ދީނީ މުނާސަބާތަކުގައި ރައީސް މައުމޫން ތަޤްރީރު ކުރެއްވުން ހިމެނޭހެން، މިނިސްޓްރީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ބާއްވާ ދީނީ މުނާސަބާތަކުގައި ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ތަޤްރީރު ކުރެއްވުން ހިމެނޭހެން ދަ މައުމޫން ފައުންޑޭޝަނާ އެ ވުޒާރާއާ ދެމެދު ފަހުމުނާމާއެއްގައި އިއްޔެ ސޮއިކޮށްފިއެވެ. މައުމޫން ފައުންޑޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއާއި ދަ މައުމޫން ފައުންޑޭޝަނާ ދެމެދު، އެ ބައެއްގެ ދާއިރާއާ ގުޅޭގޮތުން، އެއް ފަރާތުން އަނެއް ފަރާތަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފަހުމުނާމާއެއްގައި ސޮއިކޮށްފައިވާ ކަމަށެވެ. https://x.com/maumoonagayoom/status/2006673319584739623 މި ފަހުމުނާމާގައި މައުމޫން ފައުންޑޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ފައުންޑޭޝަންގެ ޗެއާމަން، ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމެވެ. އަދި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. މި ފަހުމުނާމާގެ ދަށުން އިސްލާމީ މަރުކަޒު ޢިމާރާތުގައި ހުރި އާބާތުރަ ފިލުވައި، އެކަށީގެންވާ ދިގު މުއްދަތަކަށް ބޭނުންކުރެވޭ ޢިމާރާތަކަށް ހެދުމަށް މަޝްރޫޢެއް ރާވައި، ރާއްޖެއާއި ރާއްޖޭން ބޭރުން އެހީ ހޯދައިގެން، ދެފަރާތުން އެއްބަސްވެވޭ ގޮތެއްގެ މަތިން މައުމޫން ފައުންޑޭޝަނުން އެ މަސައްކަތް ކުރާނެ ކަމަށް އެ ފައުންޑޭޝަނުން ވަނީ ބުނެފައެވެ. މައުމޫން ފައުންޑޭޝަނާއި އިސްލާމިކް މިނިސްޓްރީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރެއްވުން -- ފޮޓޯ/ މައުމޫން ފައުންޑޭޝަން އަދި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ފަރާތުން އިސްލާމީ މަރުކަޒުގައި ކުރިޔަށްގެންދާ ދީނީ މުނާސަބާތަކުގައި ރައީސް މައުމޫން ތަޤްރީރު ކުރައްވާނެ ކަމަށް ވެސް އެ ފައުންޑޭޝަނުން ބުންޏެވެ. އަދި ރައީސް މައުމޫން ލިޔުއްވާފައިވާ ދީނީ ފޮތްތައް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ފަރާތުން އިސްލާމީ މަރުކަޒުގެ ލައިބްރަރީގައި ޢާންމުކޮށް ފެންނަން ހުންނާނެ އިންތިޒާމު ހަމަޖެއްސުމަށް ވެސް ވަނީ ނިންމައިފައެވެ. ހަމައެއާއެކު މައުމޫން ފައުންޑޭޝަންގެ ފަރާތުން ކުރިޔަށްގެންދާ ދީނީ އަދި އިޖުތިމާޢީ އެކިއެކި ކަންކަމުގައި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މައުމޫން ފައުންޑޭޝަންގެ ޑިޖިޓަލް އާކައިވްއާއި ލައިބްރަރީ އުފެއްދުމުގައި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ވެސް މި އެއްބަސްވުމުގެ ދަށުން ވަނީ ހަމަޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ