ދަނޑުވެރިކަމުގައި ބޭނުންކުރާ ކެމިކަލްތައް ނަހަމަ ގޮތުގައި ބޭނުންކުރާތީ ފިލްމެއް ހަދަނީ

އިންޑިއާގައި ދަނޑުވެރިކަމާއި އެހެނިހެން ކަންކަމުގައި ބޭނުންކުރާ ކެމިކަލްތަކާއި ބޭސްތައް ނަހަމަ ގޮތުގައި ބޭނުންކުރާ ކުރުންތަކުގެ މައްޗަށް ބިނާކޮށް އިންޑިއާއިން ފިލްމެއް އުފައްދާކަން އިއުލާނުކޮށްފިއެވެ. "ދަ އިންޑިއާ ސްޓޯރީ"ގެ ނަމުގައި ގެނެސްދޭ މި ފިލްމުގެ މުހިއްމު ރޯލްތަކުން ފެންނާނީ ދެކުނު އިންޑިއާގެ މަގުބޫލު ބަތަލާ ކާޖަލް އަގަރްވާލް އަދި ހިންދީ ސިނަމާގެ އެކްޓަރު ޝްރެޔަސް ތަލްޕަޅޭއެވެ. ޒީ ސްޓޫޑިއޯސްއާއި އެމްއައިޖީ ޕްރޮޑަކްޝަން އެންޑް ސްޓޫޑިއޯސް ގުޅިގެން ގެނެސްދޭ މި ފިލްމުގެ ޑައިރެކްޓަރަކީ ޗޭތަން ޑީކޭއެވެ. ފިލްމުގެ ވާހަކަ ލިޔެ، ޕްރޮޑިއުސްކުރީ ސާގަރު ބީ ޝިންޑޭއެވެ ޚާއްސަކޮށް ދަނޑުވެރިކަމުގައި ބޭނުންކުރާ ކެމިކަލްތަކާއި ބޭސްތައް ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ސަބަބުން ކުރިމަތިވާ ނުރައްކާތެރި ނަތީޖާތަކުގެ މައްޗަށް ބިނާކޮށް އުފައްދާ މި ފިލްމުގައި އިޖުތިމާއީ ބައެއް މައްސަލަތަކަށް ވެސް ނަޒަރު ހިންގާފައިވާނެއެވެ. "ދަ އިންޑިއާ ސްޓޯރީ"ގެ ލިޑް ތަރިން ކަމަށްވާ ޝްރެޔާސް ތަލްޕަޅޭ އަދި ކާޖަލް އަގަރްވާލް--ފޮޓޯ/ބޮލީވުޑްހަންގާމާ ފިލްމު އުފެއްދި ފަރާތްތަކުން ހާމަކުރި ގޮތުގައި، މިއީ ހަމައެކަނި އެންމެ އާއިލާއެއްގެ ވާހަކައެއް ނޫނެވެ. މިއީ މުޅި މުޖުތަމައުގެ ސިއްހަތާއި ރައްކާތެރިކަމާ ގުޅިފައިވާ ބޮޑު މައްސަލައެކެވެ. މި ފިލްމު އުފެއްދުމުގެ މަގުސަދާ ގުޅޭގޮތުން ޕްރޮޑިއުސަރު ސާގަރު ބީ. ޝިންޑޭ ބުނީ، މި ވާހަކަ ގެނެސްދޭން ނިންމީ މިއީ ގިނަ ބައެއްގެ ސަމާލުކަމަށް ނައިސް އޮތް، ނަމަވެސް ގައުމުގެ އެތައް ބައެއްގެ ދިރިއުޅުމަށް އަސަރުކުރާ ހަގީގަތަކަށް ވާތީ ކަމަށެވެ. "ދަނޑުވެރިކަމުގައި ކެމިކަލް ނަހަމަ ގޮތުގައި ބޭނުންކުރުމަކީ ހަމައެކަނި ތިމާވެށީގެ މައްސަލައެއް ނޫން، އެއީ އިންސާނީ ކާރިސާއެއް. މި ފިލްމުގެ ޒަރީއާއިން އާންމުން ހޭލުންތެރިކޮށް، މިކަމުގައި ޒިންމާދާރު ކުރުވުމާއި ބަދަލުތަކެއް ގެނައުމަށް ބަހުސްތަކެއް އުފެއްދުމަކީ އަހަރެމެންގެ އުންމީދު،" އޭނާ ބުންޏެވެ. ފިލްމު އުފެއްދި ފަރާތްތަކުން ބުނާ ގޮތުގައި، މި ފިލްމަކީ އިޖުތިމާއީ މުހިންމު މައްސަލައަކާއި އަސަރުގަދަ ވާހަކައެއް އެކުލެވޭ ފިލްމެކެވެ. މީގެ އިތުރުން، ސިނާއީ އިހުމާލުތަކާއި ކަމާބެހޭ އިދާރާތަކުގެ ޒިންމާދާރުކަން ކުޑަވުމުގެ މައްޗަށް ވެސް މި ފިލްމުގައި އަލިއަޅުވާލާފައިވެއެވެ. ޑައިރެކްޓަރު ޗޭތަން ޑީކޭ ބުނި ގޮތުގައި، މި ވާހަކަ އޭގެ އަސްލު ގޮތުގައި ގެނެސްދިނުމަށް ފިލްމުގެ މުޅި ޓީމުން ވަނީ ވަރަށް ބޮޑު ގުރުބާނީއެއް ވެފައެވެ. މިއީ ކާޖަލް އަގަރްވާލް އާއި ޝްރެޔަސް ތަލްޕަޅޭ އެކުގައި ސްކްރީނުން ފެންނާނެ ފުރަތަމަ ފިލްމެވެ. މި ފިލްމު ބެލުންތެރިންނަށް ގެނެސްދޭން ތާވަލުކޮށްފައި ވަނީ މި އަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ