އެއްވެސް މީހަކު އަމިއްލަ އަމިއްލައަށް ޢީދު އިއުލާނު ނުކުރަން އެދެފި

މި އަހަރުގެ ކުޑަ ޢީދު ދުވަހާ މެދު ހިޔާލު ތަފާތުވުން ބޮޑުވެފައި އޮއްވައި އެއްވެސް މީހަކު އަމިއްލަ އަމިއްލައަށް ޢީދު އިއުލާނުނުކުރަން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު އެދިވަޑައިގެންފިއެވެ. މި އަހަރުގެ ކުޑަ ޢީދު ދުވަހާ މެދު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ޑރ. ހަސަން ހަމީދާ ދެ ބޭފުޅުންގެ ހިޔާލު ވަނީ ތަފާތުވެފައެވެ. އީދު ވާނީ މާދަމައަށް ކަމަށް މައުމޫން ވިދާޅުވި ނަމަވެސް ހަސަން ވަނީ އީދު ވާނީ ހޯމަ ދުވަހަށް ކަމަށް ވިދާޅުވެފައެވެ. އެހެންވެފައި އޮއްވައި ޝަހީމް މިއަދު ވަނީ އެއްވެސް ބޭފުޅަކު އަމިއްލަ އަމިއްލައަށް ޢީދު އިއުލާނުނުކުރަން އެދިވަޑައިގެންފައެވެ. މިނިސްޓަރު ވިދާޅުވީ، ތަރި އިރު ހަނދާ ގުޅިގެން ފަލަކީ އިލްމުގެ ދާއިރާގައި ބަހުސްކުރުމަކީ މައްސަލައެއް ނޫން ކަމަށެވެ. އެކަމަކު، އެކަން ކުރަންވާނީ އާންމު މަސްލަހަތަށް އަސަރުނުކުރާނެ ގޮތަށް ކަމަށާއި ޚާއްސަކޮށް ރަމަޟާން މަހާއި ޝައްވާލުމަހުގެ ހަނދުގެ ކަންކަމަކީ އޭގެ މައްޗަށް ޝަރުއީ އަޙްކާމުތަކެއް ތަރުތީބުވާ ކަންކަން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. "މި ކަމުގައި ރައްޔިތުންނަށް އޮޅުން އަރައި ޝައްކު އުފެދޭ ގޮތަށް ކަމާ ނުގުޅޭ ފަރާތްތަކުން ވާހަކަދެއްކުމަކީ މަސްލަހަތު ގެއްލިދާނެ ކަމެއް،" ޝަހީމް ވިދާޅުވިއެވެ. 1446ވަނަ އަހަރުގެ ރަމަޟާން މަހުގެ ހަނދު ސާބިތުކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިން -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ އޭނާ ވިދާޅުވީ، ރާއްޖޭގައި ކަނޑައެޅިފައި އޮންނަ އުސޫލުތަކުގެ ތެރެއިން މިނިސްޓްރީން ހަނދު ސާބިތުކުރުމުގެ ކަންކަން ކުރިއަށް ގެންދާނެ ކަމަށެވެ. އެހެންވެ، އެއްވެސް ފަރާތަކުން އަމިއްލައަށް ރޯދަ ނުވަތަ އީދު އިއުލާނު ނުކުރަން ވަނީ އެދިވަޑައިގެންފައެވެ. ހަސަން ހަމީދު ވަނީ ހަނދު ފެންނަ ދުވަސް ބަލަން އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ހަނދު އުފަންވާ ވަގުތު ބެލުން ކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވި ގޮތުން، އާ ހަނދު އުފަންވާނީ މިއަދު ހަވީރު 3:57 ގައެވެ. އެ ހަނދު އޮއްސޭނީ 6:14 ގައެވެ. އިރުވެސް އޮއްސެނީ 6:14 ގައެވެ. އެހެންވެ، އިރުގެ ދަޅަޔާ ހެދި ހަނދު ނުފެންނާނެ ކަމަށް ހަސަން ހަމީދު ވިދާޅުވިއެވެ. ހަސަން ވިދާޅުވީ، ހަނދު ނުފެންނަނީސް ހަނދު ލައްވަން ފެއްޓެވީ މައުމޫންގެ ދައުރުގައި ކަމަށާއި އެކަމަކު، މައްކާގައި ފެންނަ ހަނދަށް އެހެން ތަންތަނުގެ މީހުން ތަބާވާން ޖެހޭނެ ކަމަށް ބުނާ ބުނުމުން ޤުރުއާނާއި ހަދީޘުން އެއްވެސް ދަލީލެއް ނުފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ. https://sun.mv/204141 އެ ކަމާ ގުޅިގެން ހިޔާލު ތަފާތުވެފައި އޮއްވައި މައުމޫން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހިޖުރީ ގޮތުން އާ މަހެއް ފަށަން އެ މަހުގެ ހަނދު ހަމަ ލޮލަށް ފެނުން ލާޒިމު ނޫން ކަމަށެވެ. އިރު އޮއްސުމަށް ފަހު ކިތަންމެ ކުޑަ ހިނދުކޮޅަކަށް ނަމަވެސް ހަނދު ނޯއްސި ހުރިކަން ހިސާބުން ސާބިތުވާނަމަ އާ މަހެއް ފެށުނީ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. މައުމޫން މީގެ ކުރިން ވިދާޅުވީ ސައުދީ އަރަބިއްޔާ ހިމެނޭ ގޮތަސް އިސްލާމީ ގިނަ ގައުމުތަކަށް މިއަދު އިރުއޮއްސުމަށް ފަހު، ހަނދު ނޯއްސި އަށް މިނެޓާއި 20 މިނެޓާ ދެމެދުގެ މިންވަރަކަށް ހުންނާނެ ކަމަށް ފަލަކީ ހިސާބުން ދައްކާތީ، މާދަމާއަކީ ފިތުރު އީދު ދުވަސް ކަމަށް ބެލެވޭ ކަމަށެވެ. ފާހަގަކޮށްލެވޭ ގޮތުގައި މި އަހަރު ކަލަންޑަރުގައި ވާގޮތުން އީދު ދުވަހަކީ ހޯމަ ދުވަހެވެ. https://sun.mv/204191 ހަސަން ހަމީދު ވެސް ވިދާޅުވި ގޮތުގައި މުޅި އޭޝިއާގެ ބައްރަށް މިއަދު ހަނދެއް ނުފެންނާނެއެވެ. ހަނދު ފެނުމުގެ ފުރުސަތު އޮތީ ހަމައެކަނި އެމެރިކާއަށް ކަމަށް އޭނާ ވިދާޅުވިއެވެ. އެކަމަކު، އާ މަހެއް ފަށަން ކޮންމެހެން ހަމަ ލޮލަށް ހަނދު ފެންނަން ނުޖެހޭ ކަމަށް މައުމޫން ވަނީ ވިދާޅުވެފައެވެ. މި އަހަރު ރާއްޖެއަށް ރޯދަމަސް ފެށުނީ ވެސް ހަނދު ނުފެންނަނީހެވެ. އެއީ، ސައުދީއަށް ހަނދު ފެނުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ