެރުވުމަށް، ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން ރައީސްގެ މައްޗަށް ކަނޑައާޅާފައިވާ ވާޖިބު އަދާކުރުމުގައި އިހުމާލުވެފައިވާ ކަމަށް ވެސް އެމްޑީޕީން ހުށަހެޅި މައްސަލައިގައި ވެ އެވެ.
ރެފަރެންޑަމް ވޯޓާ ދެކޮޅު މަސައްކަތުގެ ދަށުން އެމްޑީޕީން ވަނީ އަންނަ މަހުގެ 21 ގައި، މުޒާހަރާއެއް ވެސް ބާއްވާނެ ކަން އިއުލާންކޮށްފަ އެވެ. އެ ޕާޓީން ބުނީ މިއީ ހުދުމުހުތާރު ވެރިކަމާ ދެކޮޅަށް ދިވެހިންގެ މިނިވަންކަން ދިވެހިންނަށް ހޯދުމަށް ޓަކައި ބާއްވާ މުޒާހަރާއެއް ކަމަށެވެ.
ދެ އިންތިހަބު އެއްކޮށްލުމާ ދެކޮޅަށް މުޅި ރާއްޖޭގައި ކެމްޕެއިން ހަރަކާތްތަކެއް ވެސް އެމްޑީޕީން ކުރިއަށްގެންދާނެ ކަމަށް ވެސް އެމްޑީޕީން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ