ބާކީނުކޮށް، ގާބިލުކަން ދެއްކުމުގެ ފުރުސަތު މަސައްކަތުގެ މާހައުލުގައި އެންމެންނަށް ލިބެންވާނެ: ތޯރިގު

އެއްވެސް މީހަކު އިސްތިސްނާނުކޮށް، ކޮންމެ މީހަކަށް ވެސް މަސައްކަތުގެ މާހައުލުގައި އެ މީހެއްގެ ގާބިލުކަން ދެއްކުމުގެ ފުރުސަތު ލިބެންވާނެ ކަމަށް ފަތުރުވެރިކަމާ ތިމާވެއްޓާބެހޭ ވަޒީރު ތޯރިގު އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ހިއުމަން ރިސޯސް ޕްރޮފެޝަނަލްސް (މާޕް)އިން އިންތިޒާމުކޮށްގެން ބާއްވާ ފަސްވަނަ 'ނޭޝަނަލް އެޗްއާރް ކޮންވެންޝަން 2025' ފަށްޓަވައިދެއްވައި ވާހަކަ ދައްކަވަމުންނެވެ. އެޗްއާރު ކޮންވެންޝަންގައި ފަތުރުވެރިކަމާ ތިމާވެއްޓާބެހޭ ވަޒީރު ތޯރިގު އިބްރާހީމް ވާހަކަ ދައްކަވަނީ -- ފޮޓޯ/ މިނިސްޓްރީ ވަޒީރު ވިދާޅުވީ މަސައްކަތުގެ މާހައުލަކީ އެންމެން ގުޅިގެން މަސައްކަތް ކުރާ ތަނަކަށް ހެދުމަށް ވިސްނަންޖެހޭ ކަމަށެވެ. އެގޮތުން މަސައްކަތުގެ މާހައުލުގައި ޒުވާނުންނާއި އަންނެހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުން ވެސް އެކަހެރިވެގެން ނުދާނެކަން ކަށަވަރު ކުރަންޖެހޭ ކަމަށް ވަޒީރު ވިދާޅުވިއެވެ. "ޒުވާނުންނާއި، އަންހެނުންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ހަމައަށް، އެއްވެސް މީހަކު އަޅުގަނޑުމެންގެ ތެރެއިން އެކަހެރިވެ ބާކީ ނުވާނެކަން ކަށަވަރުކުރަން ޖެހޭ. ކޮންމެ މީހަކަށް ވެސް މަސައްކަތުގެ މާހައުލުގައި އެމީހެއްގެ ޤާބިލުކަން ދައްކުވައިދިނުމުގެ ފުރުސަތު ލިބެންވާނެ" ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ ކޮންމެ ރައްޔިތަކަށް ވެސް އެ މީހެއްގެ ގާބިލުކަން ދައްކުވައިދިނުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ. މިއަދު ފެށި އެޗްއާރު ކޮންވެންޝަން މާދަމާގެ ނިޔަލަށް ކުރިއަށް ދާނެއެވެ. އެޗްއާރު ކޮންވެންޝަންގެ ތެރެއިން -- ފޮޓޯ/ މިނިސްޓްރީ މި އަހަރުގެ ކޮންވެންޝަންގެ ތީމަކީ "އާ ގޮތްތައް ހޯދައި، ހާލަތަށް ބަދަލުވެ، ކުރިއަށް ދިއުން: ބަދަލުވަމުންދާ ދުނިޔެއަކަށް ގާބިލުކަން ބިނާކުރުން" މިއެވެ. މި ތީމުން ފާހަގަކޮށްދެނީ އަދުގެ އަވަސް ބާރުމިނުގައި ބަދަލުވަމުންދާ ދުނިޔޭގެ މާހައުލުގައި ހަލުވިކަމާއި، އާ ގޮތްތައް ހޯދުމާއި، މުސްތަގުބަލަށް ތައްޔާރުވެފައިވާ ލީޑަޝިޕްގެ މުހިންމުކަމެވެ. ސަބް - ތީމްތަކާއި މަޝްވަރާކުރެވޭނެ ދާއިރާތައް: ހަލުވިކަމާއި އާ ގޮތްތައް ހޯދުން އިންސާނީ ގާބިލުކަމާއި ލީޑަޝިޕް ތަރައްގީކުރުން އާޓިފިޝަލް އިންޓެލިޖެންސް މެދުވެރިކޮށް އެޗްއާރް އިންގިލާބީ ބަދަލަކަށް ގެނައުން ދުޅަހެޔޮކަމާއި ހެޔޮ ދިރިއުޅުމެއް މެދުވެރިކޮށް މަސައްކަތުގެ ބާރުތައް އަލުން އެކުލަވާލުން މި ފަހަރުގެ ކޮންވެންޝަންގައި ބައިނަލްއަޤްވާމީ އަށް ކީނޯޓް ސްޕީކަރުންނާއި، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ދާއިރާއާ ގުޅުންހުރި 16 މާހިރުންގެ ހުށަހެޅުން ހިމެނޭނެ ކަމަށް މާޕްއިން ބުންޏެވެ. މީގެ އިތުރުން، މި އަހަރު އަލަށް ތަޢާރަފުކުރާ ހަތަރު މާސްޓާ ކްލާސްތަކެއް ވެސް ހިމެނޭއިރު، މިއީ މިހާތަނަށް މާޕްގެ ފަރާތުން ބޭއްވޭ އެންމެ ބޮޑު އަދި އެންމެ ފުރިހަމަ ކޮންވެންޝަންކަމުގައި ވާނެ ކަމަށް ވެސް މާޕްއިން ބުންޏެވެ. ދެހާސް އަށާރަވަނަ އަހަރު އުފެދުނު މާޕް އަކީ ދިވެހިރާއްޖޭގައި އިންސާނީ ވަސީލަތްތައް ތަރައްގީކޮށް، އެ ދާއިރާގައި ފާހަގަކޮށްލެވޭ ކުރިއެރުންތަކެއް ހޯދުމަށް މަސައްކަތްކުރާ ޖަމިއްޔާއެކެވެ. އަހަރީ އެޗްއާރް ކޮންވެންޝަންގެ އިތުރުން މާޕްއިން ގިނަ އަދަދެއްގެ މުހިންމު ހަރަކާތްތަކެއް ވަނީ ހިންގާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ