ދަނޑުވެރިކަމާއި މަސްވެރިކަމުގެ ދާއިރާގައި އަންހެނުންނާއި ޒުވާނުންގެ ބައިވެރިވުން އަދިވެސް އިތުރުކުރަންޖެހޭކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، އިންޓަރނޭޝަނަލް ފަންޑު ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް، އިފާޑްގެ 48 ވަނަ ގަވަރނިންގ ކައުންސިލް ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ބައްދަލުކުރެއްވުމުގައި ދަނޑުވެރިކަމުގެ ސިނާއަތަށް މިހާރު ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަންނަން ޢަމަލީގޮތުން ކުރެވިދާނެ ކަންކަމާއި، ތަންފީޒީ ހައްލުތަކާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުވެރި އޮއްޓަރުހިރި ހުށައެޅުންތަކެއް ހުށައެޅިގެން ގޮސްފައިވާކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
ވަޒީރު ޑރ. މަރްޔަމް މާރިޔާ ވަނީ ގަވަނިން ކައުންސިލްގެ ބައްދަލުވުންތަކުގައި ދުނިޔޭގެ ދަނޑުވެރިކަމާއި ކަނޑުވެރިކަމުގެ ނިޒާމުގައި ކުދި ޖަޒީރާ ޤައުމުތަކުން މުހިންމު ދައުރެއް އަދާކުރާކަން ފާހަގަކުރައްވާފައެވެ. އަދި މޫސުމީ ބަދަލުތަކުގެ ސަބަބުން ޖަޒީރާ ޤައުމުތަކަށްކުރާ ނޭދެވޭ އަސަރުތަކާއި މޫސުމީ ބަދަލުތަކަށް ވިލުންތެރިވުމަށް އެހީވުމުގައި ދުނިޔެ އެއްބައިވަންތަވުން މުހިންމުކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވާ ގެއްލުންތަކުގެ ސަބަބުން ތަރައްޤީއަށް ލޮޅުންއަރާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމުގައި ޑރ. މާރިޔާ ވަނީ ކާބޯތަކެތީގެ ރައްކާތެރިކަމާއި ޒުވާނުންގެ ތަޢުލީމާ ހުރި ގުޅުން ފާހަގަކުރައްވައި، ކުޑަކުދިންނަށް ރަނގަޅު ކާނާއާބެހޭ ތަޢުލީމު ދިނުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި މިއީ ޖަޒީރާ ޤައުމުތަކުގައި ޞިއްޙަތު ރައްކާތެރިކުރުމުގެ ސިޔާސަތުތަކާ ގުޅިފައިވާ ކަމެއްކަމަށްވެސް އެ ބައްދަލުވުމުގައި ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން ދަނޑުވެރިކަމާއި މަސްވެރިކަމުގެ ދާއިރާގައި އަންހެނުންނާއި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަށް ވަޒީރު ވަކާލާތުކުރެއްވިއެވެ.
"ދަނޑުވެރިކަމާއި މަސްވެރިކަމުގެ ދާއިރާގައި އަންހެނުންނާއި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަށް އަޅުގަނޑުމެން ވަކާލާތު ކުރީން. މިކަމުގެ މުހިންމުކަން ޖަޒީރާ ޤައުމުތަކުގެ ދެމެހެއްޓެނިވި ތަރައްޤީއަށް ކުރާ އަސަރު ދިރާސާތަކުން ދައްކާ." ވަޒީރު ޑރ. މާރިޔާ ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ އިފާޑްގެ 48 ވަނަ ގަވަނިން ކައުންސިލް ބައްދަލުކުރެއްވުމުގައި ދަނޑުވެރިކަމުގެ ދެމެހެއްޓެނިވިކަމާއި ކަނޑުގެ ވަޞީލަތްތައް މެނޭޖްކުރުމާއި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ބައްދަލުކުރެއްވުމުގެ ހުރިހާ ބައިވެރިންވެސް އިއްތިފާޤުވެފައިވާ ކަމަށެވެ.
އިފާޑްގެ 48 ވަނަ ގަވަރނިންގ ކައުންސިލް ބައްދަލުކުރެއްވުން ކުރިއަށްގެންގޮސްފައިވަނީ މިމަހުގެ 12 އިން 13 އަށް އިޓަލީގެ ރޯމްގައެވެ. މި ބައްދަލުކުރެއްވުމުގައި އެކި ޤައުމުތަކުގެ ވަޒީރުންނާއި ސްޓޭޓުންގެ އިތުރުން ދަނޑުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ތަޖުރިބާކާރުން ބައިވެރިވެވަޑައިގެން ތަޖުރިބާ ހިއްސާކޮށް، މަޝްވަރާކުރައްވާފައިވެއެވެ.
ދަނޑުވެރިކަމާއި މަސްވެރިކަމުގައި އަންހެނުންނާއި ޒުވާނުންގެ ބައިވެރިވުން އިތުރުކުރަންޖެހޭ: ވަޒީރު ޑރ. މާރިޔާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ