ރިޔާސީ ބަޔާން 2025: މަސްވެރި ސިނާއަތަށް އެތަކެއް އުންމީދެއްގެ ފެށުން

މި އަހަރުގެ ރައްޔިތުން މަޖިލީހުގެ ފުރަތަމަ ޖަލްސާގެ ރިޔާސީ ބަޔާން އިއްވަން ބޭއްވި ޖަލްސާ ވެގެން މިދިޔައީ މަސްވެރި ސިނާއަތުގެ އެތަކެއް އުންމީދެއްގެ ފެށުމާއި އެކީގައެވެ. އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ދިވެހިރާއްޖޭގެ އެންމެ މުހިންމު އެއް ސިނާޢަތް ކަމުގައިވާ މަސްވެރިކަމުގެ ސިނާއަތަކީ އަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ހާއްސަ އިސްކަމެއް ދެއްވައިގެން ކުރިއެރުވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ސިނާއަތެއްކަން ފާހަގަކޮށްލެވެއެވެ. ރައީސްގެ ވަުދުފުޅުތަކަކީ މަސްވެރިކަމުގެ ސިނާއަތް ސިންދަފާތުކޮށް ކުރިއެރުވުމަށް އަދި މި ދާއިރާ ތަރައްޤީކުރުމަށް ނުހަނު މުހިންމު ވަޢުދުފުުތަކެއް ކަމީ އެއްވެސް ޝައްކެއް ނެތް ކަމެކެވެ.
މި އަދުގެ ރިޔާސީ ބަޔާނުގައި މިހާރު ކުރެވެމުންދާ މަސްވެރިކަމުގެ ސިނާއަތާއި ގުޅުންހުރި މުހިންމު މަސައްކަތްތަކުގެ ވާހަކަ ރައީސް ވަނީ ފާހަގަ ކުރައްވައިފައެވެ. ދިވެހި މަސްވެރިކަމަކީ ދިވެހީންގެ އައިޑެންޓިޓީއާއި ދިވެހީންގެ ދެމި ތިބުމާ ގުޅިފައިވާ ޤުދުރަތީ އެންމެ މުހިންމު އެއް ހަދިޔާކަން ފާހަގަކުރައްވާ ދިވެހި މަސްވެރިކަމުގެ ސިނާއަތް ޒަމާނާ އެކަށޭނަހެން އަބަދުވެސް ކުރިއެރުވުމަކީ، އެންމެ މުހިންމު އެއް ސިޔާސަތުކަން ރައީސްގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވައިފައެވެ. މިގޮތުން ރައީސުލްޖުމުހޫރިއްޔާގެ ރިޔާސީ ވަޢުދުފުޅާއި އެއްގޮތަށް 48 ގަޑި އިރު ތެރޭގައި މަސްވެރީންނަށް ފައިސާ ދެވޭނޭ ނިޒާމު ދެމެހެއްޓެނިވި ގޮތެއްގައި ޤާއިމުކުރެވިފާކަން ރައީސް ވަނީ ފާހަގަކުރައްވައިފައެވެ.
މީގެ އިތުރުން، މަސްވެރިކަމުގެ ސިނާޢަތު ފުޅާކުރުމަށްޓަކައި، ރައީސްގެ ވަުދުފުޅާއި އެއްްގޮތަށް، ޅ. ފެލިވަރު، ގދ. ފިޔޯރީ އަދި ފ. ނިލަންދޫގައި ކޯލްޑް ސްޓޯރޭޖް ޤާއިމުކުރުމާއި، މަސް ޕްރޮސެސިންގ ޕްލާންޓް ޤާއިމުކުރުމުގެ މަސައްކަތްކުރުމާއި، ގދ. ތިނަދޫ، މ. މުލަކު، ގއ. ކޫއްޑޫ، އަދި ހއ. އިހަވަންދޫގައި ކޯލްޑް ސްޓޯރޭޖު ޤާއިމުކުރުމުގެ މަސައްކަތްކުރުމާއި، ހުޅުމާލޭގައި ބޮޑުކަންނެލި ފެކްޓްރީއެއް ޤާއިމުކުރުމުގެ މަސައްކަތް އެކި މަރުހަލާތަކުގައި މިއަހަރު ކުރިއަށްދާނެކަން ވަނީ ފާހަގަކުރައްވައިފައެވެ. އަދި މީގެ ތެރެއިން ފެލިވަރާއި ގދ ތިނަދޫގެ ކޯލްޑް ސްޓޯރޭޖުގެ މަސައްކަތް މިއަހަރު ނިމޭނެކަމަށާއި އަދި 2026ގައި ހުޅުމާލޭ ބޮޑުކަންނެލި ފެކްޓްރީއާއި، ހއ. އިހަވަންދޫ، މ. މުލައް، ކޯލްޑް ސްޓޯރޭޖް އަދި ފެލިވަރު މަސް ޕްރޮސެސިންގ ޕްލާންޓުގެ މަސައްކަތް އަދި އަދި ގދ. ފިޔޯރީ އާއި ފ. ނިލަންދޫގައި ޤާއިމުކުރެވޭ ކޯލްޑް ސްޓޯރޭޖް އާއި މަސް ޕްރޮސެސިންގ ޕްލާންޓްތައް 2027ގެ ކުރީކޮޅު ނިމޭނެނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ފާހަގަކުރައްވައިފައެވެ.
 
" މީގެ ގިނަ މަޝްރޫޢުތަކަކީ ބޭރުގެ ފަންޑިން އެޖެންސީތަކުން އެހީދީގެން ހިންގާ މަޝްރޫޢުތައް. މިގޮތުން ފެލިވަރު ކޯލްޑް ސްޓޯރޭޖަކީ އިންޑިއަން އެގްޒިމް ބޭންކް ލޯނުގެ ދަށުން އަޅާ ފެސިލިޓީއެއް. މ. މުލައް އަދި ކޫއްޑޫގެ މަޝްރޫޢަށް ފަންޑު ކުރަނީ ސައުދީ ފަންޑުން. އަދި ހއ. އިހަވަންދޫ ކޯލްޑް ސްޓޯރޭޖާއި، ހުޅުމާލެ ކަންނެލި ފެކްޓްރީއަކީ، އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުގެ އެހީއާއެކު ޤާއިމުކުރާ ފެސިލިޓީއެއް. އަދި ގދ ފިޔޮރީއާއި ފ. ނިލަންދޫ މަޝްރޫޢަށް ފައިނޭންސްކޮށްދެނީ ޗައިނާގެ ލޯން ފެސިލިޓީއަކުން. " ރައީސް ޑރ. މުޙައްމަދު މުޢިއްޒު
މަސްވެރިކަމުގެ ސިނިާތައް ޒަމާނާ އެއްގޮތަށް ތަރައްޤީކުރުމަށް މަސްވެރިންގެ ދަުތަރއް އެކުލަވާލުމަކީ ރައީސް ޑރ. މުޢިއްޒޔ ވަރަށް ހާއްސަ އިސްކަމެއް ދެއްވައިގެން ކުއަށް ގެންދިޔަ މަސައްކަތެކެވެ. މިގޮތުން މިހާރު ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގެައި ހަރާކާތްތެރިވާ އުޅަނދުތަކުގެ 95 އިންސައްތަ ވަނީ މިހާރު ދަފުތަރުވެފައިކަން ރައީސް ވަނީ ފާހަގަކުރައްވައިފެވެ. މި ދަފްތަރުގައި ރަޖިސްޓަރީވާ މަސްވެރިންނަށް ބޭންކިންގ ނިޒާމުގެ ތެރެއިން ލުއިލޯނު ހޯދުމުގެ ފުރުޞަތާއި އެސް.ޓީ.އޯ ކްރެޑިޓް ފެސިލިޓީ ފަދަ ކަންކަމަށް އެޕްލައިކުރުމުގެ ފުރުޞަތު މި އަހަރު ނިމުމުގެ ކުރިން ފަހިވެގެންދާނެކަމުގައި ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ފާހަގަކުރައްވައިފައެވެ.
އައިހުގެ މައްސަލައަކީ ޒަމާނުއްސުރެ ދިވެހި މަސްވެރިންނަށް ދިމާވެފައި އޮންނަ ބޮޑު ގޮންޖެހުމެކެވެ. އައިސް ހޯދަން ލޭންޑް ބޭސްޑް އައިސް ޕްލާންޓުތަކަށް ދިޔަމށް މަސްވެރިން އެތަކެއް ހަރަދެއް އަންނަނީ ކުރަމުންެވެ. އައިސް ޕްލާންޓްތައް ރަނގަޅަށް ނުބެލެހެއްޓމުގެ ސަބަބުން މި މައްސަލަ އަންނަނީ އިތުރަށް ބޮޑުވަމުންކަން ފާހަގަކުރެވެއެވެ.
މަސްވެރިންނަށް އައިސް ލިބުމުގައި ދިމާވާ ގޮންޖެހުންތަކެއްވެސް ޒަމާނުއްސުރެ ހުރިކަން ފާހަކަކުރައްވަމުން ރައީސް ވިދާޅުވީ އެ ކަން ހައްލުކުރުމުގެ ގޮތުން މިއަހަރު ތެރޭގައި ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށް ދ. މީދޫ، ށ. ފުނަދޫ، ދ. ބަނޑިދޫގައި، އަދި ސަޢުދީ ފަންޑުގެ ލޯން އެހީގައި ހއ. ދިއްދޫ، ށ. ކޮމަންޑޫ، ހދ. ކުޅުދުއްފުށި، ގދ. ރަތަފަންދޫ، އަދި އއ. ރަސްދޫގައި އައިސްޕްލާންޓް ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާނެކަމަށެވެ. އަދި މީގެ އިތުރުން 100 ދޯނީގައި އާރް.އެސް.ޑަބްލިއު ސިސްޓަމްތައް ބެހެއްޓުމަށް އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުގެ އިސްލާމިކް ފައިނޭންސްއިން ފެސިލިޓީއެއްގެ ދަށުން ރަހުނަކާ ނުލައި އެއްލައްކަ ރުފިޔާއިން ފެށިގެން ދެ މިލިއަން ރުފިޔާއާ ހަމައަށް އާރް.އެސް.ޑަބްލިއު ސިސްޓަމަކާ ޖަނޭޓަރަކާ އަދި ސޯލާ ޕެނަލް ގަތުމަށް ފައިސާ ލިބޭނެ އިންތިޒާމް ހަމަޖެހިފައުިވާކަން ރައީސް ވަނީ ފާހަގަކުރައްވައިފައެވެ. އާރް.އެސް.ޑަބްލިއު ބޭނުންކުރަން ފެށުމުން މަސްވެރީން އައިސް ގަންނަން ކުރާ ދަތުރު ޚަރަދު ވަރަށް ބޮޑަށް ކުޑަވެގެންދާނެއެވެ. އަދިހަމައެއާއެކީ މަސްވެރިންނަށް ފަސޭހައިން ތެޔޮލިބޭ އިންތިޒާމް ވަނީ މިހާރު ހަމަޖެހިފައެވެ.
 
ހަބަރު: ސަރުކާރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ