ގޯލްޑަން ފުޓްސަލް ޗެެލެންޖް 2025 ގެ ޒޯން ތިނެއްގައި ކ. ކާށިދޫ އަތުން 7-4 އިން މޮޅުވެ، މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން، ބ. އޭދަފުށިން މި ފަހަރުގެ މުބާރާތުގެ ގަދަ 16 އިން ޖާގަ ހޯދައިފި އެވެ.
މި މެޗަށް ނުކުތްއިރު ވެސް ކާށިދޫ އަށް އޮތީ ޒޯން ފައިނަލާއި އަނެއް ބުރު ޔަގީންވެފަ އެވެ. އެހެންވެ، ކާށިދޫން މި މެޗަށް ނެރުނީ މީގެ ކުރިން މެޗުތަކުގައި ފުރުސަތު ނުދެވި ތިބި ކުޅުންތެރިންނެވެ.
މި ޒޯނުގެ ލީގު ބުރުުގެ އެއް ވަނަ ދިޔަ އޭދަފުށްޓަށް ވަނީ ހަތް ޕޮއިންޓް ލިބިފަ އެވެ. ދެ ވަނަ ހޯދި ކާށިދޫ އަށް ހަ ޕޮއިންޓް ލިބުނުއިރު، ތިން ވަނަ އަށް ދިޔަ މާފުށިން މިރޭ 11-1 އިން ޅ. ޗެމްޕިއަން، ކުރެންދޫ ބަލިކުރި ނަމަވެސް، މާފުށްޓަށް ލިބުނީ ހަތަރު ޕޮއިންޓެވެ. ކުރެންދޫ ކުޅުނު ތިން މެޗުން ވެސް ބަލިވެ، ނިންމާލީ ފުލުގައި އޮވެގެންނެވެ.
އޭދަފުށްޓަށް މި މެޗުގައި ގޯލުތައް ޖަހައިދިނީ މުހައްމަދު ފާސިރު (ފާއްޓެ) ހެޓްރިކެއްގެ އިތުރުން، ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ)، މުހައްމަދު އަޖުފާން، އަލީ ނަސީމް (ދިއްލި) އަދި ހުސެއިން ޝަރީފް (މުޑާ) އެވެ. މި މެޗުގައި، ކާށިދޫގެ އިސްމާއިލް ރަޔާން ދެ ގޯލު ޖެހިއިރު، އެ ޓީމުގެ އަނެއް ދެ ގޯލު ޖެހީ މުހައްމަދު އަޖުވަދު ސޮލާހު އާއި އަބާން މުހައްމަދު އެވެ.
މާފުށްޓަށް މިރޭގެ މެޗުގައި ލަނޑުތައް ޖަހައިދިނީ، އަހުމަދު ޝާވިން ޝިހާމް ހަތަރު ގޯލާއި އަހުމަދު ޝަމާލް ހެޓްރިކެއްގެ އިތުރުުން، އިސްމާއިލް ނަޒީހު، ހުސެއިން ރިފާން، ނަޖާހު އަބްދުލް ރަހީމް އަދި އަލީ އުޒެއިރު މުހައްމަދު އެވެ. ކުރެންދޫގެ ހަމައެކަނި ލަނޑު ޖެހީ، ހުސެއިން ޝިހާން އަބްދުލް ރަހީމް އެވެ.
ކާށިދޫ އާއި އޭދަފުށި ކުޅޭ ޒޯން ފައިނަލް މެޗު އޮންނާނީ އަންގާރަ ދުވަހުގެރޭގަ އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް: ކާށިދޫ ބަލިކޮށް ޗެމްޕިއަން އޭދަފުށި ގަދަ 16 އަށް ގޯލްޑަން ފުޓްސަލް ޗެލެންޖް: ކާށިދޫ ބަލިކޮށް ޗެމްޕިއަން އޭދަފުށި ގަދަ 16 އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ