މިދިޔަ ހަފުތާގައި ސްރީ ލަންކާގެ ކަނޑުގެ ސަރަހައްދުން އީރާނުގެ ހަނގުރާމަމަތީ މަނަވަރަކަށް ދިން ހަމަލާއެއްގައި މަރުވި 84 ފަޅުވެރިއެއްގެ ހަށިގަނޑު، އީރާނު އެމްބަސީއާ ހަވާލުކުރުމަށް ލަންކާގެ ކޯޓަކުން އަމުރުކޮށްފައިވާ ކަމަށް އެ ގައުމުގެ މީޑިއާތަކުން މިއަދު ރިޕޯޓުކޮށްފި އެވެ.
އީރާނުގެ އައިއާރްއައިއެސް ދެނާ މަނަވަރަށް މި ހަމަލާ އަމާޒުވީ އިންޑިއާ ކަނޑުގެ ތެރެއިންނެވެ. އެމެރިކާގެ ސަބްމެރީނަކުން ފޮނުވާލި ޓޯޕިޑޯއަކުން މި މަނަވަރަށް ހަމަލާދީފައިވަނީ، އިންޑިއާއިން އިންތިޒާމުކޮށްގެން ބޭއްވި ކަނޑުގެ އަސްކަރީ ތަމްރީނުތަކެއް ނިންމާލުމަށް ފަހު އެނބުރި ދަތުރުކުރަމުން ދަނިކޮށެވެ.
މި ހާދިސާ ހިނގާފައިވަނީ އީރާނާ ދެކޮޅަށް އެމެރިކާ އާއި އިޒްރޭލުން ކުރަމުންދާ ހަނގުރާމައިގެ ތެރެއިންނެވެ.
މީގެ އިތުރުން، އީރާނުގެ އެހެން އުޅަނދެއް ކަމަށްވާ އައިއާރުއައިއެސް ބުޝެހެރުގެ 219 ފަޅުވެރިންނަށް ވެސް ލަންކާއިން ވަނީ ހިމާޔަތް ދީފަ އެވެ. ފުރަތަމަ މަނަވަރު ފައްތާލުމާ ގުޅިގެން ލަންކާގެ ބަނދަރަކަށް ވަނުމުގެ ހުއްދަ ވަނީ ދީފަ އެވެ. އެ އުޅަނދުގެ ފަޅުވެރިން މިހާރު ބައިތިއްބާފައިވަނީ ވެލިސަރަގައި ހުންނަ ލަންކާގެ ނޭވީ ކޭމްޕެއްގަ އެވެ. އިންޖީނުގެ މައްސަލަތަކާއި އިދާރީ ބައެއް ސަބަބުތަކާ ހުރެ، އެ އުޅަނދު ޓްރިންކޮމަލީ ބަނދަރަށް ބަދަލުކުރުމުގެ މަސައްކަތް ވަނީ މަޑުޖެހިފަ އެވެ.
މި މައްސަލައިގައި އެމެރިކާގެ ފިއްތުންތަކެއް ލަންކާއަށް ކުރިމަތިވަމުންދާ ކަމަށް ދެކެވޭ ވާހަކަތައް ކޮލަމްބޯއިން ވަނީ ދޮގުކޮށްފަ އެވެ. ލަންކާ ސަރުކާރުން ބުނީ މިކަމުގައި އަމަލުކުރާނީ ބައިނަލްއަގުވާމީ ގާނޫނުތަކާއި އެ ގައުމުގެ ދާހިލީ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނަކު ވިދާޅުވީ، އީރާނުގެ ފަޅުވެރިންނާ މެދު އަމަލުކުރާނެ ގޮތެއް ނިންމާނީ ލަންކާ އަމިއްލައަށް ކަމަށާއި މިކަމުގައި ލަންކާގެ މިނިވަންކަމާއި އިސްތިގުލާލަށް އެމެރިކާއިން އިހުތިރާމްކުރާ ކަމަށެވެ.
މީގެ އިތުރުން، އިންޖީނުގެ މައްސަލައެއް ދިމާވި އީރާނުގެ ތިންވަނަ މަނަވަރެއް ކަމަށްވާ އައިއާރުއައިއެސް ލަވަންއަށް އިންސާނީ އެހީތެރިކަމުގެ ދަށުން ކޮޗީ ބަނދަރަށް ވަނުމުގެ ހުއްދަ ދީފައިވާނެ ކަމަށް އިންޑިއާއިން ވަނީ ކަށަވަރުކޮށްދީފަ އެވެ. އިންޑިއާގެ ފޮރިން މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު ވިދާޅުވީ، އެއީ އިންސާނިއްޔަތަށްޓަކައި ކުރަންޖެހޭ ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށާއި، އިންޑިއާއިން އަމަލުކުރީ އެ އުސޫލުގެ މަތިން ކަމަށެވެ.
މަރުވި އީރާނުގެ 84 ފަޅުވެރިންގެ ހަށިގަނޑު އެ ގައުމާ ހަވާލުކުރަން ލަންކާގެ ކޯޓަކުން އަމުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ