ކައިވެނި ހަފުލާއަށް އަޅާ ކޭކުގެ ފޮނި ހެޔޮވަރު ކުރި އައިޓީ ޓެކްނިޝަން، ސޮފާގެ މަސައްކަތަށް ސަތޭކަ
ކައިވެނި ހަފުލާއަކަށް ކޭކެއް އަޅާނަމަ ގިނަ ބަޔަކު އެންމެ ފުރަތަމަ ދުވެފައި ދަނީ, ހައްވާ ސޮފާ ނުވަތަ ސޮފާ ކަލެކްޝަންސްގެ ގާތަށެވެ. އެތައް އަހަރެއްގެ ތަޖުރިބާގެ އަލީގައި އޭނާ ވަނީ އޭނާ އަޅާ ކޭކުގެ ފޮނި ހެޔޮވަރުކޮށް އެ ޖާދޫގައި ގިނަ ބަޔަކު ޖައްސައިފައެވެ. އިތުބާރު ހޯދާފައެވެ. ބޮޑު ކައިވެނި ހަފުލާއަކަށް ކޭކެއް އެޅުމަކީ އޭނާއަށް މިހާރު ނޭވާއަކުން ފެންތައްޓެއް ދަމާލުންހާ ފަސޭހަ ކަމެކެވެ. އެ ވަގުތު މެނޭޖުކުރާނެ ގޮތް ވެސް އޭނާ ހިތުދަސްކޮށްފިއެވެ. އޭނާގެ ކޭކުތަކުގެ ރީތި ޑިޒައިންތަކުން ގިނަ ބައެއްގެ ސަމާލުކަން މީގެ ކުރިން ވެސް އަތުލިއެވެ. އެންމެ ފަހުން ނޫސްތަކުގެ ފަލަ ސުރުޚީއާށް ސޮފާގެ ނަން އެރީ އޭނާގެ ދަރިފުޅުގެ އުފަންދުވަހަށް 2023ގައި އަޅައިދިން ދިގު ކޭކެއްގެ ސަބަބުންނެވެ. ސޮފާ އޭނާގެ ދަރިފުޅުގެ ކައިވެނި ހަފްލާއަށް އަޅައިދިން ކޭކު އެކަމަކު، ސޮފާގެ އެންމެ ޚާއްސަ ކަމަކީ އޭނާ އަޅާ ކޭކެއް ނޫނެވެ. އޭނާ އޮފީހުގައި ކުރާ މަސައްކަތް ވެސް އެހާ ޚާއްސައެވެ. ހެލްތު މިނިސްޓްރީގައި އައިޓީ ޓެކްނިޝަނެއްގެ ގޮތުގައި މިހާރު އޭނާ އެ ގުނަނީ 15ވަނަ އަހަރެވެ. އުފެއްދުންތެރިކަމަށް ހުރި ޝައުގުން އައިޓީގެ ދާއިރާއަށް! އެންމެ ކުޑައިރު ވެސް އޭނާގެ ޝައުގުވެރިކަން ހުރީ އުފެއްދުންތެރި ކަމަށެވެ. ކުޑައިރު ގޭގައި އިންނަ ކޮމްޕިއުޓަރުން ވެސް ޑިޒައިންކޮށް ކުރަހާ ހަދައެވެ. އެ ޝައުގުވެރިކަން މަތީ އޭނާ ހެދީ އައިޓީ ދާއިރާއިން ކޯހެކެވެ. "އެ ކޯހުން އޯވަރޯލްކޮށް ވަނައެއް ނުލިބޭ އެކަމަކު ކްލާސް ޕަސަންޓޭޖުން އެންމެ މަތިން ލިބުނު. ދެން ހިތަށް އެރީ ޑިޕްލޮމާ ހަދަންވީ އޭ އައިޓީން. ޑިޕްލޮމާއިން ވެސް ނަތީޖާ ވަރަށް ރަނގަޅުވި," ކައިވެނި ހަފުލާއަކަށް ސޮފާ އަޅާފައިވާ ކޭކެއް އެ ހިސާބުން 2010ވަނަ އަހަރު އޭނާ ވަނީ ހެލްތް މިނިސްޓްރީގެ އައިޓީ ޑިޕާޓްމަންޓަށް ވަޒީފާއަށެވެ. އެއީ، ސޮފާގެ އަލަތު ވަޒީފާއެވެ. ވަޒީފާއަށް ވަނުމާ އެކު އެ ކަމަށް އޭނާގެ ހިތުގައި އެ ދާއިރާއަށް އޮތް ޝައުގުވެރިކަން ވީ އިތުރެވެ. އެ އުފެދުނު ލޯބީގައި 14 އަހަރު ފަހުން ވެސް އޭނާ ދެމިހުރީ އެ ވަޒިފާގައެވެ. އަންހެނުން މަދު ދާއިރާއެއް, ގޮންޖެހުން ވެސް ބޮޑު ވަޒީފާއެއްގެ ގޮތުން ސޮފާ އިޚުތިޔާރުކުރި ދާއިރާއަކީ އަންހެނުން މަދު ދާއިރާއެކެވެ. އެހެންކަމުން އޭނާއަށް އެ ދާއިރާގައި ގިނަ ގޮންޖެހުންތަކެއް ވެސް ކުރިމަތިވިއެވެ. ނަމަވެސް, ވަޒީފާގެ މާހައުލުގައި މަސައްކަތްކުރާ އެކުވެރިންގެ ހިތްވަރާގައި ލޯބިވާ މީހުންގެ ހިތްވަރުގެ ކުރިމަތީގައި އެ ގޮންޖެހުންތަކާ ކުރިމަތިލުމަކީ ސޮފާއަށް އުނދަގޫ ކަމެއް ނޫނެވެ. "ޓްރަބަލްޝޫޓިން ކަންކަމުގައި ކިތަންމެ ގިނަ ބައެއްގެ ތެރެއަށް ވެސް ދާންޖެހޭ. ހަރުގަނޑަކަށް ވެސް އަރަން ޖެހިދާނެ ދެން ނެޓްވޯކް ނެތިއްޔާ އިތުރު ގޮތެއް ނޯންނާނެ ދޯ އަރަން ޖެހޭނީ ހަމަ, މޭޒެއްގެ ދަށަށް ވެސް ވަންނަންޖެހިދާނެ،" ސޮފާ އަޅާފައިވާ ކޭކެއް މަސައްކަތުގައި އުޅޭއިރު, އަންހެނެއްގެ ހައިސިއްޔަތުން އޭނާ އެންމެ ބޮޑު ސަމާލުކަމެއް ދެނީ އަޚުލާގީ މިންގަނޑު ހިފެހެއްޓުމަށެވެ. އެގޮތުން، ހެދުންއެޅުމުގައި ސަމާލުވާންޖެހެއެވެ. މިފަދަ ކަންކަމުގައި ސޮފާ ހަރަކާތްތެރިވާއިރު, މަސައްކަތުގެ މާހައުލުން އެއްވެސް ފާޑުކިއުމެއް އަމާޒުނުވާކަން އޭނާ އުފަލާ އެކު ފާހަގަކުރިއެވެ. ދުވަހަކު ވެސް ލަދުގަންނަވައިލާ ދެރަކޮށެއްނުލައެވެ. "ޖެހިލުންވޭ. އެކަމަކު އެކަން އެއްފަރާތްކޮށްފައި ކުރަންޖެހޭ ކަންކަން ހަމަ ކުރަނީ," އޭނާ ބުންޏެވެ. ކޮވިޑުގެ ދުވަަސްތައް ހަނދާނުން ފޮހެނުލެވޭނެ, އެއީ އެންމެ ތަފާތު ތަޖުރިބާ މި މަސައްކަތުގައި އޭނާ ހޭދަކުރި އެތައް އަހަރެއްގެ ތެރެއިން ވެސް އެންމެ ތަފާތު ތަޖުރިބާއެއް ކުރެވުނީ ކޮވިޑުގައި މުޅި ދުނިޔެ ލޮކްޑައުންވެފައި އޮތް ދުވަސްވަރެވެ. "އޭރު ދެން ހެލްތް މިނިސްޓްރީގެ އެންމެން ވެސް ޑިޕެންޑުވެފައި އޮންނާނީ ކޮމްޕިއުޓަރު ނޫނީ ލެޕްޓޮޕަށް ދޯ. ސޮފާމެންގެ އެންމެ ބޮޑު މަސައްކަތަކަށް ވާންޖެހޭނީ މުވާސަލާތީ ޚިދުމަތް މެދުނުކެނޑި ދިނުން," ދަރުބާރުގެއަށް ވަގުތީގޮތުން މަސައްކަތް ބަދަލުކުރިއިރު, އެ ތަނުގައި މަސައްކަތް ކުރީ ހަމައެކަނި ހެލްތު މިނިސްޓްރީގެ މުވައްޒަފުންނެއް ނޫނެވެ. އެ ތަނުގައި ހާލަތާ ގުޅޭގޮތުން ޚިދުމަތްދޭ އެތައް ބަޔަކު ޚިދުމަތް ފޯރުކޮށްދޭން ތިއްބެވެ. "އެ ތަނުގައި އެންމެންތަކުގެ ތެރޭގައި ހުއްޓުމެއްނެތި ޓްރަބަލްޝޫޓިންއަށް ދުވެދުވެ އެއީ ހަނދާނުން ވެސް ނުފިލާނެ އުނދަގޫ ތަޖުރިބާއެއް," ޕާސްވޯޑު ހަނދާންނެތުމާއި, ސިސްޓަމަށް އެއްޗިސް ނޭޅުމާއި, އެއްޗެހި ޑިލީޓްވުމާ މި ފަދަ ހުރިހާ "އެކްސިޑެންޓެއްގެ" ބުރަ އޭރު އޮތީ ސޮފާމެންގެ ބޮލުގައެވެ. އޭރު މަސައްކަތް ވެސް ކުރީ އާންމުކޮށް މަސައްކަތް ކުރާ ވަރަށްވުރެ ދިގުކޮށެވެ. "މިނިސްޓްރީގައި އުޅުނު އިތުރު ދެ ކުދިން މި ޑިޕާޓްމަންޓްގައި އޭރު. އެ ކުދިން އުޅުނީ ހުޅުމާލޭގައި. އެހެންވީމާ ލޮކްޑައުންތެރޭ އަންނަން އުނދަގޫވީމާ އެ ކުދިން ގާތު އަޅުގަނޑު ބުނެގެން ހަމަ އެ ކުދިންގެ ޑިއުޓީ ވެސް ނަގައިދީފައި އޮންނާނެ ވަރަށް ގިނަ ދުވަހު. އެއީ، ވަރަށް އުނދަގޫ ދުވަސްކޮޅެއް. ދަރިފުޅު ވެސް އެކަނި ގޭގައި ހުރީ އޭރު," އޭނާ ބުންޏެވެ. ވަޒީފާ އެއްފަޅިއަށް, ގެއަށްގޮސް އަޅަނީ ކޭކު ވަޒީފާ އެއްފަޅިއަށް ލަމާ ހިނގާށެވެ. ދެން އޮތީ ވަޒީފާ ނިންމައި ގެއައް އައިސް ސޮފާ ކުރާ މަސައްކަތެވެ. މިވެސް އެހާމެ ބުރަ މަސައްކަތެކެވެ. ގޭގައި އޭނާ ހިންގަނީ އޭނާގެ ކޭކު ވިޔަފާރިއެވެ. މިކަން ވެސް ފެށިގެން އައީ އުފެއްދުންތެރިކަމަށް ހުންނަ ޝައުގުގެ ސަބަބުންނެވެ. ދައްތަމެން ކޭކު އަޅާތަން އަބަދު ވެސް ފެނި އެކަން ކުރަން އޭނާ ބޭނުންވީއެވެ. "އެންމެ ފުރަތަމަ ކޭކެއް އަޅަން ވެގެން ކުރީގަ ގެންގުޅޭ ކަހަލަ އަވަނެއް ދައްތަ އަތުން ގެނައީ," ސޮފާ އަޅާފައިވާ ކައިވެނި ކޭކެއް ކޭކު އަޅަން ފެށުމާ އެކު ރައްޓެހިންގެ ފަރާތުން ލިބުނީ ހީވެސް ނުކުރާފަދަ ސަޕޯޓެކެވެ. ދަންނަން އެންމެން އެކި ހަފުލާތަކަށް އޭނާ ލައްވައި ކޭކު އަޅުވަން ފެށީއެވެ. އޯދަރަށް ސޮފާ ކޭކުއަޅަން ފެށީ 2016ވަނަ އަހަރުން ފެށިގެންނެވެ. ފުރަތަމަ ކޭކު އަޅަން ފެށީ އެއްވެސް ކޯހެއް ހަދައިގެންނެއް ނޫނެވެ. އޭނާ ބޭނުންވި ހުރިހާ މައުލޫމާތެއް ހޯދީ ޔޫޓިއުބު މެދުވެރިކޮށެވެ. ނަމަވެސް, ކޯހަކަށް ފަހު ކޯހެއް ހަދައި މިދިޔަ އަހަރު އޭނާ ވަނީ ވިއެޓްނާމުން މާސްޓާސްއިން ކޭކު ޑެކަރޭޝަން ކޯހެއް ހަދައިފައެވެ. އެންމެ ބޮޑު ސަމާލުކަމެއް ސޮފާގެ ވެޑިން ކޭކުތަކަށް ފެށީ ހުރިހާ ހަފުލާއަކަށް ވެސް ކޭކު އަޅައިދޭ މީހެއްގެ ގޮތުގައެވެ. ނަމަވެސް، އެންމެންގެ އެންމެ ބޮޑު ސަމާލުކަމެއް ލިބުނީ ސޮފާ ހަދާ ވެޑިން ކޭކުތަކަށެވެ. މިހާރު އެންމެ ގިނައިން އޯޑަރު ލިބެނީ ވެސް ވެޑިން ކޭކަށެވެ. "އުފަންދުވަހުގެ ކޭކު ވެސް އަޅަން. އެކަމަކު، ވެޑިން ކޭކު އެންމެ ގިނައިން ލިބޭތީ މިހާރު އެންމެ ބޮޑު ސަމާލުކަމެއް ދެނީ އެ ކަހަލަ ކޭކަށް. ވެޑިން ކޭކުގެ އޯޑަރު ދޭނެ ދެތިން މަސް ކުރިން," ސޮފާ އަޅާފައިވާ ކޭކެއް އެހެންކަމުން އެ ކޭކު ތައްޔާރުކުރަން ވަގުތު ދޭކަށް އޭނާއަކަށް އުނދަގުލެއް ނުވެއެވެ. އޮފީހުގެ މަސައްކަތްތައް މެންދުރު ދޭއްޖަހާއިރަށް ނިންމާލުމަށް ފަހު އޭނާ ވަގުތުތައް ހޭދަކުރަނީ ލިބިފައިވާ އޯޑަރުތައް ފުރިހަމަ ކުރާށެވެ. "ވެޑިން ކޭކު އެ ދުވަހުން އެ ދުވަހަކަށް ނާޅާނެ. ދެތިން ދުވަސް ކުރިން ކޭކު އަޅައި ފޮންޑެންޓުގަނޑު ހަދައި ކަންކަން ކުރަން ފަށާނެ. އެހެންވީމާ ކުރީބައިގައި އެކަން ކުރީމަ ފަސޭހަވޭ," އޭނާ އަޅާ ކޭކުތަކުގެ ތެރެއިން އެންމެ ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވަނީ ދިގުކޮށް އަޅާ ކޭކުތަކަށެވެ. ކޭކު އަޅާއިރު އެންމެ ބޮޑު ގޮންޖެހުމަކީ ކޭކު ގެންދިއުން ދިގު ކޭކު އަޅައިގެން, ކައިވެނި އޮންނަ ހަފުލާއަށް ކޭކު ގެންދިއުމަކީ ސޮފާ ސިފަކުރާ ގޮތުގައި މާލޭގައި ވަރަށް ބޮޑު ގޮންޖެހުމެކެވެ. ސަބަބަކީ މާލޭގެ މަގުތައް ހުންނަ ގޮތުން ދަތުރު ކުރާއިރު ކޭކަށް ގެއްލުންވުމެވެ. އެހެންކަމުން ކޭކުގެ ޑެލިވަރީ ފަށައިގެން ނިމެންދެން އޭނާ ހުންނަނީ ހިތް ބިރުގަނެފައި ކަމަށް ސޮފާ ބުންޏެވެ. ސޮފާ އަޅާފައިވާ ކޭކެއް ހަފުލާ އޮންނަ ތަނަށް ކޭކު ގެންގޮސް ކޭކު އެތުރުމުގައި ވެސް ބައެއް ފަހަރު ގޮންޖެހުން ކުރިމަތިވެއެވެ. "ބަމްޕީ ރޯޑްސް ހުންނަނީ. ބިރުން ގޮސް ހަމަ ހަލާކުވެފައި ހުންނަނީ ޑެލިވަރީ ކުރާއިރު. އެކަމަކު، ކުދިންނަށް ކިޔައިދިނީމާ ވަރަށް އަންޑަސްޓޭންޑުވޭ," ހެދޭ ގޯސްތަކާ ވެސް ކުރިމަތީ ލަނީ އެގޮތަށް ކަމަށް އޭނާ ބުންޏެވެ. އެގޮތުން، ނޭނގޭ އެއްޗެއް ކޭކު އަޅާ ރަހުމަތްތެރިންގެ ގާތުން އޮޅުން ފިލުވުމަކީ އޭނާ ކުރިއަށް ދިއުމަށް ކުރާ މުހިންމު ކަމެއްކަމަށް ސޮފާ ސިފަކުރެއެވެ. އުންދުތައް ވަރަށް ބޮޑު, އަދި ބޭނުންވަނީ ވަގުތު އޮފީހުގައި ބުރަ މަސައްކަތެއްކުރުމަށް ފަހު ގެއަށް އައިސް ވެސް ބުރަކޮށް މަސައްކަތް ކުރަން ސޮފާއަށް ޖެހެއެވެ. ނަމަވެސް، މި ދެ މަސައްކަތަކީ ވެސް އޭނާ ކުރާހިތުން ވަރަށް ލޯބިން ކުރާ މަސައްކަތެވެ. އެހެންކަމުން ވަޒީފާ ދޫކޮށްލާ ކޭކު އެޅުމަށް ހުސްވާކަށް ސޮފާގެ ވިސްނުމަކު ނެތެވެ. ވަޒީފާގެ މާހައުލުގައި ވެސް އޭނާއަށް ވަރަށް ގިނަ ކުރިއެރުންތަކާއި ތަފާތު ފުރުސަތުތައް ލިބެއެވެ. އެ ދާއިރާއިން ލިބިފައިވާ ތައުލީމާއި ތަމްރީނުގެ އަލީގައި ކުދިން ތަމްރީު ކުރުމުގެ ފުރުސަތު ވެސް އޭނާއަށް ލިބުނެވެ. ނަމަވެސް، މި ވަގުތު އޭނާ ކުރާ މަސައްކަތްތައް ހުރި ގޮތުން އަދި އެ ކަންކަމަށް ވަގުތު ހުސްކުރެވޭކަން ނެތެވެ. ނުވަތަ އިތުރު ކަމެއްގެ ޒިންމާ ނެގޭކަށް ވެސް ނެތެވެ. "ކޭކު ވެސް ކޯސް ހިންގާ ކުދިންނަށް ކިޔައިދޭން ވަރަށް ބޭނުންވޭ. އެކަމަކު މިހާރު އަދި ވަގުތު ހަމަ ނެތީ. ދެން ކޯސް ހިންގަން ޖާގައިގެ ދަތިކަން ވެސް ކުރިމަތިވޭ," އޭނާ ބުންޏެވެ. ބުރަ މަސައްކަތެއް ދިރިއުޅުމުގައި ކުރާއިރު, ސޮފާއަށް އެންމެންގެ ފަރާތުން ވެސް ލިބެނީ ލޯތްބާއި ހިތްވަރެވެ. އޭނާއަކީ ކައިވެނި ހަފުލާއަށް އަޅާ ކޭކުގެ ފޮނި ހެޔޮވަރު ކުރި އައިޓީ ޓެކްނިޝަނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ