ކުރިއަށްއޮތް ރަމަޟާންމަހަށް ކަރަންޓް ބިލަށް ޑިސްކައުންޓް ދޭން ނިންމުމުން، އެމަހުގެ ކަރަންޓްބިލް ފޮނުވާނީ ވަކިންކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަނީ، ކުރިއަށް އޮތް ރަމަޟާން މަހު ކަރަންޓު ބިލް ބޮޑުވުމުގެ މައްސަލަ ކުރިމަތިނުވާނެ ކަމަށް ވިދާޅުވެ، ބިލުން ޑިސްކައުންޓް ދޭނޭކަން އިއުލާނުކުރައްވާފައެވެ.
މިކަމާ ގުޅޭގޮތުން ޤައުމީ ކަރަންޓް ކުންފުނިން ބުނީ، ރަމަޟާން މަހަށް ވަކި ބިލެއް ތައްޔާރުކުރުމަށް ރީޑިންގ ނެގުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ނިންމާފައިވާކަމަށެވެ. ރީޑިން ނެގުން ކުރިއަށްދާނީ، މިހިނގާ ފެބުރުއަރީމަހުގެ 16 އަދި 17 ވަނަ ދުވަހުކަމަށް ސްޓެލްކޯއިން ބުންޏެވެ. އެކުންފުނިން ވަނީ މިކަމުގައި ހުރިހާ ކަސްޓަމަރުން ވެސް އެއްބާރުލުން ދިނުމަށް އެދިފައެވެ.
މިދިޔަ ނޮވެމްބަރުމަހު ކޮންގްރެސްގެ "ދިވެހީންގެ ރާއްޖެ" ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވަނީ ރަމަޟާން މަހު ކަރަންޓު ބިލް ބޮޑުވުމުގެ މައްސަލަ ކުރިމަތިނުވާނެ ކަމަށާ އެންމެ ގިނަވެގެން ވެސް ނަގާނީ 400 ރުފިޔާ ކަމަށް ވިދާޅުވެފައެވެ. ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ރޯދަ މަހު ކަރަންޓް ބިލް ބޮޑުވުން ކަމުގައި ފާހަގަ ކުރައްވާ ރައީސް ވަނީ މިފަހަރު އެކަން ތަކުރާރު ނުވާނޭކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާފައެވެ.
"ޑޮމެސްޓިކް ރޭޓުން ބިލްކުރާ ކޮންމެ ބިލަކަށް އެންމެ ގިނަވެގެން މިއަންނަ ރަމަޟާން މަހު ނަގާނީ 400 ރުފިޔާ. ބާކީ ބައި ޑިސްކައުންޓް," ރައީސް ވިދާޅުވި އެވެ.
ރަމަޟާންމަހަށް ގޭބިސީތަކަށް ފޮނުވާނީ ވަކި ބިލެއް: ސްޓެލްކޯ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ