ވިލާ ކޮލެޖުގެ ބިޒްނަސް ސްކޫލަށް ބައިނަލްއަގްވާމީ އެކްރެޑިޓޭޝަނެއް ލިބިއްޖެ

ވިލާ ކޮލެޖުގެ ގާސިމް އިބްރާހީމް ސްކޫލް އޮފް ބިޒްނަސް (ކިއުއައިއެސްބީ)އަށް، ދެކުނު އޭޝިއާ ސަރަހައްދުގެ ބިޒްނަސް ސްކޫލްތައް އެކްރެޑިޓްކުރާ ބައިނަލްއަގްވާމީ ނިޒާމު ކަމަށްވާ ސައުތު އޭޝިއަން ކޮލިޓީ އެޝުއަރެންސް ސިސްޓަމް (އެސްއޭކިއުއެސް) އެކްރެޑިޓޭޝަން ލިބިއްޖެ އެވެ.
ވީ ކިހިނެއް؟ - މިއީ ރާއްޖޭގެ މަތީ ތައުލީމުދޭ މުއައްސަސާއަކަށް މި ޝަރަފު ލިބުނު ފުރަތަމަ ފަހަރެވެ.
ތަފްސީލް - އެސްއޭކިއުއެސްއަކީ ދުނިޔޭގެ ފެންވަރުގައި ބިޒްނަސް ސްކޫލްތައް އެކްރެޑިޓް ކުރާ އޭއޭސީއެސްބީ އަދި އީކުއިސް ފަދަ ނިޒާމުތަކާ އެއް ފެންވަރެއްގައި، އޭޝިއާ ސަރަހައްދުގައި ހިންގާ ނިޒާމެކެވެ. މިހާތަނަށް ދުނިޔޭގެ 60އެއްހާ ބިޒްނަސް ސްކޫލަށް މި އެކްރެޑިޓޭޝަން ލިބިފައިވާއިރު، މީގެ ތެރޭގައި ހިމެނެނީ އިންޑިއާ، ޕާކިސްތާނު، ސްރީ ލަންކާ އަދި ބަންގްލަދޭޝްގެ ބޮޑެތި މުއައްސަސާތަކެވެ.
މި އެކްރެޑިޓޭޝަންގެ ދަށުން ވިލާ ކޮލެޖުން ހިންގާ ބިޒްނަސް އެންޑް މެނޭޖްމަންޓް ދާއިރާގެ 13 ޕްރޮގްރާމެއް ވަނީ ބައިނަލްއަގްވާމީ ފެންވަރުގައި ބަލައިގަނެފަ އެވެ. އޭގެ ތެރޭގައި މާސްޓާސް ފެންވަރުގެ 5 ޕްރޮގްރާމަކާއި ބެޗްލާސް ފެންވަރުގެ 8 ޕްރޮގްރާމެއް ހިމެނެ އެވެ.
ވިލާ ކޮލެޖުން 2021ގައި ފެށި މި ދަތުރު ނިމުމަކަށް އައީ ބައިނަލްއަގްވާމީ މެންޓޯއެއްގެ އިރުޝާދުގެ ދަށުން ދެ އަހަރަށް ވުރެ ގިނަ ދުވަހު ކުރި މަސައްކަތަށް ފަހު، އެސްއޭކިއުއެސް އެވޯޑިން ކޮމިޓީން މި އެކްރެޑިޓޭޝަން ދޭން މިދިޔަ މަހުގެ 28ގައި ނިންމުމުންނެވެ.
ބުނީ ކީކޭ؟ - މި ކާމިޔާބީ ފާހަގަކުރުމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވިލާ ކޮލެޖުގެ ވައިސް ރެކްޓަރު ޑރ. އަލީ ނަޖީބު ވިދާޅުވީ، މިއީ ހަމައެކަނި ވިލާ ކޮލެޖަށް ލިބުނު ފަހުރެއް ނޫން ކަމަށާއި މިއީ މުޅި ރާއްޖޭގެ މަތީ ތަޢުލީމުގެ ނިޒާމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި މިއީ ބިޒްނަސް އެޑިއުކޭޝަންގައި އެންމެ ރަނގަޅު މުއައްސަސާއަކަށް ވުމަށް ކުރާ މަސައްކަތަށް ލިބުނު ބޮޑު އިތުބާރެއްކަން އޭނާ ފާހަގަކުރެއްވި އެވެ.
އިންސްޓިޓިއުޓް ފޯ އެކެޑެމިކް ޑިވެލޮޕްމަންޓްގެ ޑިރެކްޓަރު މޫސާ މުހައްމަދު މަނިކު ވިދާޅުވީ، ރާއްޖޭގެ ގައުމީ ފެންވަރުގެ ކޮލިޓީ އެޝުއަރެންސް ނިޒާމުތަކުގެ ބޭރުން، ބައިނަލްއަގްވާމީ ފެންވަރުގައި ވެސް ވިލާ ކޮލެޖުގެ ފެކަލްޓީ އާއި ޕްރޮގްރާމްތަކުގެ ފެންވަރު މިހާރު ސާބިތުކޮށްދީފައިވާ ކަމަށެވެ.
ގާސިމް އިބްރާހީމް ސްކޫލް އޮފް ބިޒްނަސްގެ ޑީން އަބްދުﷲ ނާފިޒް ވިދާޅުވި ގޮތުގައި، މިފަދަ އެކްރެޑިޓެޑް ސްކޫލަކުން ދަސްވެނިވާ ދަރިވަރުންނަކީ އެންމެ މަތީ ފެންވަރުގެ ގާބިލުކަން ހުރި ކުދިންކަން ވަޒީފާދޭ ފަރާތްތަކަށް މިހާރު ކަށަވަރުވާނެ އެވެ.
ފާހަގަކޮށްލެވޭ - މި ކާމިޔާބީއާ އެކު ވިލާ ކޮލެޖުގެ ދަރިވަރުންނަށް ލިބޭ ސަނަދުތަކުގެ އަގު ވަޒީފާގެ ބާޒާރުގައި އުފުލި، ބައިނަލްއަގްވާމީ ފެންވަރުގައި ބަލައިގަންނަ ތައުލީމެއް ރާއްޖޭގައި ތިބެގެން ހާސިލުކުރުމުގެ ފުރުސަތު ވަނީ ފަހިވެފަ އެވެ. އެގޮތުން، ވިލާ ކޮލެޖުގެ ކުރިއަށް އޮތް މޭ މަހުގެ އިންޓޭކަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ