މިއީ މިދިއަ ހޯމަދުވަހު އަވަހާރަވި ރާއްޖޭގެ މަޝްހޫރު ލިއުންތެރިޔާ މަޑުލު މުހައްމަދު ވަހީދު ލިއުއްވި ކުރު ވާހަކަތަކުގެ ތެރެއިން ވާހަކައެކެވެ. ވަހީދު ފާހަގަކުރެވެނީ ސާދާ ސިފަކުރުންތަކާއި ސާދާ ބަސްތައް ބޭނުންކުރައްވައިގެން ފެންވަރުމަތީ ލިއުންތެރިކަމެއް ގެންގުޅުއްވި ބޭފުޅެއްގެ ގޮތުގަ އެވެ. އެއީ އެފަދަ ދެވަނައެއް ނެތް ފަދަ ލިއުންތެރިކަމެކެވެ. އޭނާގެ ލިއުންތަކުން ދިވެހި ދަރިވަރުންނާއި ޒުވާނުންނަށް ދިވެހި ބަހުގެ މުއްސަނދިކަން ވިސްނައިދެވިދާނެ އެވެ. ވަހީދުގެ ފުރާނަފުޅަށް މާތް ﷲ ރަހުމަތްލައްވައި، އާއިލާއަށް ކެތްތެރިކަން ދެއްވާށި އެވެ. އާމީން.
---
ދުނިޔެ އޭގެ އުމުރަށް އެއް އަހަރު އިތުރުކޮށް އައު އަހަރަކަށް މިއަދު ކުރިމަތިލަނީ އެވެ. ދިރިއުޅުމުގައި އައު ކަމެއް ހިނގާ ކޮންމެ ދުވަހަކީ ވެސް އެކަމެއްގެ އަހަރީ ދުވަހެވެ. އައު ކަމަކަށް އަޒުމްކަނޑައަޅާ ދުވަހަކީ އެ ކަނޑައެޅުމުގެ އަހަރީ ދުވަހެވެ. އެހެންކަމުން ކޮންމެ ދުވަހަކީ ވެސް 'އައު އަހަރީ' ދުވަހެކެވެ. އެ ދުވަހަކުން ފެށިގެން 12 މަސް ދުވަސް އެއީ އަހަރެއް ފުރޭ ދުވަހެވެ.
ބަނބުކެޔޮ ގަހުގެ ހިޔަލުގައި ކޮޅުފިލާ ގޮނޑިއެއްގައި އިށީނދެލައިގެން އިނދެ ހަނޑޫ ހޮވުމުގެ ތެރެއަށް ގެއްލިފައިވާ ހައްވާފުޅުގެ ދެވަނަ ކައިވެންޏަށް މިއަދު އަހަރެއް ފުރުނުކަން އޭނާއަށް އެނގޭހެނެއް ހިއެއްނުވެ އެވެ. އެކަމާ ވިސްނާ ކަަމަކަށް ޤަބޫލެއްނުކުރެވެ އެވެ. އެހެންނަމަވެސް މިއަދަކީ، މުޙަންމަދާ އޭނާގެ ކައިވެންޏަށް އަހަރެއް ފުރުނު ދުވަހެވެ. މުޙަންމަދާއި ހައްވާފުޅުގެ ކައިވެނި ވީ މީގެ ސައްވީސް އަހަރު ކުރިން އައި ޖެނުއަރީ މަހެއްގެ އެއް ވަނަ ދުވަހު އެވެ.
ކައިވެންޏަށް އަހަރެއް ފުރޭ ދުވަހާ މެދު ނުވިސްނި ނަމަވެސް މުޙަންމަދާ އެކު އޭނާ ހޭދަކުރި ދިރިއުޅުން ނިމުމަކަށް އަންނަކަމުގެ އިޙުސާސްތަކެއް ހައްވާފުޅު ކުރަމުން އަންނަތާ ދެތިން ހަތަރު އަހަރެއް ވެއްޖެ އެވެ. އެ ދުވަހަކުން އޭނާ އެކަނިވާނެ ވަރު އެއީ ވަރަށް ބޮޑު ހިތާމައަކަށް ވާނޭ ކަމެކެވެ. އެއީ މުހަންމަދުގެ ހެޔޮކަމާއި އޯގާވެރިކަމުން މަޙުރޫމްވާނެއަތީ އެކަންޏެއް ނޫނެވެ. ހައްވާފުޅުގެ ދިރިއުޅުމުގެ ބައެއް ކަމުގައި މުޙަންމަދު ވެފައިވާތީ އެވެ. އޭނާގެ ހަށިގަނޑުގެ ބައެއް ކަމުގައި އޭނާގެ ފިރިމީހާ ވެފައިވާތީ އެވެ. އެބައި ގެއްލިއްޖެ ނަމަ، ދިރިހުއްޓަސް ހައްވާފުޅަކީ ނުުކުޅެދޭ މީހަކަށް ވާނެ އެވެ. އެހެންކަމުން، ހަނޑުލުގެ ތެރޭގައިވާ ވީ އާއި ކަޅު ހަނޑޫ ވަކިކުރަމުން ގެންދިޔަ އިރު ހިތުގެ ތެރޭގައި، ފަހަތަށް އުކަމުން ގެންދިޔައީ ހައްވާފުޅުގެ ހަޔާތުގެ ސަފުހާގެ ގަނޑުތަކެވެ.
ބޮލުން ވައްޓާލި ލިބާހާ އެކު، ހައްވާފުޅު މީހަކާ އިނީ ލޯބިވެވިގެންނެވެ. ކިޔެވުނަސް ނުކިޔެވުނަސް ވަރިހަމަ ކަމަށެވެ. އޭރު އޭނާގެ މުޅި ދިރިއުޅުމަކީ އިބްރާހިމެވެ. ރޭގަނޑާއި ދުވާލު ހުންނަނީ އޭނާގެ އިންތިޒާރުގަ އެވެ. ނިދީގައި ފެންނަ ހުވަފެނަކީ، ހޭލާ ހުންނައިރު ކުރެވޭ ޚިޔާލަކީ ވެސް، އިބްރާހިމާ އިނދެގެން އުޅޭނެ ދިރިއުޅުމެވެ. އަމިއްލަ ގެއެއްގަ އެވެ. ލިބޭ ކުދިން ބޮޑުކުރުމުގަ އެވެ. އެ ކުދިންނަށް ރަނގަޅު ދިރިއުޅުމެއް ހޯދައިދިނުމުގަ އެވެ.
އިބްރާހިމްގެ ހެޔޮކަމާއި، ހައްވާފުޅު ދެކެވާ ލޯބީގެ ސަބަބުން ރަނގަޅު ފިރިއަކަށް އޭނާ ވާނެކަމާ މެދު ޝައްކެއް ނުކުރެ އެވެ. އެހެންކަމުން ކައިވެނި ކުރެވޭނެ ދުވަހަކަށްޓަކައި، ދެ މީހުން ވެސް ގެންދިޔައީ ކެތްތެރިކަން ކުޑަ އިންތިޒާރެއްކުރަމުންނެވެ. އިބްރާހިމްގެ މަސައްކަތުން އޭނާއަށް ލިބިފައިވާ ގޯތީގައި ގެއެއް އަޅައި، ގިފިއްޔެެއް ތައްޔާރުކޮށް، ބަދިގެއެއް ވެސް އަޅައިފި އެވެ. ގޭގެ އެނދުއަށި ހަމަކޮށް ގޭތެރެއަށާއި ގޯތިތެރެއަށް ކަަށިވެލިލައިފި އެވެ. އެއަށް ފަހު، އޭނާގެ އަލަތު އަނބިމީހާ ގެނެސް ހެޔޮ އިރުވަރެއްގައި ގެއަށް ވައްދައިފި އެވެ. އުނދުނަށް އަލިފާން ލައިފި އެވެ.
ހައްވާފުޅު ބަލިވީ އޭގެ ދެމަސް ދުވަސް ފަހުންނެވެ. ގޭތެރޭގެ އެއްވެސް ކަމެއް ކޮށްލަން ތެދުވެ އުޅެވޭ ވަރެއް ނުވެ އެވެ. ހައްޔަރުގައި އިނުމުގެ ސަބަބުން ވެގެން އުޅޭ ބައްޔެއް ކަމަށް ބައެއް މީހުން ބުނެ އެވެ. އަނެއް ބަޔަކު ބުނަނީ، މި ބައްޔަކީ ކުށުވެރިކަމެއް ކަމުގަ އެވެ. ހުން އައުމާއި، ބޯއެނބުރުމާއި ހޮޑުލެވުމާއި މި ހުރިހާ ކަމެއް އެކުވެފައިވާ ކާހިތްނުވާ ބައްޔެކެވެ. އެހެންކަމުން ދުވަހެއް ދުވަހަކަށް ހަށިގަނޑު ދިޔައީ ދެރަވަމުންނެވެ. ދުވަސްކޮޅަކުން ރަނގަޅުވެދާނެ ކަމަށް މީހުން ބުނެ އުޅުނު ބަލިގަނޑު ވިހޭ އިރު ވެސް މުޅިން ރަނގަޅެއް ނުވެ އެވެ. ދުވަސް ނުފުރާ ވިހޭ އިރު، ދަރިފުޅު އޮތީ މަރުވެފަ އެވެ.
އެ ދަރިފުޅު ވަޅުލާފައި އައިސް ގެއަށް ވަދެ، އިބްރާހިމް އިށީނދެ އެއިން ތަނުގައި އިރު އޮއްސެންދެން އިނެވެ. މީހަކާ ވާހަކައެއް ނުދައްކަ އެވެ. ނުކަ އެވެ. އޭނާގެ އަންހެނުން ރޮއިރޮއި އޮތް ހާލެއް ނުދެނަ ހުއްޓެވެ. ފުރަތަމަ ދަރިފުޅުގެ އުފަން ވުމާއި އޭނާ ވަޅުލުން ހިމެނުނީ ދެމަފިރިންގެ ގާތްކަމާއި ގުޅުން ވެސް ވަޅުލެވިގެން ދިޔަ ފަދަ ކަމަކަށެވެ. އޭގެ ފަހުން އިބްރާހިމާއި ހައްވާފުޅުގެ ގުޅުން ދިޔައީ ކެނޑެމުންނެވެ. ހަރުދަނާކޮށް ކަމަށް ހީކޮށް އެޅި ބިންގަލުގެ މައްޗަށް ފެށި ހަޔާތް ފުނޑުފުނޑު ވެދާނެކަމަށް ހައްވާފުޅު ކުރި އާދޭސްތަކާއި އެޅިހާ ކަރުނަ ވެގެން ދިޔައީ ދިޔަވަރު ހިކިފައި އޮންނަ އިރު ކަކުނި ކޮންނަ ފަދަ ހޮރުތަކަކަށެވެ. ދިޔަވަރު ބޮޑުވުމުން ފޮރުވިގެން ދިޔައީ އެވެ.
އިބްރާހިމަކީ ނުބައި މީހެއް ނޫނެވެ. ނުބައި މީހެއް ކަމަށް ޤަބޫލުކުރާކަށް ހައްވާފުޅަކަށް ފަސޭހައެއް ވެސް ނޫނެވެ. އިބްރާހިމްގެ މައިންބަފައިން ކޮންމެވެސް ކަހަލަ ވާހަކަތަކެއް ދެއްކީ އެވެ. ބޯދާ ކަންތައްތަކާއި އާދަކާދަ އާއި ޒަމާނުއްސުރެ ހަރުލާފައި ހުންނަ ޤަބޫލުކުރެވޭ ކަންތައްތަކެއްގެ ސަބަބުން ކުށެއް ނެތް މީހުންނަށް، ބައެއް ފަހަރަށް އަދަބު ލިބެ އެވެ. ހައްވާފުޅުގެ ކުށަކީ އޭނާއަކީ ސުންޕާ މީހެއް ކަމަށް އޭނާގެ މައިދައިތަ އާއި ބަފައިކަލޭގެ ދުށުމެވެ. އެ ކުށުގެ އަދަބަކަށް ވީ، އޭނާގެ ލޯބިވާ މީހާއާ އެކު ދިރިއުޅުމުން މަޙުރޫމްވާން ޖެހުމެވެ.
މި އަދަބަކީ އެ އަދަބުގައި އެތައް މަހެއް، އެތައް އަހަރެއް ހޭދަކުރަން ޖެހުނު އަދަބަކަށް ވި އެވެ. އިބްރާހިމް ވަރިކުރުމުން ލިބުނު ހިތާމަ އާއި ދަރިފުޅު މަރުވުމުން ލިބުނު ހިތާމަ އެކުވުމުން، ހައްވާފުޅުގެ ބަލިކަށިވެފައިވާ ނިކަމެތި ހަށިގަނޑަށް ކެތްނުކުރެވޭނެ ކަމަށް އޭނާ ޤަބޫލުކުރި އެވެ. އެހެންނަމަވެސް ދުނިޔޭގައި ކަންތައްތައް ހިނގަނީ މީހުން ހީކުރާހާ ގޮތަކަށް ނޫން ކަމުން، ކަރުނައިގެ ތެރެއަށް، ނުގެނބި ދިރިހުރުމުގެ އައްސޭރިއަށް އާދެވުނީ އެވެ.
އެ ހިތާމައިގައި، މި ދުނިޔެ ދޫކުރަން ނުޖެހުނުކަމަށްޓަކައި، މިއަދު ޝުކުރުކުރެވޭހާވެ އެވެ. ސަބަބަކީ، މުޙަންމަދު ކަހަލަ މީހަކާ އެކު، ދިރިއުޅެން ފުރުސަތު ލިބުނީމަ އެވެ. މި ފުރުުސަތު ލިބުމުގެ ސަބަބުން ލޯބި ދަސްވެއްޖެ އެވެ. ދިިރިއުޅުން ޙިއްސާކުރުމުގެ އުފައުވެރިކަން ތަޖުރިބާކުރެވިއްޖެ އެވެ. ހިތްދަތިކަމަށް ކެތްކުރުމާއި ކެކުޅުންތަކަށް ކެތްތެރިވާން އެނގިއްޖެ އެވެ. މުޙަންމަދާ އެކު ހޭދަކުރި އަހަރުތަކުން ލިބުނު ހިތްހަމަޖެހުމަކީ ދިރިއުޅުން ފުރިހަމަވެއްޖެކަމުގެ ހިތްހަމަޖެހުމެވެ. ހެއްދެވި ފަރާތަށް ޝުކުރުގެ ކޮޅެއް ވެސް ނެތެވެ. ކެތްތެރިކަން ދެއްވިކަމަށްޓަކަ އެވެ. އެކަހަލަ މާތް މީހަކާ އެކު ދިރިއުޅުމުގެ ފުރުޞަތު ދެއްވިކަަމަށްޓަކަ އެވެ.
އިބްރާހިމް ވަރިކުރި ފަހުން އަހަރެއް ވީ އިރު ވެސް ހައްވާފުޅު ގެއިން ބޭރަށް ނުކުމެ އުޅޭ ހިތެއްނުވެ އެވެ. އެކި ކަހަލަ މީހުން އިންނަން ޤަބޫލުތޯ ފޮނުވަ އެވެ. އޭގެ ތެރެއިން އެންމެ ފުރަތަމަ މީހަކު ފޮނުވީ މުޙަންމަދެވެ. އޭނާއަށް ވެސް ދެވުނު ޖަވާބަކީ އެހެން މީހުންނަށް ވެސް ދިން ޖަވާބެވެ. މީހަކާ އިންނާކަށް ބޭނުމެއް ނޫނެވެ. އޭރު ހައްވާފުޅު ހުރީ އެގޮތަށެވެ. މުޙަންމަދެއް އައްޔެއް އަހުމަދެއް ވަކި ކޮން ތަފާތެއް ހެއްޔެވެ؟ ފިރިހެނުންނެވެ. ރަހުމެއް ހަމްދަރުދީއެއް ނުހުންނާނެ އެވެ. އެހެން މީހުންގެ އިޙުސާސްތަކަށް ނުވިސްނާނެ އެވެ. އެހެން މީހުންގެ ހިތް އެމީހުންގެ ހިތްހާ ހިލަނުވާނެކަމަށް ނުދެކޭނެ އެވެ.
އިބްރާހިމް ވަރިކުރި ފަހުން މީހަކާ ނުއިނދެ ހައްވާފުޅު ހުރި ތިން އަހަރު ދުވަހުގެ ތެރޭގައި، އޭނާގެ ހާލު ބަލާލުން ހުއްޓާނުލާ ހުރީ މުޙަންމަދެވެ. ބައެއް ފަހަރަށް ގެއަށް ވަދެ އުޅެ އެވެ. ބައެއް ފަހަރަށް މީހުން ފޮނުވައިގެން ގަދަތޯ ބަލަ އެވެ. އޭނާއަކީ ފިރިއެއްގެ ގޮތުގައި، ދިރިއުޅެން ހައްވާފުޅު އެދޭ ފަދަ ރީތި މީހެއް ނޫނެވެ. އަދި އެހެން ނޫނަސް، އުމުރުން ވެސް މާ ދޮށީ މީހެކެވެ. މި ހުރިހާ ކަމެއް ހުއްޓާ ވެސް އެންމެ ފަހުން، އޭނާއާ އިންނަން އެއްބަސްވީ އެވެ. އެންމެ ސަބަބަކަށްޓަކަ އެވެ. އެއީ އޭނާ ގައިވާ ތެދުވެރިކަން ތަޖުރިބާކުރެވުމުންނެވެ. އެ ތެދުވެރިކަމުގެ ސަބަބުން، މުޙަންމަދުގެ މައްޗަށް އިތުބާރުކުރެވެން ފެށުނެވެ. އެ އިތުބާރުގެ ނަތީޖާއަކަށް ވީ ހިތް މަޑުމަޑުން އޭނާގެ މައްޗަށް ހުޅުވެން ފެށުމެވެ.
ތެދެކެވެ. ލޯތްބަކީ ކޮބައި ހެއްޔެވެ؟ އިތުބާރާ ނުލައި ލޯބިވެވިދާނެ ބާވަ އެވެ؟ ލޯތްބާ ނުލައި އިތުބާރު ކުރެވިދާނެ ބާވަ އެވެ؟ ހަމަގައިމު ވެސް ތިމާގެ ހަށިގަނޑު އަނެކެއްގެ އަތް މައްޗަށް ދޫކޮށްލެވޭ ފަދަ އިތުބާރެއް ކުރެވިއްޖެ ނަމަ، ލޯބިނުވެވިއެއް ނުހުންނާނެ އެވެ. ލޯބިވެވިއްޖެ ކަަމަށް ޤަބޫލުކުރެވުނު ނަމަވެސް، ތިމާއަށް ދެރަ ގޮތެއް ހަދައިފާނެކަމާ މެދު ޝައްކުކުރެވޭ ނަމަ، އިތުބާރު ނުކުރެވެނީ އެވެ. އެފަދަ ޝައްކެއްގެ ތެރެއިން އެ ދަޅަ އަޅަނީ ގިރިޓީ ލޯތްބެވެ.
މުޙަންމަދުގެ މައްޗަށް ކުރެވުނު އިތުބާރު މުޙަންމަދު ވެސް ހައްވާފުޅުގެ މައްޗަށް ކުރި އެވެ. އެހެންކަމުން، ކުދިކުދި ވާހަކަކޮޅުތަކަކުން، ދެ އަހަރު ދުވަހުގެ ތެރޭގައި ޖަމާވީ އެކަކު އަނެކަކަށް ދަސްވި އެތައް އިޙުސާސްތަކަކާއި އަސަރުތަކެކެވެ.
ހައްވާފުޅު، މުޙަންމަދާ ކައިވެނިކުރީ ވައިގެ ތެރޭގައި ގެ އަޅާފައެއް ނޫނެވެ. އަދި ރާޅުމަތީގައި ޢިމާރާތްތަކެއް ކޮށްފައެއް ނޫނެވެ. އަދި ފޮނި ހުވަފެންތަކެއް ދުށުމަށް ފަހު، އެ ހުވަފެންތަކަށް ކުލަ ގެންނާކަށެއް ވެސް ނޫނެވެ. މާޒީ ފުހެނުލެވުނު ނަމަވެސް، އެ މާޒީގެ ތެރޭގައި ދިރިނޫޅެންވެގެންނެވެ. އައު ފެށުމަކަށް ކުރިމަތިލުމަށް ޢަޒުމް ކަނޑައަޅައި، އެ ޢަޒުމާ އެއްގޮތަށް ކުރި ހިތްވަރުގެ ނަތީޖާއެއްގެ ގޮތުންނެވެ. މީހުންގެ ދިރިއުޅުން އެކި ގޮތްގޮތަށް ބަދަލުވެގެން ދަނީ އެގޮތްގޮތަށް ބަދަލުކުރާތީ އެވެ. ދުނިޔެއަށް އުފަންވި އިރު އެމީހެއްގެ ދިރިއުޅުން ލިޔެވިފައި ވާތީ މިވެނި ކަމެއް މިވެނި ގޮތަކަށް ވީއޭ ބުނަން ހެޔޮނުވާނެ އެވެ. ސިއްރާއި ފާޅުގައިވާ ހުރިހާ ކަމެއް ދެނެވޮޑިގެންވާ ފަރާތަށް، ކޮންމެ މީހެއްގެ ދިރިއުޅުމުގައި ވެސް އެމީހާ އަޅާނެ ހުރިހާ ގޯޅިތަކެއް މާ ކުރީއްސުރެ ދެނެވޮޑިގެންވާނޭ ކަމާ މެދު ޝައްކެއް ނެތެވެ. ދިރިއުޅުން ހެޔޮ ގޮތަށް ގެންދަނީ ވެސް އިންސާނާ އަމިއްލައަށެވެ. ނުބައި މަގަށް ދީލައިލަނީ ވެސް ހަމަ އޭނާ ހުންގާނުގައި ހުރެގެންނެވެ.
ހައްވާފުޅުގެ ދިރިއުޅުން އައު ފެށުމަކަށް ކުރިމަތިލީ ދުވަހުއްސުރެ މިއަދާ ހަމައަށް އޭނާ ހޭދަކުރި ކޮންމެ ދުވަހަކީ ޝަކުވާއަކާ ނުލައި ހޭދަކުރި ދުވަހެކެވެ. މުޙަންމަދާ އެކު ދިރިއުޅުން މިއަދާ ހަމައަށް ވެސް ހޭދަކުރީ އެކަކު އަނެކަކަށްޓަކަ އެވެ. ދައްޗާއި އުނދަގޫތަކާއި މުސީބާތްތަކާ ކުރިމަތިލީ ދެ މީހުން އަތުގުޅާލައިގެންނެވެ. ޝަކުވާއެއް ނެތި އެވެ. އެހެންކަމުން ލިބުނު ކުދިންގެ ތެރެއިން ދުނިޔޭގައި ތިބި ތިން ކުދިން ބޮޑުކޮށް މީހުންނަށް ހަދައި އެ ކުދިން މީހުންނާ އިނދެގެން އަމިއްލަ ދިރިއުޅުން ފެށިތަން ބެލީ ވަރަށް ވެސް ހިތްހަމަޖެހި ތިބެގެންނެވެ. މީހަކަށް ދަރާފައި ނެތުމާއި ލިބުނު އެއްޗަކުން ދެކޮޅުޖައްސަން ދަސްކުރީ ދެމަފިރިން އަމިއްލައަށެވެ. އެއްވެސް ޝަކުވާއެއް ނެތި އެވެ. ދިރިއުޅުމަކީ ޙައްލުކުރަން ވެފައިވާ މަސްއަލައެއް ކަމަށް ނުދެކި އެވެ. އަދި ކީއްހޭ، ކުޅަދުންވަންތަކަމުގެ ތެރެއިން ތަޖުރިބާކުރުމަށް ދެއްވާފައިވާ ފުރުޞަތެއް ކަމަށް ދެކިގެންނެވެ.
ސިއްސައިގެން ގޮސް ޚިޔާލުތަކުގެ ތެރެއިން ހޭލެވުނީ، އެއްޗެއްގައި ތަޅާ އަޑަށެވެ. އެއީ އޭނާ އިންތިޒާރުކޮށްގެން މިހާރު އިންނަ ސިގުނަލެވެ. ހަނޑޫ ދޮލަނގު ހިފައިގެން ދުވަމުން ކަހަލަ ގޮތަކަށް ގޮސް ގޭތެރެއަށް ވަދެއްޖެ އެވެ.
"ހަނޑޫކޮޅެއް ހޮވާލަން ބަނބުކެޔޮ ގަސް ދޮށުގައި އިނީ."
އެނދުގައި އޮތް މީހާ ބުނި އެއްޗެއްގެ އަޑު މަޑުކަމުން ހައްވާފުޅަކަށް ނީވުނެވެ. އެނދުގެ މަގަތުގައި އިށީނދެ، ކައިރީގައި އޮތް ރުމާލަކުން، އެ މީހެއްގެ ލޮލުން ފައިބާފައިވާ ފެންތައް ފޮހެލަދީފި އެވެ. ދެމިޔަކަނުގައި އުފެދިފައިވާ ފޮނުތައް ފޮހެލަދީފި އެވެ. ކަނާއަތުގައި ދެ އަތުން ހިފަހައްޓާލި އެވެ. އެމީހަކު ހައްވާފުޅުގެ އަތަށް ފިތާލި އެވެ. ހައްވާފުޅު ވަށައިގެން ހޯދާލުމަށް ފަހު، ބިންމައްޗަށް ވެއްޓިފައި އޮތް ކުޑަ ބޯޅައެއް ނަގައި އެމީހާގެ ވައަތުގެ އަތުތެރެއަށް ލައި، އނގިލިތަކާ އެކު ބޯޅައަށް ދެ ފަހަރަށް ފިތާލި އެވެ. އަތް ދޫކޮށްލުމުން ބޯޅަ ވެއްޓިއްޖެ އެވެ. މަޑުމަޑުން އެ އަތް ބާއްވައިފި އެވެ. ކައިރީގައި ހުރި ތައްޓަކުން، އެތިފޮދެއް އެމީހާގެ ތުނބުގައި ޖައްސައިފި އެވެ.
އެމީހަކު އެއްޗެއް ބުނާހެން ހީވެގެން ހައްވާފުޅުގެ ކަންފަތް އަނގައާ ކައިރިކޮށްލި އެވެ.
"ހުރިހާ ކުދިން ވެސް އައި. ނިދިފަ އޮތީމަ ތިބެތިބެފަ ދިޔައީ."
އެމީހަކު އަނެއްކާވެސް އެއްޗެއް ބުނެލި އެވެ.
"ކީކޭ...؟"
ކަންފަތް ކައިރިކޮށްލައިފި އެވެ.
"ކިތައް ފަހަރު ބުނާނީ ތިޔަ ކަހަލަ އެއްޗެތި ހިތަށް ނާރުވާށޭ. ކީއްވެތަ އަހަންނަށް އުނދަގުލަކަށް ވާނީ؟ އަހަންނަށް ތިޔަ ފަދަ ހާލެއް ޖެހިއްޖެއްޔާ މުޙަންމަދު މަށެއް ނުބަލަހައްޓާނަންތަ؟"
މުޙަންމަދު ދެ ލޯ މަރާލި އެވެ. މަޑުމަޑުން ރޯން ފެށި އެވެ. މުޙަންމަދުގެ ލޮލުން ކަރުނަ ފޮހެދެމުން ހައްވާފުޅު ތުރުތުރުއަޅާ އަޑަކުން ބުންޏެވެ.
"ނުރޮއި. ނުރޮއި. މުޙަންމަދު ރޯތަން ފެނުނީމާ މަށަށް ވެސް ރޮވޭނެ. ޝުކުރުކުރޭ. ކެތްތެރިވޭ. އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ."
މުޙަންމަދު މާޔުސްވެފައވާ ގޮތަކަށް ހައްވާފުޅުގެ މޫނަށް ބަލައިލާފައި ބޯ ހުރާލި އެވެ. މިތަން ފެނިފައި ހައްވާފުޅު ބުންޏެވެ.
"އުންމީދު ކަނޑާނުލާ. އަދި ގަދަވާނެ އަދި ހިނގޭނެ. ހިތްވަރުކުރޭ."
މުޙަންމަދުގެ ކަނާތުން ހައްވާފުޅުގެ އަތުގައި ހިފައި އޭނާގެ މޫނާ ކައިރިވެލުމަށް އެންގި އެވެ. އެއްޗެއް ބުނަން އުޅޭކަން އެނގުމުން، ހައްވާފުޅުގެ ކަންފަތް މުޙަންމަދާ ކައިރިކޮށްލި އެވެ. އަދި ދުރަށް ޖެހިލަމުން ޖަވާބުގައި ބުންޏެވެ.
"އަހަރެން ޝަކުވާކުރާނެތަ؟ މަށަށް ބުރައެއް ނޫނޭ. މުޙަންމަދު ބަލަހަައްޓާނަމޭ. ޤަބޫލުކުރޭ."
މުޙަންމަދު އެއްޗެއް ބުނެފި އެވެ. ހައްވާފުޅު ބުންޏެވެ.
"އެއްޗެއް މަދެއް ނޫނޭ. ހުރިހާ އެއްޗެއް ވެސް އެބަ ހުރި. ގަދަވެ ހުރި އިރު ހުރިހާ އެއްޗެއް ހޯދައިދިނީމެއް ނޫން. މަށަށް އިތުރަށް ބޭނުން އެއްޗެއް ނެތް. ހުރިހާ އެއްޗެއް ލިބިއްޖެ. ކުދިން ލިބިއްޖެ. ދިރިއުޅުމެއް ހޯދައިދިނިން. ނޫންތަ؟"
މުޙަންމަދު ބޯ ޖަހާލި އެވެ.
"ދެން ކޮން އެއްޗެއްސެއް؟ އަހަރެން ހިތާމަކުރަނީ، މި ބަލި ޖެހުނީމަ. އެކަމަކު، މިކަމަށް ވެސް ކެތްކޮށް ޝުކުރުކުރާނަން."
ހައްވާފުޅު މޫނުގައި ދެ އަތް އަޅައިފި އެވެ. ގިސްލެވެން ފަށައިފި އެވެ.
ހައްވާފުޅު ކޮނޑުގައި މީހަކު ފިރުމާލައިފި އެވެ. ބަލައިލި އިރު، ތިން ދަރިން އައިސް ތިއްބެވެ. އަންހެން ދަރިފުޅު ރޮމުން އައިސް ބުންޏެވެ.
"މަންމާ ނުރޮއި. ބައްޕަ އެ ހާލުގައި އޮއްވާ ތިޔަހެން ނުހަދާ. މަންމައެއް ނޫންތަ އަހަރެމެން ގާތު ބުނަނީ، މުސީބާތްތަކަށް ކެތްތެރިވާންވާނެއޭ."
ހައްވާފުޅު ހިތަށްއެރި އެވެ. ކެތްތެރިނުވަނީއެއް ނޫނެވެ. އެހެންނަމަވެސް، އެމީހަކު ނެތުމުން ދިރިއުޅުމަށް އަންނާނެ ފަޅުކަން ހިތަށް އެރުމުން ހަމަ ރޮވެނީ އެވެ. އަލަށް ދިރިއުޅުމުގެ މައިދާނަށް ނިކުމެގެން އުޅޭ ޒުވާނުންނަށް، މި އަސަރުތައް އިޙުސާސްވާނެ ބާވައޭ ހައްވާފުޅު ހިތަށްއެރި އެވެ.
ވަކިވާން ޖެހުމުން...
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ