ހުޅުދެލީ ޑަބްލިއުޑީސީ ގޮނޑި ސަރުކާރަށް ގެއްލިއްޖެ، ކާމިޔާބުކުރީ އަމިއްލަ ކެންޑިޑޭޓު

ދ. ހުޅުދެލީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަނުގައި ޕީއެންސީ ކެންޑިޑޭޓާ ވާދަކޮށް، މޯލްޑިވްސް ޑިވަލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)ގެ ސަޕޯޓާއެކު ވާދަކުރި އަމިއްލަ ކެންޑިޑޭޓު، ފާތިމަތު ރިސާލާ އެ ގޮނޑި ކާމިޔާބު ކޮށްފިއެވެ. ބައި-އިލެކްޝަނުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ޕީއެންސީގެ ފަރާތުން ވާދަކުރި ފަރުޝާނާ އިސްމާއީލަށް ލިބުނީ 212 ވޯޓެވެ. އަދި އެމްޑީއޭގެ ސަޕޯޓާއެކު ވާދަކުރި ރިސާލާއަށް ލިބިފައިވަނީ 259 ވޯޓެވެ. އެހެން ކަމުން އޭނާ މި ގޮނޑި ކާމިޔާބުކޮށްފައި މި ވަނީ 47 ވޯޓުގެ ތަފާތަކުންނެވެ. މި ގޮނޑި ކާމިޔާބު ކުރުމަށް ޕީއެންސީގެ ފަރާތުން ވެސް ވަނީ ވަރަށް ބޮޑަށް ކެމްޕޭނު ކޮށްފައެވެ. މި ބައި-އިލެކްޝަނުގެ އިތުރުން މިއަދުވަނީ އިތުރު 11 ބައި-އިލެކްޝަނެއް ބާއްވައިފައެވެ. އެއީ ދެ ކައުންސިލަކަށް މެމްބަރަކު އައްޔަނު ކުރުމަށާއި، އިތުރު ނުވަ ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް މެންބަރުން އައްޔަނު ކުރުމަށެވެ. މިއަދުގެ އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު ލިބިގެން ވީ، 11،325 މީހުންނަށެވެ. އޭގެތެރެއިން ވޯޓުލީ ޖުމްލަ 6،275 މީހުންނެވެ. އެއީ ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ 55.41 އިންސައްތައެވެ. އޭގެ ތެރޭގައި ހިމެނެނީ 3،292 އަންހެނުންނާއި 2،983 ފިރިހެނުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ