ޑޮލަރުން ސާވިސް ޗާޖު ދޭން ލާޒިމްކުރާ އިސްލާހު ބަލައިގެންފި

ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ދޭން ޖެހޭ ސާވިސް ޗާޖް ވަޒީފާ ދޭ ފަރާތުން ރުފިޔާއަށް މާރު ކުރުން ހުއްޓުވައި އެ ފައިސާ މުވައްޒަފުންނަށް ޑޮލަރުން ދޭން ނުވަތަ ސާވިސް ޗާޖު ފަތުރުވެރިންގެ އަތުން ނެގި ބާވަތަކުން ދޭން ލާޒިމް ކުރާ ގޮތަށް ގާނޫނު އިސްލާހުކުރަން އިދިކޮޅު އެމްޑީޕީގެ ފަރާތުން މަޖިލީހަށް ހުށަހެޅި އިސްލާހު މަޖިލީހަށް މިއަދު ބަލައިގަނެފި އެވެ.
ވީ ކިހިނެއް؟ - ގާނޫނު މިހާރު އޮންނަ ގޮތުން ސާވިސް ޗާޖު ސީދާ ޑޮލަރުން ދޭން ލާޒިމް ނުވާތީވެ އެކަން މަގުފަހިކުރުމަށްޓަކައި ވަޒީފާއާ ބެހޭ ގާނޫނަށް އެމްޑީޕީގެ ފަރާތުން އެ އިސްލާހު ހުށަހެޅުއްވީ، ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރެވެ.
މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ބިލު ބަލައިގަތުމަށް ފާސްވީ 67 މެންބަރުންގެ ވޯޓާ އެކު އެވެ.
އިސްލާހު މަޖިލީހަށް ބަލައިގަނެ، ދިރާސާކުރުމަށް ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީއަށް މިއަދު ވަނީ ފޮނުވައިފަ އެވެ.
ތަފްސީލު - ވަޒީފާއާ ބެހޭ ގާނޫނުގެ 52 ވަނަ މާއްދާގައިވާ ގޮތުން، ފަތުވެރިވެރިކަމުގެ ސިނާއާތުގައި ހިންގާ ވިޔަފާރިތަކުން ފޯރުކޮށްދޭ ކޮންމެ ހިދުމަތަކުން، %10އަށް ވުރެ މަދު ނޫން އަދަދަކަށް ސާވިސް ސާޖެއް ނަގަން ވާނެ އެވެ. އަދި އޭގެ ތެރެއިން އިދާރީ ފީގެ ގޮތުގައި %1 ވަޒީފާ ދޭ ފަރާތުން ނެގުމަށް ފަހު، މުވައްޒަފުންނަށް ހަމަހަމަކަމާ އެކު އެ ފައިސާ ބަހަން ޖެހެ އެވެ. ނަމަވެސް ސީދާ ޑޮލަރުން ދޭން ލާޒިމްކޮށްފައެއް ނުވެ އެވެ.
ރާއްޖޭގެ މަސައްކަތްތެރިންގެ ޔޫނިއަންތައް ތަމްސީލް ކުރާ މައި ޖަމިއްޔާ، މޯލްޑިވްސް ޓްރޭޑް ޔުނިއަން ކޮންގްރެސް (އެމްޓީޔޫސީ) ރައީސްކަން ވެސް ކުރައްވަމުން ގެންދަވާ މައުރޫފް އިސްލާހު ހުށަހެޅުއްވީ، 52 ވަނަ މާއްދާ (ށ)ގެ ދެވަނަ ނަންބަރުގެ ފަހަތަށް ދެ އަކުރެއް އިތުރު ކުރުމަށެވެ. 
ފުރަތަމަ އިސްލާހުގައި ބުނަނީ:
ސާވިސް ޗާޖުގެ ގޮތުގައި ނަގާ ފައިސާގެ ތެރެއިން، މުވައްޒަފުންނަށް ބަހަންޖެހޭ ފައިސާގެ ބާވަތް ބަދަލުކުރުމުގެ ގޮތުން ވަޒީފާދޭ ފަރާތުން އެ ފައިސާ ދިވެހި ރުފިޔާއަށް މާރުކޮށްގެން ނުވާނެ ކަމަށް
އަދި ސާވިސް ޗާޖު ބެހުމުގައި މުވައްޒަފުންނަށް ދޭންވާނީ ސާވިސް ޗާޖުގެ ގޮތުގައި އެ ފައިސާއެއް ލިބުނު ބާވަތަކުން
އެ އިސްލާހާ ގުޅިގެން މައުރޫފް މީގެ ކުރިން 'ދައުރު'އަށް ވިދާޅުވީ، މިހާރު ގާނޫނު އޮންނަ ގޮތުން މުވައްޒަފުންނަށް ޑޮލަރުން ސާވިސް ޗާޖު ދިނުން ސީދާ ލާޒިމް ނުވާތީވެ، ބައެއް ރިސޯޓުތަކުން އެ ފައިސާ ރުފިޔާއަށް މާރުކޮށްގެން، ރުފިޔާއިން އެ ފައިސާ މުވައްޒަފުންނަށް ދެމުންދާ ކަމަށެވެ. އެހެންވެ އިސްލާހުގެ ބޭނުމަކީ، ގާނޫނުގައި ސާފުކޮށް އެކަން އެގޮތަށް ނުކުރެވޭނެކަން ބަޔާންކޮށް، ސާވިސް ޗާޖް ނަގާ ފައިސާއަކުން އެ ދޭން ލާޒިމް ކުރުމެވެ.
ފާހަގަކޮށްލެވޭ  - ފަތުވެރިވެރިކަމުގެ ހިދުމަތް ދޭ ގިނަ ތަންތަނުގައި ސާވިސް ޗާޖު، ޓޫރިސްޓުންގެ އަތުން ނަގަނީ ޑޮލަރުންނެވެ. 
ޑޮލަރުން އެ ފައިސާ ނެގުމަށް ފަހު، މުވައްޒަފުންނަށް ދިވެހި ރުފިޔާއިން އެ ފައިސާ ދޭތީވެ ބައެއް ފަރާތްތަކުން މީގެ ކުރިން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އެ ކަންބޮޑުވުންތައް ބޮޑުވީ، ރިސޯޓުތަކުން އެމްއެމްއޭއަށް ވަކި އަދަދަކަށް ޑޮލަރު މާރު ކުރަން ލާޒިމް ކުރާ ގޮތަށް ހެދި ފަހުންނެވެ.
މި ބިލުގައި ދެން އޮތް އިސްލާހަކީ:
ފަތުރުވެރިކަމުގެ ސިނާއަތުގައި ހިންގާ ވިޔަފާރިތަކުން ހިދުމަތް ފޯރުކޮށްދިނުމުގައި މަސައްކަތްކުރާ މުވައްޒަފަކު ވަޒީފާ އަދާކުރަނީ ވަގުތީ އެއްބަސްވުމެއް ނުވަތަ ތިންވަނަ ފަރާތެއްގެ މުވައްޒަފެއްގެ ގޮތުގައި ވިޔަސް އެފަދަ މުވައްޒަފުންނަށް ވެސް ސާވިސް ޗާޖު ދިނުމުގައި ތަފާތުކޮށްގެން ނުވާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ