ދެކުނު ކޮރެއާގައި ޓީޗަރަކު އަށް އަހަރުގެ ދަރިވަރަކަށް ވަޅިން ހަމަލާދީ މަރާލައިފި
ދެކުނު ކޮރެއާގެ އެލިމެންޓަރީ ސްކޫލެއްގައި އުމުރުން އަށް އަހަރުގެ އަންހެން ދަރިވަރަކަށް ޓީޗަރަކު ވަޅިން ހަމަލާދީ މަރާލައިފިއެވެ. އުމުރުން 40 އަހަރުގެ އަންހެން ޓީޗަރު ވަނީ ދަރިވަރަށް ވަޅިން ހަމަލާދިން ކަމަށް އިއުތިރާފުވެފައެވެ. ޒަޚަމުތަކާ އެކު އެ ދަރިވަރު ފެނިފައިވަނީ ހޯމަ ދުވަހުގެ ރޭ 18:00 ހާއިރު ސްކޫލު އިމާރާތެއްގެ ދެވަނަ ފަންގިފިލާއިން ކަމަށާއި އަދި އޮތީ މަރުވެފައި ކަމަށް ވެސް ހޮސްޕިޓަލާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކުރެއެވެ. އެ ހާދިސާއާ ގުޅިގެން ދެކުނު ކޮރެއާގެ ވަގުތީ ރައީސް ޗޮއި ސަންގް މޮކް ވަނީ އެ މައްސަލަ ތަހުގީގު ކުރުމަށް އަމުރުކުރައްވާފައެވެ. އަދި، އެފަދަ ހާދިސާތައް ދެން ދުވަހަކު ވެސް ނުހިނގާނެ ގޮތަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަން ކަމާބެހޭ ފަރާތްތަކަށް އިލްތިމާސް ކުރައްވާފައެވެ. ވަޅިން ހަމަލާދިނުމުގެ ދުވަސްތަކެއް ކުރިން ޓީޗަރުގެ ފަރާތުން އާދަޔާ ޚިލާފު ކަންތައްތަކެއް ފެނުނު ކަމަށާއި، އެގޮތުން ސްކޫލްގައި މަސައްކަތްކުރާ ޓީޗަރެއްގެ ބޮލުގައި ޖަހާފައިވާ ކަމަށް ދެކުނު ކޮރެއާގެ ތައުލީމާބެހޭ އޮފީހުން ހާމަކޮށްފައިވެއެވެ. މަރުވި ދަރިވަރު ގެއްލިގެން ރިޕޯޓުކޮށްފައިވަނީ ހޯމަ ދުވަހެވެ. ހަމަލާދިނުމުގެ ކުރިން ޓީޗަރު ވަނީ ޑިޕްރެޝަންއަށް ފަރުވާ ކުރާ ކަމަށް ބުނެ ހަ މަސް ދުވަހުގެ ޗުއްޓީއެއް ވެސް ޑިސެމްބަރު މަހު ނަގާފައެވެ. ނަމަވެސް، އޭގެ 20 ދުވަސް ފަހުން އެނބުރި ވަޒީފާއަށް ނުކުމެފައިވާ ކަމަށް ތައުލީމާބެހޭ އޮފީހުން ބުނެއެވެ. އަދި, ޗުއްޓީ ނެގުމަށް ފަހު އެއްވެސް ކްލާހަކަށް ކިޔަވައިދޭން ގޮސްފައިނުވާ ކަމަށް ވެސް އެ އޮފީހުން ހާމަކޮށްފައިވެއެވެ. ހަމަލާދިން ދަރިވަރާއި ޓީޗަރާ އެއްވެސް ގުޅުމެއް ވެސް ނެތް ކަމަށް އޮފިޝަލުން ބުނެއެވެ. ދެކުނު ކޮރެއާއަކީ ބަޑި ކޮންޓްރޯލް ކުރުމުގެ ހަރުކަށި ގާނޫނުތަކެއް އޮންނަ އާންމު ގޮތެއްގައި ރައްކާތެރި ގައުމެކެވެ. ނަމަވެސް, ފާއިތުވި އަހަރުތަކުގައި ވަޅިން ހަމަލާދިނުން ހިމެނޭ ގޮތަށް ކަންބޮވުވާވަރުގެ ނުރައްކާތެރި ހާދިސާތައް އެ ގައުމުގައި ހިނގާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ