އީރާނު ހަނގުރާމަ ދެތިން ހަފުތާ ތެރޭ ނިންމާލެވިދާނެ: ޓްރަމްޕް

އީރާނާ ދެކޮޅަށް އެމެރިކާ އަދި އިޒްރޭލުން ކުރިއަށްގެންދާ އަސްކަރީ ހަރަކާތްތައް ކުރިއަށް އޮތް ދެ ހަފުތާ ނުވަތަ ތިން ހަފުތާ ތެރޭގައި ނިންމާލެވިދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ ވިދާޅުވެއްޖެ އެވެ.
މި ހަނގުރާމަ ހުއްޓާލުމަށްޓަކައި ޑިޕްލޮމެޓިކް އެއްބަސްވުމެއް ކޮންމެހެން ބޭނުންނުވާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.
ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ވަރަށް އަވަހަށް އެމެރިކާ ސިފައިން އެ ސަރަހައްދުން ފައިބާނެ ކަމަށާއި ހަނގުރާމަ ނިންމުމަށްޓަކައި އީރާނުން ވަކި އެއްބަސްވުމެއްގައި ސޮއިކުރަން ނުޖެހޭނެ ކަމަށެވެ.
ޓްރަމްޕް މިހެން ވިދާޅުވެފައިވަނީ މެދުއިރުމަތީގައި ކުރިއަށްދާ މި ހަނގުރާމައަށް ފަސް ހަފުތާވެ، ދުނިޔޭގެ ހަކަތައިގެ ބާޒާރަށް އޭގެ ނޭދެވޭ އަސަރުތައް ކުރަމުންދާ ދަނޑިވަޅެއްގަ އެވެ.
އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ވިދާޅުވި ގޮތުގައި، އެއްބަސްވުމަކަށް އާދެވޭނެ ކަމަށް ޓްރަމްޕް އަދިވެސް އުންމީދުކުރައްވަ އެވެ. ނަމަވެސް ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވީ، ހަނގުރާމައިގެ ނިމުން ފެންނަން ފަށާފައިވާ ކަމަށާއި ހަނގުރާމައަށް ފަހު އެމެރިކާއިން އެކި ގައުމުތަކާ އެކު އޮންނަ ގުޅުންތައް އަލުން މުރާޖައާ ކުރާނެ ކަމަށެވެ.
މި ދަނޑިވަޅުގައި އީރާނުން ވަނީ އެމެރިކާއާ ގުޅުންހުރި ކުންފުނިތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދީފަ އެވެ. އަދި ދެ ގައުމުގެ ދެމެދުގައި ނުސީދާ މުއާމަލާތްތަކެއް ކުރިއަށްދިޔަ ނަމަވެސް، އެއީ ރަސްމީ މަޝްވަރާތަކެއް ނޫން ކަމަށް ތެހެރާނުން ބުނެފައިވެ އެވެ.
މި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު ވަނީ އުފުލިފަ އެވެ. އެގޮތުން، އެމެރިކާގައި ޕެޓްރޯލް ލިޓަރެއްގެ އަގު 4 ޑޮލަރަށް ވުރެ މައްޗަށް ގޮސްފައިވާއިރު، ރޮއިޓާސް/އިޕްސޯސްގެ ހިޔާލު ހޯދުމުގެ ސާވޭއަކުން ދައްކާ ގޮތުގައި އެމެރިކާގެ ގިނަ ރައްޔިތުން ބޭނުންވަނީ މި ހަނގުރާމަ ވީހާ ވެސް އަވަހަކަށް ނިންމާލުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ