ވާދަވެރިންގެ ފޯކަހުން މުއިއްޒު ގެއްލުވާލަނީ!

ރައީސް މުއިއްޒުގެ ހޮޅި ސަރުކާރުން ހިންގާ ފަސާދައާއި ކޮރަޕްޝަން ވައްކަމަށްދެވޭ ސަމާލުކަން ކުޑަވާގޮތަށް އެއްވެސް ބަޔަކު ކުރާއެއްވެސް ކަމެއް ބަލައެއް ނުގަނެވެއެވެ. ވާދަވެރި ޕާޓީތަކުން އެއްބަޔަކު އަނެއް ބަޔަކަށް އަމިއްލަ އެޖެންޑާތައް ކުރިއަށް ނެރެގެން 2028އަށް ދޮންކުރަން އުޅެންވީ ވަގުތަކީ މިއެއް ނޫނެވެ. 
އެމްޑީޕީއަކަސް ޑިމޮކްރެޓަކަސް އަދާލަތަކަސް ތާރޑްވޭއަކަސް ކުރާން އޮތް ކަމަކީ މުއިއްޒު ސަރުކާރު ޖަވާބުދާރީ ކުރުމެވެ. މުއިއްޒާ 2028ގައި ވާދަކޮށް ވެރިކަން ހޯދާނީ ކާކުތޯ ބެލުމުގެ ވަގުތަކީ މިއެއްނޫނެވެ. ސަރުކާރުން ޖަހާ ހީލަތުގެ މަޅީތަކުގައި އިދިކޮޅު ޕާޓީތަކުންޖެހި ޕާޓީތަކުގެތެރެ އަގަޑަބަގަޑަ ކުރަން އެއްވެސް ބަޔަކު އުޅޭނެ ކަމެއްނެތެވެ.
މުއިއްޒުގެ ހީލަތްތެރި ސަރުކާރު 2028އާއި ހަމައަށް ދެމިއޮވެއްޖެނަމަ 2028ގައި ރިޔާސީ އިންތިހާބެއް އޮވެދާނެކަމަށް ހީކުރާނީވެސް މޮޔައެކެވެ. ވަރުގަދަ ޑިކްޓޭޓަރޝިޕަކާ ދިމާލަށް މުއިއްޒު މިސްރާބު ޖަހާފައިވާއިރު ރިޔާސީ ދައުރު ދަންމާނުލާ އޮންނާނެކަމަށް ހީނުކުރާށެވެ. މުއިއްޒު ހުރީ 20 އަހަރަށް އަމާޒު ހިފާފައެވެ. 
މުއިއްޒަށް ފަހިވާގޮތަށް ގާނޫނު އަސާސީ ބަދަލުކޮށްދީ ފާރަވެރި މުއައްސަސާތަކުގެ ވާގިނައްތާލާ ފަނޑިޔާރުގެ ގޮނޑިކޮއްކޮއަކަށް ބަދަލުކޮށްދޭން މަޖިލީހުގެ މެގަ މެޖޯރިޓީ އެތިބީ ފޫގަލާލާފައެވެ. އެމީހުންނަށް ރައްކާތެރިކަން އޮތީވެސް މުއިއްޒު ބާރުވެރި ކުރުވި ވަރަކަށެވެ. އެނގިތިބެ ގޮނޑިގެއްލުވާލާ އިސްލާހު ފާސްކުރާނީ މުއިއްޒާ ގުޅިގެން އެމީހުން ހާސިލްކުރަން ބޭނުންވާ ބޮޑެތި ކަންތައްތަކެއް އޮވެގެން ކަމާމެދަކު ސުވާލެއް ނެތެވެ. 
2028ގެ ރިޔާސީ ރޭހުގެ ޖާދޫގައި ޖެހިގެން ފޯކަސް ގެއްލި މުޅި ގައުމު މުއިއްޒު އަޅުވެތި ކުރާތަން ބަލަން ތިބެން ހެޔޮނުވާނެއެވެ. ހުރެވޭގޮތް ނޭނގި ދެއޮޑީގައި ފައިއަޅައިގެން ތިބޭ މީހުން ހަދާ ސިހުރުގައިޖެހި ގަނޑުކޮށް އޮތް މުއިއްޒާ ދެކޮޅު ފިކުރު ގަޑުބަޑުކުރަން އިދިކޮޅު މައި ޕާޓީ އެމްޑީޕީ ތެރޭން ކުޑަވެސް ޖާގައެއް ދީގެން ނުވާނެއެވެ. 
އެމްޑީޕީއަކީ ތަފާތުފިކުރާ ތަފާތު މަސްލަހަތާއެކު އެއް އަމާޒަކަށް ދާން ފަރިތަ ޕާޓީއެކެވެ. އެމްޑީޕީއަކީ ހަރުދަނާ ސިޔާސީ ލީޑަރުން ގިނަ ޕާޓީއެކެވެ. ވާދަވެރި އިންތިހާބެއްގައި ރާއްޖޭގެ ވެރިކަމަށް އައުމުގެ ފުރުސަތު އަދިވެސް އެންމެ ބޮޑު ޕާޓީއަކީ އަދިވެސް އެމްޑީޕީއެވެ. ދުރުގާ ތިބެ އެމްޑީޕީގެ ބަދަހިލަޝްކަރަށް ގަޅިއުކަނީ އެހެންވެއެވެ. 
އެމްޑީޕީގެ ލީޑަރޝިޕާ މެދު ޝައްކު އުފައްދާ ޖައްސާ ބައިބައިކޮށްލައިގެން އެމްޑީޕީގެ މައްޗަށް ގަދަވެގަންނަން ހުދުކާފޫރުހާ ސާފުކަން ދައްކައިގެން އުޅޭ މީހުންވެސް އެބައުޅެއެވެ. ފައްޔާޒަކީ ވަގަކަށް ހަދައިގެން ޝާހިދަކީ ބާގީއަކަށް ހަދައިގެން އިބޫއަކީ ޗޯރަކަށް ހަދައިގެން މެންބަރުންނާއި ރައްޔިތުންގެ ތެރޭގައި ޝައްކު އުފައްދައިގެން ކުރަންއުޅޭ ކަމަކީ އެމްޑީޕީ ރޫޅާލާ ޖަހައިގަތުމެވެ. މިއްޔަކީ ރިޔާސީ ޓިކެޓްގެ ވާހަކަ ދައްކައިގެން ބައިބައި ކުރުމުގެ ވަގުތެއް ނޫނެވެ. މިވަގުތަކީ އެއްވާނަކަށް ނިކުމެ އެކައްޗެއްކިޔާ މުއިއްޒު ސައިޒު ކުރުމުގެ ވަގުތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ