"އެމްއައިބީ ޗެލެންޖު"ގެ 3 ނަސީބުވެރިންނަށް އައިފޯން 17 ޕްރޯ މެކްސް ހަވާލުކޮށްފި

މޯލްޑިވްސް އިސްލާމިކް ބެންކް (އެމްއައިބީ) އިން ޑިޖިޓަލް ހިދުމަތްތަކަށް އަހުލުވެރިކުރުވުމުގެ ގޮތުން އާންމުންނަށް ހުޅުވާލައިން "އެމްއައިބީ ޗެލެންޖު" ގެ ނަމުގައި މިދިޔަ މަހުގެ 20 މި މަހުގެ ފަހެއްގެ ނިޔަލަށް ކުރިޔަށްގެންދިޔަ ހާއްސަ ކުއިޒުގެ ތިން ނަސީބުވެރިން ހޮވައިފިއެވެ. މިގޮތުން ގުރުއަތުން ހޮވިފައި ވަނީ ޙަސަން ހަމްދޫންނާއި، މުޙައްމަދު އަޒްވަރު އަދި މަމްދޫހް ޝަހީމެވެ. މިއިން ކޮންމެ ނަސީބުވެރިޔަކަށް ވެސް އައިފޯން 17 ޕްރޯ މެކްސްއެއް އެމްއައިބީން ވަނީ ހަދިޔާކޮށްފައެވެ. މި ތިން ނަސީބުވެރިން ހޯވާފައިވަނީ ކުއިޒު ފުރިހަމަ ކުރި ބައިވެރިންގެ ތެރެއިން ހުރިހާ ސުވާލެއްގެ ޖަވާބު ދިމާކުރި މީހުންގެ މެދުގައި ނެގި ހާއްސަ ގުރުއަތަކުންނެވެ. "އެމްއައިބީ ޗެލެންޖް" އަކީ އެ ބެންކުން ފައިނޭންޝަލް ލިޓްރަސީ އިތުރު ކުރުމަށާއި ޑިޖިޓަލް ހިދުމަތްތައް ޕްރޮމޯޓު ކުރުމުގެ އިތުރަށް އެމްއައިބީގެ ހިދުމަތްތައް އޮންލައިންކޮށް ހޯދުމަށް ހިތްވަރު ދިނުމަށް ކުރިއަށް ގެންދިޔަ ކުއިޒެކެވެ. އެމްއައިބީން މައުލޫމާތު ދިން ގޮތުގައި މި ކުއިޒަށް އާންމުންގެ ފަރާތުން ވަރަށް ހޫނު ތަރުހީބެއް ލިބުނެވެ. އަދި މި ފަދަ ބޮޑު ތަރުހީބެއް ލިބުމަކީ އެމްއައިބީގެ ހިދުމަތްތަކަށް ކަސްޓަމަރުން ކުރާ އިތުބާރު ރަމްޒުކޮށްދޭ ކަމެއްގެ ގޮތުގައި އެ ބޭންކުން ސިފަކުރެއެވެ. އަދި، ކުރިޔަށް އޮތްތާގައި ވެސް އާންމުން ޝައުގުވެރިވާނެ ފަދަ ޕްރޮމޯޝަންތަކެއް ކުރިޔަށް ގެންދާނެކަމުގައި އެމްއައިބީން މައުލޫމާތު ދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ