ހައްޖާއި އުމްރާއަށްދާ މީހުން ވެކްސިން ޖެހުމުގެ އުސޫލު އާންމުކޮށްފި
ހައްޖާއި ޢުމްރާގެ އަޅުކަން އަދާ ކުރުމުގެ ތެރޭގައި ދުނިޔޭގެ އެކި ހިސާބުތަކުން އެތައް މިލިއަން މީހުން އެއްވުމުގެ ސަބަބުން ފެތުރިދާނެ ބަލިތަކުން ސަލާމަތްވުމަށް ހައްޖާއި ޢުމްރާއަށް ދަތުރުކުރާ މީހުން ވެކްސިން ޖެހުމުގެ އުސޫލެއް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭއިން) އިއުލާނުކޮށްފިއެވެ. ޙައްޖާއި އުމްރާއަށް މީހުންގެންދާ ހުރިހާ ގްރޫޕްތަކުންނާއި ގްރޫޕެއް މެދުވެރިނުވެ އަމިއްލައަށް ޢުމްރާއަށްދާ ހުރިހާ ފަރާތްތަކުން މި ވެކްސިންތައް ކަނޑައެޅިފައިވާ މުއްދަތުގައި ފުރިހަމަކޮށްފައިވާކަން ކަށަވަރު ކުރަންޖެހޭނެކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. ވެކްސިން ފުރިހަމަ ކުރުމުގައި ސަމާލުކަން ދޭންވީ ކަންތައްތައް: ވެކްސިންގެ ފުރިހަމަ ރައްކާތެރިކަން ލިބިގަތުމަށް ޓަކައި ފުރުމުގެ މަދުވެގެން 14 ދުވަސް ކުރިން ވެކްސިން ފުރިހަމަ ކުރުން. ހައްޖު ނުވަތަ އުމްރާއަށް ފުރުމުގެ ކުރިން ވެކްސިންގެ މުއްދަތު ހަމަވެފައިވާނަމަ (މެނިންގޯކޯކަލް ވެކްސިން ޖެހިތާ ފަސް އަހަރު، އިންފްލުއެންޒާ ޖެހިތާ އެއް އަހަރު) ނުވަތަ ދަތުރުމަތީގައި ހުއްޓާ މުއްދަތު ހަމަވާނަމަ، ފުރުމުގެ ކުރިން ވެކްސިން ޖަހުން. ޅަފަތުގައި ޕޯލިއޯ ވެކްސިންގެ ތިން ޑޯޒް ފުރިހަމަކޮށްފައި ނުވަތަ އޭގެ ފަހުންވެސް މުޅިއެކު ތިން ޑޯޒު ފުރިހަމަކޮށްފައިވާނަމަ ފުރުމުގެ ކުރިން ޕޯލިއޯ ވެކްސިން ޖަހާކަށް ނުޖެހޭނެ. އެހެންނަ މަވެސް ތިން ޑޯޒު ފުރިހަމަނުވާނަމަ، ނުވަތަ ތިން ޑޯޒު ފުރިހަމަ ކުރިކަމުގެ ރެކޯޑެއް ނެތް ނަމ،ަ ފުރުމުގެ ކުރިން އެއް ޑޯޒު ޕޯލިއޯ ވެކްސިން ޖެހުން. ވެކްސިން ފުރިހަމަކުރަންޖެހޭ ފަރާތެއް އެއްވެސް ސިއްހީ ސަބަބަކާ ހުރެ ވެކްސިން ނުޖެހޭނަމަ (މިސާލަކަށް ވެކްސިންއަށް އެލާޖިކް ވުން) 'ވެކްސިން އެގްޒެމްޕްޝަން ސެޓިފިކެޓް' (ސިއްހީ ސަބަބަކާހުރެ ވެކްސިން ނުޖެހޭނެކަމުގެ ލިއުން) ހޯދުން. ޕޯލިއޯ ވެކްސިންގެ ތިން ޑޯޒް ފުރިހަމަނުވާ ފަރާތްތަކުން ވެކްސިން ޖަހާއިރު މާބަނޑު ނަމަ ނުވަތަ އެހެންވެސް ވެކްސިން ނުޖެހޭނެ ސިއްހީ މައްސަލައެއް ހުރިނަމަ ނެޝަނަލް އިމިއުނައިޒޭޝަން ޕްރޮގްރާމުން އިވެލުއޭޓް ކުރުމަށްފަހު، އިންއެކްޓިވޭޓަޑް ޕޯލިއޯ ވެކްސިން (އައިޕީވީ) ޖަހައިދެވޭނެ. 18 އަހަރުން ދަށުގެ ކުދިން ގެންދާނަމަ، އުމުރުފުރައާ ގުޅޭގޮތުން ފުރިހަމަކުރަންޖެހޭ ހުރިހާ ވެކްސިނެއް ފުރިހަމަ ކުރިތޯ ޔަގީން ކުރުން. ޤައުމީ ވެކްސިން ތާވަލުގައި ހިމެނޭ ވެކްސިންގެ އިތުރުން ފާނަބަސަންދު (ޗިކަންޕޮކްސް) ދުވަހަކުވެސް ނުޖެހޭ އަދި ފާނަބަސަންދު ވެކްސިން ޖަހާފައި ނުވާ ފަރާތްތަކުން ފާނަބަސަންދަށް ވެކްސިން ޖެހުން އެދެވިގެންވޭ. އަދި ދަތުރުވެރިން ހާއްސަކޮށް ބަލި މީހުން ކޮވިޑް ވެކްސިން ޖެހުން ވެސް ރައްކާތެރިކަން ބޮޑެވެ. ވެކްސިން ޖެހުމަށްފަހު ދޭ 'އިންޓަނޭޝަނަލް ސެޓިފިކެޓް އޮފް ވެކްސިނޭޝަން' އަކީ ވެކްސިން ޖެހި ކަމުގެ ރެކޯޑުކަމުން އެ ވެކްސިން ކާޑު ދަތުރުމަތީގައި ރައްކާތެރިކޮށް ބަލަހައްޓައ،ި ދަތުރު ނިމުމުން ވެސް ރައްކާކޮށްފައި ބޭއްވުން މުހިއްމު ރާއްޖޭގެ ގްރޫޕްތައް މެދުވެރިކޮށް ޙައްޖު ނުވަތަ އުމްރާއަށްދާ ބައެއް ފަރާތްތަކުން ބޭރު ޤައުމުތަކުން ވެކްސިން ޖަހައެވެ. މި ފަރާތްތަކުން ވެސް 'އިންޓަނޭޝަނަލް ސެޓިފިކެޓް އޮފް ވެކްސިނޭޝަން' ގައި ޖެހި ވެކްސިންތަކުގެ ރެކޯޑް ހޯދުން. މިފަދަ ސިއްހީ ކަމެއް ހުރިނަމަ ސިއްހީ ޚިދުމަތްދޭ މަރުކަޒަށް މެޑިކަލް ލިޔެކިއުންތައް ހުށަހެޅުމުން، ނުވަތަ ނެޝަނަލް އިމިއުނަޒޭޝަން ޕްރޮގްރާމްގެ އީމެއިލްއަށް މެއިލް ކުރުމުން ކަމާބެހޭ މާހިރުންގެ ކޮމިޓީތަކުގެ ލަފަޔާއ،ި ލިޔެކިއުންތަކަށް ބަލައި ވެކްސިން އެގްޒެމްޕްޝަން ދޭންޖެހޭނަމަ އެލިޔުން ދޫކުރާނީ އެ އޭޖެންސީން ކަން ވެސް ވަނީ ފާހަގަކޮށްފައެވެ. ވެެކްސިން ޖެހުމުގެ މިންގަނޑުތަކަކީ އެއިރެއްގައި ބަލިތައް އުޅޭ މިންވަރާއ،ި ރާއްޖޭގައި ބަލިފެތުރުމުގެ ނުރައްކާ އޮތް މިންވަރަށް ބަލައި ތައްޔާރުކުރެވޭ މިންގަނޑުތަކެއްކަން އެޗްޕީއޭއިން ފާހަގަކޮށްފައި ވެއެވެ. އަދި ވެކްސިން އުފެއްދުމުގައި އަންނަ ކުރިއެރުންތަކާއި ބައެއް ބަލިތައް ފެތުރޭ މިންވަރަށް އަންނަ ބަދަލުތަކަށް ބަލައި، ޖަހަންޖެހޭ ވެކްސިންގެ މިންގަނޑުތަކަށް ބަދަލުގެނެސް އެ މައުލޫމާތު އާންމު ކުރެވޭނެކަމުމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ