ރާއްޖޭގައި މިހާތަނަށް އިމާރާތްކުރާ އެންމެ ބޮޑު މިސްކިތުގެ ބިންގާ، ރާއްޖެ އިސްލާމްވިތާ 900 އަހަރު ވުމާ ގުޅުވައިގެން އަންނަ ސެޕްޓެމްބަރު މަހު ހުޅުމާލޭގައި އަޅާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރައްޔިތުންގެ މަޖިލިސް ހުޅުވަން އިއްޔެ ބޭއްވި ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް މުހައްމަދު މުއިއްޒު ވަނީ އެ މިސްކިތުގެ ތަސައްވަރު އެކުލަވާލައި، އަމަލީ މަސައްކަތް މި އަހަރު ފަށާނެ ކަމަށް ވިދާޅުވެފަ އެވެ.
ތަފްސީލް - އެ މަޝްރޫއާ ގުޅޭ ގޮތުން އިތުރު ތަފްސީލު ހިއްސާކުރައްވަމުން ޝަހީމް ވިދާޅުވީ މިސްކިތުގެ ބިންގާ އަޅަން ނިންމާފައިވަނީ ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ ދުވަހާ ގުޅުވާ، 13 ސެޕްޓެމްބަރުގައި ކަމަށެވެ.
ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ފާހަގަކުރަނީ އިސްލާމީ ކަލަންޑަރުން 2 ރަބީއުލްއާހިރުގަ އެވެ. އެ ދުވަސް މި އަހަރު ދިމާވަނީ 13 ސެޕްޓެމްބަރަށެވެ.
މި މިސްކިތް އަޅަނީ ހުޅުމާލެ ދެ ފޭސް ގުޅޭ ހިސާބުގަ އެވެ.
ޝަހީމް ވިދާޅުވީ މި މިސްކިތް ބިނާކުރާ ކޮމްޕްލެކްސްގައި ވަގުފު ބިނާތަކާއި ކޮމާޝަލް އިމާރާތުގެ އިތުރުން ޕާކިންއަށް ހާއްސަ ޖާގަ ވެސް ހިމެނޭނެ ކަމަށެވެ.
ގްރޭންޑް މޮސްކުގެ ނަމުގައި ހަދާ މި މިސްކިތުގެ މަޝްރޫއަށް ރާއްޖެއިން ބޭރުގެ ހެޔޮއެދޭ ފަރާތަކުން ފަންޑު ހަމަޖެހިފައިވާ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.
މިސްކިތުގެ ކޮންސެޕްޓްގެ މަސައްކަތް ވެސް ނިމި މިހާރު ކުރިއަށް ދަނީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، ތަފްސީލު ޑިޒައިން އެކުލަވާލުމުގެ މަސައްކަތެވެ.
ޝަހީމް ހިއްސާކުރެއްވި އެހެން މައުލޫމާތުތަކަށް ބަލާއިރު:
މިސްކިތް ޑިޒައިން ކުރަނީ ރާއްޖެއިން ބޭރުގެ ތަޖުރިބާކާރުން
ޑިޒައިނިން އާއި ހުރިހާ މަރުހަލާއަކަށް ފަންޑުކުރަނީ މިސްކިތުގެ މަޝްރޫއަށް ފަންޑުކުރާ ފަރާތުން
މި މިސްކިތުގައި ގާތްގަނޑަކަށް އެއްފަހަރާ 10،000 މީހުންނަށް ނަމާދުކުރެވޭނެ
މިއީ ރާއްޖޭގައި ބިނާކުރެވޭނެ އެންމެ ބޮޑު މިސްކިތް
މިސްކިތް ބިނާކުރާނީ ހުޅުމާލެ ފޭސް 2 އާއި 3 ގެ ދެމެދު
ރާއްޖެ އިސްލާމްވިތާ 900 އަހަރު ވުމާ ދިމާކޮށް ރާއްޖޭގެ އެންމެ ބޮޑު މިސްކިތުގެ ބިންގާ އަޅަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ