ޕްލޭން ބީ އެއް ނެތް، އިރާން ވޯލްޑް ކަޕް ކުޅޭނެ: އިންފަންޓީނޯ ޕްލޭން ބީ އެއް ނެތް، އިރާން ވޯލްޑް ކަޕް ކުޅޭނެ: އިންފަންޓީނޯ

އިސްތަންބޫލް، ތުރުކީ (އޭޕްރީލް 1) - އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި އަންނަ ޖޫން/ޖުލައި ގައި ކުރިއަށްގެންދާ ގޮތަށް ތާވަލުކޮށްފައިވާ ފީފާ ވޯލްޑް ކަޕްގައި އިރާން ކުޅޭނެ ކަމަށާއި އެކަމާ ގުޅޭގޮތުން، ފީފާ އިން ޕްލޭން ބީއެއް ނުގެންގުޅޭ ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެއްޖެ އެވެ.
ޖޫން 12، ގައި، އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި ފަށާ މި އަހަރުގެ ފީފާ ވޯލްޑް ކަޕުގައި ބައިވެރިނުވާން ނިންމިކަން އިރާނުގެ ސްޕޯޓްސް މިނިސްޓަރު އަހުމަދު ޑޮންޔާމާލީ ނިންމެވީ، އިޒްރޭލާއި އެމެރިކާއިން ގުޅިގެން އިރާނާ ދެކޮޅަށް ހަނގުރާމައެއް ފަށައިގެން އުޅޭތީ އެވެ. އޭނާ ވިދާޅުވީ އެމެރިކާގައި ބާއްވާ މުބާރާތުގައި ބައިވެރިވުން އެ ގައުމުގެ ކުޅުންތެރިންނަށް ރައްކާތެރި ނޫން ކަމަށެވެ. އެކަމަކު، އިރާން ފުޓްބޯޅަ ފެޑެރޭޝަނުން އައީ، އެމެރިކާގެ ބަދަލުގައި، އިރާންގެ މެޗުތައް މެެކްސިކޯގައި ކުޅެވޭނެ ގޮތެއް އޮތްތޯ، ފީފާއާ އެކު ވާހަކަ ދައްކަމުންނެވެ. އެކަމަކު، އެ ފުރުސަތު ނުދޭން ފީފާ އިން އޮތީ ނިންމައިފަ އެވެ.
އިރާނުން ކޮސްޓަ ރިކާއާ ދެކޮޅަށް ތުރުކީގައި ކުޅުނު މެޗު ބަަލާލުމަށްޓަކައި ފީފާގެ ރައީސް އިންފަންޓީނޯ ވަޑައިގެންނެވި އެވެ. އަދި، އެ މެޗަށް ފަހު އިރާންގެ ފުޓްބޯޅަ އެސޯސިއޭޝަންގެ އޮފިޝަލުންނާ އެކު ބައްދަލުވުންތަކެއް ބާއްވައި، އިންފަންޓީނޯ ދެކޭ ގޮތް ހިއްސާކުރެއްވި އެވެ.
ކޮސްޓަ ރިކާ މެޗަށް ނުކުތްއިރު އިރާންގެ ކުޅުންތެރިން ހަނގުރާމައިގައި މަރުވި ކުދިންގެ ފޮޓޯ ހިފައިގެން.--- ފޮޓޯ: ގެޓީއިމޭޖަސް
"ފީފާ އިން މި ދަނީ މި ކަމުގައި ދެވޭނެ އެންމެ ބޮޑު ގޮތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުން. އަހަރެމެން ބޭނުންވަނީ އެ މީހުން (އިރާން) ވޯލްޑް ކަޕްގައި ކުޅެން. ޕްލޭން ބީއެއް، ސީ އެއް ނޫނީ ޑީ އެއް ނެތް، ހަމައެކަނި ޕްލޭނަކީ ކުރިން އޮތް ގޮތަށް ކުޅުން،" އިންފަންޓީނޯ ވިދާޅުވި އެވެ.
"އިރާން ތަމްސީލުކުރަނީ އެ ގައުމުގެ މީހުން، އިރާންގައި ދިރިއުޅޭ މީހުން، ނޫނީ އެ ގައުމުގައި ދިިރިނޫޅުނަސް އެ ގައުމުގެ ރައްޔިތުން. އިރާން ވޯލްޑް ކަޕަށް ކޮލިފައިވީ ސްޕޯޓިން މެރިޓުގައި ދަނޑުމަތިން. މި ދައްކަނީ ވޯލްޑް ކަޕަށް ވަރަށް ކުރިން ކޮލިފައިވި ފުޓްބޯޅައިގެ ގައުމެއްގެ ވާހަކަ. އަހަރެމެން ބޭނުން އެ ގައުމުގައި ފުޓްބޯޅަ ދިރި އޮންނަން، ދުނިޔޭގައި ވަރަށް ބައިބައިވުން އެބައޮތް، އަހަރެމެން ބޭނުންވަނީ ފުޓްބޯޅައިން މި ބައިބައިވުންތައް ނައްތާލައި އެއްބަައިވަންތަކުރަން،"
ދުނިޔޭގެ އެންމެ މަގުބޫލު ކުޅިވަރު މުބާރާތް ފީފާ ވޯލްޑް ކަޕުގައި އިރާން އޮތީ ގްރޫޕް ޖީ ގަ އެވެ. އިރާނުގެ ހުރިހާ މެޗުތަކެއް ވެސް ކުޅެން ހަމަޖެހިފައި އޮތީ އެމެރިކާގަ އެވެ. އިރާނާއެކު އެ ގްރޫޕުގައި ދެން އޮތީ ބެލްޖިއަމް، އިޖިޕްޓް އަދި ނިއުޒީލެންޑެވެ. އިރާން ކުޅޭ ފުރަތަަމަ ދެ މެޗު އޮތީ ލޮސް އެންޖެލްސްގައި، ނިއު ޒީލެންޑާއި ބެލްޖިއަމާ ދެކޮޅަށް ޖޫން 15 އާއި 21 ގަ އެވެ. އަދި، މިސްރާ ދެކޮޅަށް ކުޅެން އޮތް މެޗު، ޖޫން 26 ގައި ކުޅޭނީ ސިއޭޓަލްގަ އެވެ.
މި މަހު ކުޅުނު ދެ މެޗުގައި ވެސް އިރާން ގައުމީ ފުޓްބޯޅަ ޓީމުން ވަނީ މިހާރު އެމެރިކާ އާއި އިޒްރޭލުން އިރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގައި މަރުވި ފަރާތްތަކުގެ ހަނދާން އާ ކޮށްފަ އެވެ. އެ ގޮތުން، ކޮސްޓަ ރިކާއާ ދެކޮޅަށް އިއްޔެ ކުޅުނު މެޗަށް ނުކުތްއިރު، އިރާން ކުޅުންތެރިން ނުކުތީ ހަނގުރާމައިގައި މަރުވި ކުދިންގެ ފޮޓޯތައް ހިފައިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ