އީރާނާ ދެކޮޅަށް ފަށާފައިވާ އަސްކަރީ ކުރިމަތިލުންތަކުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި އެމެރިކާގެ ގާތްގަނޑަކަށް 140 ސިފައިން ޒަހަމްވެފައިވާ ކަމަށް ޕެންޓަގަނުން އިއްޔެ ބުނެފި އެވެ.
މީގެ ކުރިން ބައެއް ރިޕޯޓްތައް ބުނެފައިވާ ގޮތުގައި، މި އަދަދު 150އަށް އެރުމަކީ އެކަށީގެންވާ ކަމެކެވެ.
ޕެންޓަގަންގެ ތަރުޖަމާނު ޝޯން ޕާނެލް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، 'އޮޕަރޭޝަން އެޕިކް ފިއުރީ' ފެށި ފަހުން ވޭތުވެދިޔަ 10 ދުވަހުގެ ތެރޭގައި މެދުނުކެނޑި ދެމުންދާ ހަމަލާތަކުގައި އެމެރިކާގެ އަސްކަރިއްޔާގެ ގާތްގަނޑަކަށް 140 މެންބަރުންނަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށެވެ.
ޕާނެލް ވިދާޅުވީ ޒަހަމްވި ސިފައިންގެ ތެރެއިން ގިނަ މީހުންނަށް ލިބިފައިވަނީ ކުދި އަނިޔާތައް ކަމަށާއި އޭގެ ތެރެއިން 108 ސިފައިން މިހާރު އަލުން ހިދުމަތަށް ނުކުމެފައިވާ ކަމަށެވެ. ނަމަވެސް އަށް ސިފައިންގެ ހާލަތު ސީރިއަސް ކަމަށާއި އެ މީހުންނަށް ފަރުވާ ދެމުންދަނީ އެންމެ މަތީ ފެންވަރުގެ މެޑިކަލް ފެސިލިޓީތަކުގައި ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
މިދިޔަ މިދިޔަ މަހުގެ 28 ވަނަ ދުވަހު ހަމަލާތައް ފެށި ފަހުން، އީރާނުން ދަނީ އެ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި ޑިޕްލޮމެޓިކް މިޝަންތަކަށް އަދި މުހިންމު އުމްރާނީ ވަސީލަތްތަކަށް ރައްދުގައި ހަމަލާ ދެމުންނެވެ.
ޕެންޓަގަނުން ބުނި ގޮތުގައި، އީރާނުގެ މިސައިލް ފޮނުވާ އާލާތްތަކަށާއި ހަތިޔާރު ރައްކާކޮށްފައިވާ ތަންތަނަށް އެމެރިކާގެ ފައުޖުތަކުން އަމާޒުކުރަން ފެށުމުން، ފާއިތުވި ދުވަސްތަކުގައި އީރާނުގެ ހަމަލާތައް ވަނީ މަދުވާން ފަށާފަ އެވެ.
ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ޗެއާމަން ޖެނެރަލް ޑޭން ކޭން ވިދާޅުވީ، އީރާނަކީ ކުރިން ހީކުރި ވަރަށް ވުރެ ވަރުގަދަ ދުޝްމަނެއްކަން ސާބިތުވެފައި ނުވާ ކަމަށެވެ. ޕެންޓަގަންގައި ބޭއްވި ބްރީފިންއެއްގައި އޭނާ ވިދާޅުވީ، އީރާނުން ހަނގުރާމަކުރަމުންދާ ގޮތަށް އިހުތިރާމް ކުރައްވާ ކަމަށާއި، ނަމަވެސް އެ މީހުންނަކީ އެމެރިކާއިން އަންދާޒާކުރި ވަރަށް ވުރެ ބާރުގަދަ ބައެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
އީރާނު ހަނގުރާމައިގައި އެމެރިކާގެ 150 ސިފައިން ޒަހަމްވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ