ސަސްޕެންޑުކޮށްފައި ހުންނެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ފަރާތުން ނޫސް ބަޔާން ނެރުމަކީ ސުލޫކީ މައްސަލައެއް ނޫން ކަމަށް، ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ ނުފޫޒުން އަޒްމިރާލްދާ ޒާހިރު ހިމެނޭހެން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކާ ދެކޮޅަށް އުފެއްދި މައްސަލަތަކާ ގުޅިގެން އަޒްމިރާލްދާގެ ފަރާތުން އޭނާގެ ދިފާއުގައި ނޫސްބަޔާން ނެރުން ވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކޮންޓްރޯލް އޮތް ޖުޑީޝަލް ސާވިސް ކޮމިޝަނަށް އެންމެ ފަހުން ގޯސްވެ، އެކަން ސުލޫކީ މައްސަލައެއްގެ ގޮތަށް ބަލަން ވަނީ ނިންމައިފަ އެވެ.
ޖޭއެސްސީގެ އަމިއްލަ އިސްނެގުމަށް ބަލަން ނިންމި އެ މައްސަލައާ ގުޅޭ ގޮތުން އެ ކޮމިޝަނުން އަދި ބަހެއް ހާމައެއް ނުކުރެ އެވެ.
ނަމަވެސް އަޒްމިރާލްދާގެ ހައްގުގައި ބަސް ބުނުން ހުއްޓުވަންޓަކައި ނޫސްބަޔާން ނެރޭ މައްސަލަ ބަލަން ނިންމާފައިވާ ކަމަށް އިތުބާރު ކުރެވޭ މަސްދަރުތަކުން "އަދަދު" ނޫހަށް ކަށަވަރުކޮށް ދިނެވެ.
މިކަމާ ގުޅިގެން ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "އަދުލްއިންސާފު ގާއިމުކުރުމުގެ ބާރުގެ އެންމެ އިސްފަރާތުގައި ހިމެނޭ ފަނޑިޔާރަކު ނޫސްބަޔާނެއް ނެރުމަކީ އޭގެ ޒާތުގައި ސުލޫކީ މައްސަލައެއް ނޫން" ކަމަށެވެ.
"ސުލޫކީ މައްސަލަޔަކަށް ވާނީ ކޯޓުގައި ހިނގަމުންދާ މައްސަލައަކާ ގުޅިގެން ނުވަތަ ސިޔާސީ ހިލާފުތަކާ ގުޅިގެން ކޮމެންޓްކޮށް ނެރޭ ބަޔާންތައް،" ޑރ. އަހުމަދު ވިދާޅުވި އެވެ.
ޑރ. އަހުމަދު ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު އަދުލްއިންސާފު ގާއިމުކުރުމުގެ ނިޒާމާ ގުޅުންހުރި އިދާރީ ކަންތަކާއި، އަދި އެ ނިޒާމުގެ މުސްތަގިއްލު ކަމަށް ދިމާވެފައިވާ ގޮންޖެހުންތަކާ ގުޅިގެން ނުވަތަ ގާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ނ) އާއި (ރ) އާ ހިލާފަށް، މަންހަޖީ ނުވަތަ ސިސްޓެމެޓިކް ގޮތެއްގައި ހިންގޭ ކަންތައްތަކާ ގުޅިގެން ކޮމެންޓް ކުރުމަކީ ސުލޫކީ މައްސަލައެއް ކަމުގައި ނުބެލެވޭނެ ކަމަށެވެ.
(ނ) އަމިއްލަ ފަރުދަކު ވިޔަސް، ދައުލަތުގެ ކަމެއް ހިންގުމާ ހަވާލުވެ ހުރި މީހަކު ވިޔަސް، ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވައި ހަދައިގެނެއް ނުވާނެ އެވެ.
(ރ) ކޯޓުތަކުގެ މިނިވަންކަން ރައްކާތެރިކުރުމަށާއި، ކޯޓުތަކުގެ ހައިބަތާއި ގަދަރު ހިމާޔަތްކޮށްދީ، އެތަންތަނަކީ ކޮންމެ މީހަކަށްމެ ފަސޭހައިން މައްސަލަ ހުށަހެޅޭ، ވަކިފަރާތަކަށް ނުޖެހި، ހަރުދަނާގޮތެއްގައި މަސައްކަތްކުރާ ތަންތަން ކަމަށް ހެދުމަށްޓަކައި، ގާނޫނާއި ގަވާއިދުތަކުގެ ޒަރީއާއިންނާއި އެހެނިހެން ގޮތްގޮތުންވެސް ދައުލަތުގެ އިދާރާތަކުންނާއި ދައުލަތުގެ ކަންތައްތައް ހިންގުމާ ހަވާލުވެތިބި އެންމެހައި މީހުން ކޯޓުތަކަށް އެހީތެރިވާންވާނެ އެވެ.
އަޒްމިރާލްދާ ޒާހިރު އާ ގުޅޭ ގޮތުން ޖޭއެސްސީއިން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގު ރިޕޯޓުގައި، އެ ކޮމިޝަނަށް ބަޔާން ދެއްވި ގާޒީންގެ ތެރެއިން ގާޒީއަކު ވިދާޅުވި ކަމަށް ބުނެ އެ ރިޕޯޓުގައި ދޮގު ހިމަނާފައިވާ ކަމަށް އަޒްމިރަލްދާގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފައިވެ އެވެ.
އަޒްމިރާލްދާ ހިމެނޭހެން ސަސްޕެންޑުކުރި އަނެއް ދެ ފަނޑިޔާރުންނަކީ މަހާޒު އަލީ ޒާހިރު އާއި ހުސްނުއް ސުއޫދު އެވެ.
ފަނޑިޔާރުންގެ މައްސަލަތައް ބަލަން ފެށީ ފަނޑިޔާރުންނަށް ބިރު ދައްކައި ނުފޫޒު ފޯރުވަން ކަމަށް ތުހުމަތުކޮށް، ސުއޫދު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.
އެހެންވެ، ޖޭއެސްސީން މިހާރު ބަލަމުން ދަނީ އަޒްމިރާލްދާ އާއި މަހާޒުގެ މައްސަލަ އެވެ.
ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި ބަންޑާރަ ނައިބު އަހުމަދު އުޝާމް އާއި ޖޭއެސްސީގެ ރައީސް ހުސެއިން ރިޒާ އާދަމް އަދި އޭސީސީގެ ރައީސް އާދަމް ޝާމިލް ކަމަށް ސުއޫދު ވިދާޅުވެފައިވެ އެވެ.
އިސްތިއުފާ ދެއްވުމަށްފަހު ޖޭއެސްސީއަށް ފޮނުވި ސިޓީގައި ސުއޫދު ވިދާޅުވީ، ކޯޓަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރަނީ، ސިޔާސީ ޕާޓީތަކަށް ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ކުރަން ކޯޓަށް ހުށަހަޅާފައިވާ މައްސަލައަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކަމަށެވެ.
ރައީސް މުއިއްޒު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ބިރު ދައްކައި، އެ ކޯޓަށް ނުފޫޒު ފޯރުވަމުން ގެންދަވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ތަހުގީގު ކުރަން އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީއިން ވަނީ ގޮވާލައިފަ އެވެ.
އަޒްމިރާލްދާ ނޫސްބަޔާން ނެރުމަކީ ސުލޫކީ މައްސަލައެއް ނޫން: ކުރީގެ އުއްތަމަ ފަނޑިޔާރު އަޒްމިރާލްދާ ނޫސްބަޔާން ނެރުމަކީ ސުލޫކީ މައްސަލައެއް ނޫން: ކުރީގެ އުއްތަމަ ފަނޑިޔާރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ