ރައީސްގެ ރިޔާސީ ބަޔާނަކީ ރާއްޖޭގެ ފާގަތި މުސްތަޤުބަލަށް ފެހި ސިގްނަލެއް

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރިޔާސީ ބަޔާން އިއްވާފައެވެ. މި ބަޔާނާއި ގުޅިގެން ބޭއްވުނު ހާއްސަ ފޯރަމުގައި ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ 4 ވަޒީރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. ހުރިހާ ވަޒީރުންވެސް ފާހަގަކުރައްވާ ގޮތުގައި ދިވެހިރާއްޖެއަށް ތަރައްޤީގެ ރޮނގުން ބޮޑެތި ކުރިއެރުންތަކެއް ލިބެމުންދަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދުރުވިސްނުންފުޅާއި ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުންނެވެ.
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި ބޭއްވުނު މި ފޯރަމްގައި މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވަޒީރު މޫސާ ޒަމީރު، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު، މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް އަދި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާވެށްޓާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ބައިވެރިވެވަޑައިގަތެވެ. މި ހަތަރު ވަޒީރުންވެސް ވަނީ ރައީސުލްޖުމްހޫރިއްޔާ އިއްވެވި ރިޔާސީ ބަޔާނަށް ތަޢުރީފްކުރައްވާފައެވެ.
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ފާހަގަކުރެއްވި ގޮތުގައި ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ޤައުމުގެ އިޤްތިޞާދީ ހާލަތު އޮތީ ވަރަށް ދަށު ދަރަޖައެއްގައެވެ. އެހެންނަމަވެސް، އެ ހާލަތުން އަރައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވާކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. ވަޒީރު ސަޢީދުގެ ނަޒަރުގައި، ރައީސުލްޖުމްހޫރިއްޔާ ހޯއްދެވި އެންމެ ބޮޑު އެއް ކާމިޔާބީއަކީ ޤައުމު ބަނގުރޫޓުވިޔަ ނުދީ ސަލާމަތްކުރެއްވުމެވެ. އެގޮތުން ފައިސާ ޗާޕު ނުކޮށް ކަންކަން ރަނގަޅުކޮށް މި ސަރުކާރުން ވަނީ ކުރުމުއްދަތެއްގައި ގިނަ މަސައްކަތްތަކެއް ކޮށްފައިކަން ސައީދު ފާހަގަކުރެއްވިއެވެ.
"125 ބިލިޔަން ރުފިޔާގެ ދަރަނި ވާރުތަވި. އޭގެ 60 ޕަސެންޓަކީ ނިމިދިޔަ ސަރުކާރުން އުފެއްދި ދަރަނި. އޭގެ ބޮޑުބައި އާމްދަނީ ނުލިބޭނެ ގޮތަށް ހުރި ދަރަނި. 8000 މިލިޔަން ރުފިޔާގެ ފައިސާ ޗާޕްކޮށްފައިވަނީ ރުފިޔާގެ އަގު ވައްޓާލުމަށް. މިފަދަ ނާޒުކު ހާލަތެއްގައި ކަންކަން ރަނގަޅުކުރުމަށް ކުރު މުއްދަތެއްގެ ތެރޭގައި އެހާ ތަފްޞީލީކޮށް ރައީސް އޮފީހުން މަސައްކަތް ކުރި ސަރުކާރެއް މި ނޫނިއްޔާ ނުދެކެން." ސަޢީދު ވިދާޅުވިއެވެ.
މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ ރައީސް އިއްވެވި ރިޔާސީ ބަޔާނަކީ ފަހުގެ ތާރީޚެއްގައި އެންމެ ތަފްޞީލީކޮށް ރައްޔިތުންނަށް ބޭނުންވާ ކަންކަން ހިމެނިގެން ހުށަހެޅުއްވި ރިޔާސީ ބަޔާން ކަމަށެވެ. އަދި ރިޔާސީ ބަޔާނުގައި ރައްޔިތުން ބޭނުންވާ ކަންތައްތައް ކުރިއަށް ގެންދަވާނެ ގޮތް ހިއްސާކުރައްވާފައިވާކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. ހަމައެއާއެކުބައިނަލްއަޤްވާމީ ގޮތުން ކުރި ގުޅުންތައް ރަނގަޅުކޮށް، ކުރަންޖެހޭ މުޢާމަލާތްތައް ކޮށް، ރައްޔިތުންނަށް ފައިދާވާ ކަންކަން ހޯދައިދިނުމަށް މަސައްކަތްކުރެއްވި ކަމަށް ޒަމީރު ވިދާޅުވިއެވެ. އަދި ރައީސްގެ ޕްލޭނަކީ ކުރިއަށް އޮތްތަނުގައި ރާއްޖޭގެ އިޤްތިޞާދު އިތުރަށް ފުޅާކުރެއްވުން ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާވެށްޓާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދެވުމަށް އިޚުލާޞްތެރިކަމާއެކު މަސައްކަތް ކުރައްވާ ކަމަށެވެ. އެގޮތުން މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ރާއްޖޭގައި އުމްރާނީ ތަރައްޤީގެ 40 ބިލިޔަން ރުފިޔާގެ މަޝްރޫޢު ކުރިއަށް ގެންދިޔުމަށް އެކި ކުންފުނިތަކާއެކު ސޮއިކޮށްފައި އޮތުމުން އައު މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށް ދަތިތަކެއް ކުރިމަތިވި ނަމަވެސް، ޚަރަދު ކުޑަކޮށް އެކަންކަން ކުރިއަށް ގެންދިޔުމަށް މަގުތަކެއް ރައީސް ހޯއްދެވިކަމަށް ވަޒީރު ވިދާޅުވިއެވެ.
"ހަޤީޤަތުގައި އެމަނިކުފާނުގެ ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވި ކަންތައްތަކުގައި މިހާރު ކުރިއަށްދާ މަޝްރޫޢުތަކާއި އަލަށް ފަށާ މަޝްރޫޢުތައް ހިއްސާކުރެއްވި. މިކަންކަމުގެ ނަތީޖާ ނެރެދެވޭނެ އަހަރަކަށް މިއަހަރު ވާނެ. ޚާއްޞަކޮށް ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް މަޝްރޫޢުތައް ކުރިއަށް ގެންދެވޭނެ. ރައީސްގެ ވިޝަނަކީ ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި އަމިއްލައަށް ގެދޮރު އަޅަން ބޭނުންވާ ފަރާތްތަކަށް އެކަން ކުރާނެ މަގު ތަނަވަސްކޮށްދިނުން." މުއްޠަލިބް ވިދާޅުވިއެވެ.
މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ މަސްވެރިކަމުގެ ސިނާޢަތް ސިންދަފާތުކޮށް ކުރިއެރުވުމަށް ރަނގަޅު ޕްލޭންތަކެއް ހަދާފައިވާ ކަމަށާއި މިއަހަރު އެކަންކަން ތަންފީޒުވެގެންދާނެ ކަމަށެވެ. އަދި ރައީސްގެ ތަޞައްވުރަކީ މަސް ޕްރޮސެސިންގއާއި މަސް ރައްކާކުރެވޭނެ ނިޒާމު އިތުރުކުރުން ކަމަށާއި އެމަނިކުފާނުގެ ޒަޢާމަތުގައި މަސްވެރިކަމުގެ ދާއިރާއަށް އިންޤިލާބީ ބަދަލުތަކެއް ގެނެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން އައިސް ހޯދުމަށް މަސްދޯނިތައް ދުއްވާ ދުއްވުމަކީ ބޮޑު ހޭދައަކަށްވާތީ އޮޑިދޯނިފަހަރުގައި މަސް ފިނުކުރެވޭނެ ނިޒާމު ފަސޭހައިން ޤާއިމްކުރެވޭނެ ގޮތް ހަމަޖައްސާދީފައިވާކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
"ބޮޑެތި ބަދަލުތައް ގެނައުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެވިގެން އެބަދޭ." މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާބެހޭ ޝިޔާމް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިއްވެވި ރިޔާސީ ބަޔާނުގައި ޤައުމުގެ މިހާރުގެ ހާލަތު ވަރަށް ތަފްޞީލީ ގޮތެއްގައި ހާމަކުރެއްވިއެވެ. އަދި މިދިޔަ އެއް އަހަރެއްހާ ދުވަހުގެ ތެރޭގައި ސަރުކާރުން އެކި ދާއިރާތަކުން ކުރެއްވި މަސައްކަތްތައް ރައީސުލްޖުމްހޫރިއްޔާ ހިއްސާކުރެއްވިއެވެ. އޭގެ ތެރޭގައި ޤައުމުގެ އިޤްތިޞާދު ވެއްޓިފައިވާ އަނދަވަޅުން ނަގައި އިޤްތިޞާދު ހަމަ މަގަށް އެޅުމަށް ކުރައްވާ ކަންކަން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މިއަހަރު ކުރިއަށް ގެންދަވާނެ މަޝްރޫޢުތަކާއި މިހާރު ފަށާފައިވާ މަޝްރޫޢުތަކުގެ މަސައްކަތް ކުރިއަށްދާ ގޮތުގެ ތަފްޞީލުވެސް ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާނުގައި ހިއްސާކުރެއްވިއެވެ. މި ބަޔާނުގައި ރައީސް އަލިއަޅުއްވާލެއްވި މުހިންމު ކަންތައްތަކުގެ ތެރޭގައި އިޤްތިޞާދީ އިޞްލާޙުތައް، ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް، ތަޢުލީމީ ދާއިރާގެ ކުރިއެރުން، ޞިއްޙީ ޚިދުމަތްތައް ފުޅާކުރުން، އަދި މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާ ތަރައްޤީކުރުން ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ