ފިނި ހިތް 14
"މިދިޔަ ރަމަޟާންމަހު ދިރިތިބި ބަޔެއް މީހުން މިއަހަރު ރަމަޟާންމަހު ދެކޭކަށް ނެތެވެ. އެމީހުންގެ ވެސް ހުވަފެންތަކާއި ޕްލޭންތަކެއްވިއެވެ. ނަމަވެސް ފުރިހަމަނުވާ އުއްމީދުތަކާއި ހުވަފެންތަކާއެކު ބަރްޒަޚު އާލަމަށް ދިޔައީއެވެ. އެއީ ދުނިޔޭގެ އުސޫލެވެ. މާދަމާ ދުނިޔެއަށް އެންމެ ނޭވާއެއް ލެވޭނެކަމުގެ ގެރެންޓީއެއް އެކަކަށްވެސް ނުދެވޭނެއެވެ. ވީމަ މިހާރުއްސުރެ ފަނާވުމެއްނެތް އާލަމަށް ދަތުރު ހަދާށެވެ. މިއަދު އެވެ. މިވަގުތުއެވެ. މިއޮތީ ރަނުގެ ފުރުސަތެކެވެ. ލައިލަތުލް ގަދަރު ހޯދަން ކޮންމެ ރެއަކު ގަދަ އަޅާ މަސައްކަތްކުރާށެވެ. އެންމެ ހަފްތާއަކަށް ސޯޝަލްމީޑިއާއާއި މުނިފޫހިފިލުވުމާއި، ސިޔާސީ ފޯރިއާއި، އެހެން ހުރިހާކަމެއް ދޫކޮށްލާފައި ހަމައެކަނި އަޅުކަމާއިގެން މަޝްޣޫލުވަމާ ހިނގާށެވެ." *** އެ ލަފުޒުތަކުން އޭނައަށް އުދަގޫވިއެވެ. ފުރަތަމަފަހަރަށް އިހުސާސްވީ ހޮސްޕިޓަލުގެ ފާރުތައް އައިސް ވަށާ ބައްދައިލިގެންނެވެ. އިމާރާތެއް ނޫނެވެ. އެ އިމާރާތް ބަދަލުވީގޮތުންނެވެ. ސައިންސާއި ކިޔަމަންތެރިކަމާއި ފޮރުވިފައިވާ އެޖެންޑާތަކުގެ މައްޗަށް ބިނާކުރެވިފައިވާ ކިއްލާއެކެވެ. "ހަޔާއަށް ވެކްސިން ރިފިއުޒްކުރުމުގެ ހައްގު ލިބިގެންވޭ..." "އެކަމަކު ސުވާލަކީ އެކަމަށް އިހުތިރާމްކުރާނީ ކާކުހޭ؟" އެސުވާލާއެކު އޭނައަށްވެސް ފަހަތަށް އެނބުރި ބަލައިލެވުނެވެ. އެއްވެސް ދިމާލަކުން ފެންނަން ނެތަސް އަޔާޝްގެ ބާރުގަދަކަމުގެ ހިޔަނި މުޅިހިސާބުގައި ހަރުލާފައިވާފަދައެވެ. "ޑޯންޓް ވޮރީ......އަހަރެން ފޮރުވާކަށް ނޫޅެން.ދޮގެއް ނަހަދާ ސީދަލަށް ކިޔާދިނީ.........ހަޔާ...... ބަލައިގެން އުޅެއްޗޭ......." އެލަފުޒުތަކުގެ ފަހަތުގައިވި ފަށަލަތައް ދިރާސާކުރާފަދަ ނަޒަރަކުން ހަޔާ ބަލައިލިއެވެ. މިނާހްއާއި ދެމީހުންގެ ކަޅި ބައްދަލުވިއެވެ. މިނާހްގެ ހިތް އެލޮލުގެ ފުރިހަމަކަމަށް ހިތް ތައުރީފުކުރިއެވެ. އޭނަގެ ޓީޝާޓުގެ ހިޔަނި އެޅި ފެހިކުލަ އެރިހެންވެސް ހީވިއެވެ. "ކިހިނެއް ބަލައިގެން އުޅޭ ވާހަކަ ތިބުނީ؟" "މިތާ ބައެއްމީހުން...ހަޔާ ކުރާ ސުވާލުތަކަށް ނުރުހޭނެ..ޝައްކުކުރުމަކީ ކުށަކަށްވާނީ.. ވަށައިގެންވަނީ ލޯތައް......" "ތިބުނާ އެއްޗެއް އެނގިއްޖެ..އެކަމަކު ރޮބިންކުކް ވާހަކަތަކުގައިވާހެން ކަންތައް ހޯދަން އުޅޭ މީހުންގެ ފުރާނައަށް ނުރައްކާވާ ހިސާބަށް ނުދިޔައްޔާ ރަގަޅު..އަހަރެން ވިކްޓިމްއަކަށް ވެދާނެ.ބަލައިގެން އުޅޭނަން...ސުވާލު ނުކޮށް....ޝައްކުނުކޮށް ގިނަ ބަލިމީހުން ފަދައިން އުޅެން މަސައްކަތްކުރާނަން.............ތެންކްސް ޑޮކްޓަރ މިނާހް...."ހަޔާ ހިނިތިންވެލިއެވެ. އެދެމީހުންގެ ދެމެދުގައި އޮތީ ޑޮކްޓަރަކާއި ބަލިމީހެއްގެ ގުޅުމެވެ. ހަޔާ އަމިއްލަ ނަފުސަށް ޔަގީންކަން ދިނެވެ. *** ކޯޑް ބްލޫ އިއުމާންކުރި އަޑު ސްޕީކަރުން ގުގުމައިލުމާއެކު މިނާހްވެސް އަވަހަށް އިމަޖެންސީއަށް ހާޟިރުވަންވެގެން ދުވެފައި ކަހަލަގޮތަކަށް ނުކުތެވެ. ޒުވާނަކު ކާޑިއެކް އެރެސްޓަކަށް ދިޔައީއެވެ. ވެކްސިން ޖެހީ ދެދުވަސްކުރިންނެވެ. އެއްވެސް މީހަކު އެކަން ފާހަގައެއްނުކުރެއެވެ. މިނާހް ފިޔަވައެވެ. ކޯޑް ބްލޫ ޓީމް މަސައްކަތުގައި އަަވަދިނެތި އުޅުނުއިރު ފާހަގަވީ އެ ޒުވާނާވެސް ނޭވާލާން އުދަގޫވެ ޚަބަރުހުސްވިކަމެވެ. އެއީ މިފަހަކަށް އައިސް އެތަނުގެ ތެރެއިން މަރުވާ މީހުންގެ ކިބައިން ފެންނަ އަލާމާތެކެވެ. ކިތަންމެ ވަރަކަށް މަސައްކަތްކުރިޔަސް ވަގުތު ޖެހުމުން ހެއްދެވިފަރާތުގެ ހަޟުރަތަށް ދާންޖެހެއެވެ. އަޖަލުޖެހުމުން ފުރާނައެއް ނުހިފެހެއްޓޭނެއެވެ. ސިއްހީ މައްސަލައެއްނެތް މީހަކު ހިނގާފައި ދަނިކޮށް ހިތް ހުއްޓިގެން މަރުވުމަކީ އޭގެ މިސާލެކެވެ. އެމީހުންނަށް އެ ޒުވާނާގެ އަގުހުރި ފުރާނަވެސް ގެއްލިގެން ދިޔައީއެވެ. މީހެއްގެ ހުރި އެންމެ ފިރިހެންދަރިއެވެ. އާއިލާގެ އާމްދަނީގެ ވަސީލަތެވެ. ސިއްހަތު ރަގަޅު ޒުވާނެކެވެ. ގަވާއިދުން ޖިމަށް ދާކަން ކަސްރަތީ ހަށިގަނޑު ހެކިދެއެވެ. އިރުގަނޑެއްފަހުން ފައިލްތަކާއި ސެޓްފިކެޓްތައް ތައްޔާރުކުރެވުނީ ރަތް ސްޓޭމްޕެއް ޖަހާފައެވެ. އެ ޒުވާނާ ނިޔާވި ސަަބަބަކަށް ލިޔެފައިވަނީ ވައިރަލް ހުމުގެ ސަބަބުންނެވެ. ހަގީގަތް އޮޅުވާލާފައިވާކަން އެނގުމުން މިނާހްގެ މޭނުބައިކުރާގޮތްވިއެވެ. ބޭރަށް ނުކުމެ ފާރަށް ލެނގިލައިގެން ހުރެ ނޭވާ ހަމަޔަކަށް އަޅުވަން މަަސައްކަތްކުރިއެވެ. މަޑުމަޑު އަޑަކުން ހިމޭންކަން މުގުރައިލިއެވެ. "އަނެކަކު ގެއްލުނީ ދޯ.." މިނާހް ހަޔާގެ މޫނަށް ބަލައިލިއެވެ. އެ ލޮލުން ފެނުނީ ކަންބޮޑުވުމެވެ. ހަޔާ އައިވީ ސްޓޭންޑް ދަމަމުން އައިސް ހުއްޓުނީ މިނާހް ގެ ގާތުގައެވެ. "އަހަރެން ގާތު ބުނީ ކަންބޮޑުނުވާށޭ..އެކަމަކު އެމީހުންވެސް ތިބީ ބިރުގެންފައި....ވެކްސިން ޖަހާފައި ހުރި ޒުވާނެއްދޯ..." މިނާހްއަށް ބުނާނެ އެއްޗެއް ނޭގުނެވެ. "ޔޫ ނޯ ސަމްތިން ދޯ......"ހަޔާ ބުނެލިއެވެ. "އާނ..." "ދެން މިހޮސްޕިޓަލުގައި ވޯކްކުރަނީ؟" "މިދުވަސްކޮޅު ކަންތައް ހުރިގޮތުން އަދި މަޑުކޮށްލަނީ....ހަޔާ ބޭނުންވަނީ އަހަރެން ދާންތަ؟" "ނޫން. އެހެނެއްނޫން....ވަރަށް ހިތްވަރުފަދަ..ބަލިމީހުންގެ ހައްގުތަކުގެ ހިމާޔަތުގައި ނިކުންނާނެ ފަރާތެއްކަން ޔަގީން..." ހަޔާ ތައުރީފުކުރިއެވެ. އޭނަގެ ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ. "ބަލިޖެހިގެން މަރުވާ މީހުންނަށްވުރެ ވެކްސިންއިން މައްސަލަ ދިމާވާމީހުން މަދެއްނޫން ދޯ...ވަރަށް ގާތުން ބަލަންއެބަޖެހޭ..ކުރީ ދުވަހަކު މީހަކު ވެކްސިންޖެހިގޮތަށް ބޮލުގައި ރިއްސަންފެށީ.. ސިކުނޑިއަށް ލޭ އެޅުނީޔޯ. މިއަދު އަލަފް ނިޔާވީ...އެއީ އަހަރެމެންގެ ކްލާސްމޭޓެއްގެ ކޮއްކޮ. އެހެންވެ އެކަން ހިނގިގޮތް ވަރަށް ރަގަޅަށް އެނގޭ.." "ބީ ކެއަފުލް........ތި ވިސްނުން..އެހެެން މީހަކާއި ޝެއކޮށްފިއްޔާ......."މިނާހް ނުތަނަވަސްވިއެވެ. "ކިހިނެއްވާނީ؟ "ކްރައިމްއަކަށް ވާނެތީ..ހަޔާއަށް ގެއްލުމެއް ލިބެން ނޭދެން.." "ތެންކްސް."ހަޔާގެ މޫނަށް ރަތްކުލަ ފާއްދައިލަން އުޅުނެވެ."އަދި ހަމައެކަނި ސިކުނޑީގައި ޚިޔާލުތައް އެނބުރެނީ..އިތުބާރުކުރެވޭ މީހަކާއި ނޫނީ އަދި ޝެއާއެއް ނުކުރެވޭނެ." މިނާހް ހިނިތުންވެލިއެވެ. ދެމީހުންގެ ކަޅި ފަޅިސިކުންތުކޮޅަކަށް ބައްދަލުވީހިނދު ހިތަށް ފިނިކަމެއްލިބުނެވެ. ގަނޑުފެނުން ތެންމައިލެވުނުފަދަ ފިނި ބީހިލުމެކެވެ. ހަޔާ ދާން ހިނގައިގަތުމުން ބަލަހައްޓައިގެން ހުރެވުނީ ނަޒަރުވަކިކޮށްނުލެވިފައެވެ. އެއާއެކު އޭނަގެ ދޮންބެގެ އިންޒާރު ހަނދާންވިއެވެ. ދޮންބެގެ ކެބިންގައި އިނދެގެންވެސް މުޅި ހޮސްޕިޓަލްތެރޭގެ ހުރިހާ މަންޒަރެއް ބެލިދާނެއެވެ. އޭނައާއި ހަޔާ ވާހަކަދެއްކިކަން އެނގިއްޖެއްޔާ ދެން ކުރިމަތިލާންޖެހޭނެ އަދަބެއްނޭގެއެވެ. ހަޔާގެ އާއިލާއާއި ބެހޭގޮތުން އޮޅުންފިލުވުމުގެ ޝައުގު ހިތުގައި އުފެދުނެވެ. އަޔާޝް އިންޒާރުދޭނީ ކޮންމެވެސް ބޮޑުކަމެއްވެފައި އޮތީމައެވެ. އަންދާޒާކޮށްލަން ނޭގޭ ހިތަށް ނުގެނެވޭވަރުގެ ބޮޑުކަމެއްކަމަށް ވެދާނެއެވެ. ހަޔާއާއި ވެކްސިންވެސް ބޮލުތެރޭގައި އެނބުރެންފެށިއެވެ. އެހުރިތާގައި ތިރިއަށް ބަލަން ހުރިއިރު ދެންމެ ނިޔާވި ޒުވާނާއަށް އެހީނުވެވުނުކަމުގެ މޮޅިވެރިކަންވެސް ހިތުތެރޭގައިވިއެވެ. ޑޮކްޓަރަކަށްވީމަ އެފަދަ މަންޒަރުތައް ފެނުން އާކަމަކަށްނުވިޔަސް ޒުވާނެއްގެ މަރުން ވިސްނަން މަޖުބޫރުވަނީއެވެ. ހަޔާވެސް ފެންނަފެނުމުގައި ސިއްހަތު ރަގަޅެވެ. އެކަމަކު ދެވަނަފަހަރަށް ހޮސްޕިޓަލުގައި ބާއްވައިގެން ފަރުވާދޭންޖެހުނީއެވެ. ދިރިއުޅުމުގެ ހަގީގަތަކީ މިއީއެވެ. ކުއްލިއަކަށް އޭނައަށް ކަމެއް ރޭކާލިއެވެ. ނުރައްކާތެރިކަމެކެވެ. ހަޔާއަކީ ހަމައެކަނި ބަލިމީހެއްނޫނެވެ. ލޯގަނޑެއްފަދައެވެ. އެހެން މީހުން ބަލައިގަތް ކަމަކާއިމެދު އޭނަ ސުވާލު އުފައްދައެވެ. އެހެންމީހުން ދެކޮޅުހަދަން ބިރުގަތްކަމެއް އޭނަ ދެކޮޅުހެދިއެވެ. އަދި ހުރިހާކަމެއް ފޮރުވާ ހިމޭންކުރާފަދަ މި ހޮސްޕިޓަލް ތެރެއިން އޭނައާއި ހަޔާ މިދިމާވީއެވެ. ތަފާތު ގުޅުމެއްގެ ފެށުންހެއްޔެވެ؟ ޔަގީނުންވެސް ނަން ދޭން ނޭގޭފަދަ ގުޅުމަކާއި ސިއްރެއް ދެމީހުން ހިއްސާކުރާފަދައެވެ. ސިއްރު ގުޅުމެކެވެ. ކޮންމެވެސް ދިމާލަކުން ސިކިއުރިޓީ ކެމެރާއެއްގެ ރަތްއަލި އެސްފިޔަޖަހައިލިއެވެ. އަޔާޝްގެ އޮފީސްތެރޭގައި ކޮންމެވެސް ރިޕޯޓެއް ތައްޔާރުކުރެވެމުން ދިޔައެވެ. *** ހަޔާ ތިއޭޓަރަށް ގެންދާގަޑި ޖެހުނުއިރުވެސް މަންމަގެ ޚަބަރެއްނުވިއެވެ. ތިންވަނަފަހަރަށްވެސް މަންމަ އޭނަ އެއްލައިލީކަމުގެ އިހުސާސްކުރެވި ލޮލަށް ކަރުނަ ބޮނޑިވާން އުޅުނެވެ. ދޮންތަވެސް އައީ އެންމެ ފަހު މިނިޓްގައެވެ. އޭރު ނުވައެއް ޖަހަނީއެވެ. ފަހަރެއްގައި ރަމަޟާންމަހަށް އެންމެ ދުވަހަކަށްވުމުން އަވަދިނެތި އުޅެނީއެވެ.ޭ "ހަޔާ........ބޭޑް ނިއުސް..ނުބުނަން ހުރީ...ހަޔާ ސްޓްރެސްވާނެކަން އެނގޭތީ...ޕެކްކުރަންވީ އެއްޗެހި ގިނަކަމުން ފޮށިތަކަށް އަޅާ މިނިމުނީ....." "ޕެކްކުރަނީއޭ؟ ކޮންތަނަކަށް ފުރަން؟" "ފުރަނީއެއްނޫން.......ދޮންތަމެން ގެއިން ނިކުންނަން ވެރިމީހާ އަންގައިފި..ރުފިޔާ ނުދައްކާ ތިން މަސްވެއްޖެކަމަށްވަނީ ..ދޮންތަމެެން އުޅުނިން ދަރަންޏަށް ނަގާފައިވެސް ދައްކަން....ދެތިން ދުވަސް ދޭންވެސް އެދުނިން..އެއްބަހެއްނުވި.ސާބިތު އެހާ ބޮޑަށް އޮޅުވައިލާނެކަމަށް ހީނުކުރަން. ސީރިޔަސްކޮށް މި ފިރިހެނުންނާއެކު އުޅެން ހެޔޮނުވާނެ.." "حَسْبُنَا اللَّهُ وَنِعْمَ الْوَكِيلُ..ކިހިނެއްދެން ހަދާނީ؟" "ސާބިތު އެބައުޅޭ އެޕާޓްމެންޓެއް ހޯދަން...." ހަޔާގެ ހިތަށް ތަދުވިއެވެ. އޭނަ ދެރަވީ އެޕާޓްމެންޓްގެ ލޮކޭޝަންއެވެ. އޭނަގެ މާމައާއި ގާތުގައިހުރެވޭކަމުގެ އިހުސާސް ކޮށްދޭ ދެވަނަ ގެއެވެ. ދުވަހެއްގެ ކޮޅުންވެސް އެތަނުން ނުކުމެގެންދާން ޖެހިދާނެކަމަށް އޭނަ ހިޔެއްނުކުރެއެވެ.ސާބިތު ބުނީ ވިހިއަހަރަށް އެތަން ނަގަން ސޮއިކޮށްފައިވާކަމުގައެވެ. "ސޮއިކޮށްފައެއްނު އޮތީ...ވިހިއަހަރަށް.." "އެހެން އެހީމަ ބުނީ ހަނދާނެތިވެ އޭގައި ސޮއިނުކޮށް އޮތްކަމަށް..އެހާ ފަރުވާކުޑަވާންވާނެތަ؟ ތިމަންނައަށް އެމީހުންނަށް އިތުބާރުކުރެވުނީއޯ..އެކަމަކު ތިންމަސް ފައިސާ ނުދައްކާ އޮތުމަކީ ބޮޑު އިލްހާމެކެވެ. "އެނީވޭސް....ދެން ވާގޮތެއް ބަލަމާ..." "ކޮންމެ ދެރަކަމެއްގެ ފަހަތުގައި ރަގަޅުކަމެއް ވާނެ. އެޕާޓްމެންޓް ލޮކޭޝަނާއި އެތަނުގެ ހަނދާންތަކާއި ވަކިވާންވީމަ ދެރަ. ހާޓްބްރޭކިން...އެކަމަކު ހުރިހާ އެއްޗަކަށް ނިމުން އަންނާނެ...އެހެންވެ އެހާ އެޓޭޗްވާން ނުވަނީ..އަދިވެސް އެތަން ލިބޭނެކަމަށް އުއްމީދުކުރަނީ..........ދޮންތާ މިރޭ ހަނދު ފެންނާނެހެން ހީވޭތަ؟" ހަޔާ މަޑުމަޑުން ތެދުވާން އުޅުނެވެ. ވޭނުގެ ސަބަބުން ކެތްނުކުރެވޭވަރުވެ މަޑުމަޑުން ކުކުރައިލެވުނެވެ. "ނޫސްތަކުގައި އެހެން އޮތް..." ހަޔާއަށް އިރުކޮޅެއްފަހުން ލިބުނީ އަޖައިބުވާފަދަ ޚަބަރެކެވެ.މިއީވެސް "މިރެކްލް"އެއް ނޫންހެއްޔެވެ؟ *** މިނާހް އެކުވެރިންނާއެކު ދަތުރުދިޔަސް ހިތްއޮތީ ހޮސްޕިޓަލުގައެވެ. އޭނަގެ ސިކުނޑިއާއި ހިތުގައި ވީ ހަޔާއެވެ. ހަޔާ ނޫން އެއްޗެއް ސިކުނޑީގައި ނުވާފަދައެވެ. ހަޔާގެ ސާޖަރީ ލަސްކުރިކަން އެނގުމުން އެކުވެރިންގެ ދައުވަތު ގަބޫލުކޮށްގެން އައީ ރަމަޟާންމަހު އެހެންމީހުންވެސް ދަތުރުދާ އުސޫލުންނެވެ. މަސްބާނާ ބާބެކިއުހަދާ މަޖާކޮށްލުމަށެވެ. އެއީ މުޅި ދިރިއުޅުމަށް ވަރުގަދަ ލޮޅުމެއް އަތުވެދާނެ ދަތުރެއްކަމެއް އޭރަކު ނޭގެއެވެ. މަސްބާނައިގެން އައިސް ބޮޑު އަލިފާންގަނޑެއް ރޯކޮށްލައިގެން ބާބެކިއު ގްރިލްއާއި އަލިފާނުގައި މަހާއި މަހު މޭ ބިސް، ސޮސެޖާއި މާޝްމެލޯފަދަ އެއްޗެހި ފިހެވެމުންދިޔައިރު މުޅިހިސާބުގައި ހިފާފައިވީ ކުޅުދިޔާވާފަދަ ވަހެކެވެ. މިނާހް ފޮޓޯ ނަގާފައި އާއިލާގެ ގްރޫޕަށްވެސް ލަމުން ދިޔައެވެ. "ހެންޑްސަމް ލައިކް އެ ޑެވިލް..."އާސީން މަޖާކޮށްލިއެވެ. "ކާކު ހެންޑްސަމްއޭ....." "މައި ބްރަދާ...."އާސީން ހިތެއް ފޮނުވައިލިއެވެ. މިނާހް ދެން އަޕްލޯޑްކޮށްލީ ތަފާތު ފޮޓޯއެކެވެ. އެ ފޮޓޯ ފެނުނު އެންމެނަށް ތަފާތު ގޮތަކަށް އަސަރުކުރުވިއެވެ. ނުނިމޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ