ދުނިޔޭގެ ރޭޑިއޯ ދުވަސް: މަޢުލޫމާތު ފޯރުކޮށްދިނުމުގައި އެންމެ ގިނަދުވަސްވީ އެއް ވަޞީލަތް

ޑިޖިޓަލް ޕްލެޓްފޯމްތަކާއި ސޯޝަލް މީޑިއާގެ ދައުރު އިތުރުވަމުންދާ މި ޒަމާނުގައިވެސް ކުރިން އާދަވެފައިވާ ބައެއް ކަންކަން މީހުން ދޫކޮށެއް ނުލައެވެ. ރޭޑިއޯ މިއީ މިކަމުގެ އަލިގަދަ ހެއްކެކެވެ. ކޮންމެ އަހަރެއްގެވެސް ފެބްރުއަރީ މަހުގެ 13 ވަނަ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ ރޭޑިއޯ ދުވަހުގެ ގޮތުގައެވެ.
ރޭޑިއޯއަކީ ބްރޯޑްކާސްޓިންގައި ނުވަތަ އެއްތަނުން އަނެއް ތަނަށް މަޢުލޫމާތު ފޯރުކޮށްދިނުމުގައި އެންމެ ގިނަދުވަސްވީ، އަދި މިހާރުވެސް ދުނިޔޭގެ ފެންވަރުގައި ގިނަ ބަޔަކު މަޢުލޫމާތު ހޯދުމަށް ބޭނުންކުރާ ވަޞީލަތެކެވެ. ރޭޑިއޯގެ ޚިދުމަތް ދުނިޔޭގައި ދޭންފެށިތާ ޤަރުނަކަށްވުރެވެސް ގިނަ ދުވަސްފަހުން، ބައިނަލްއަޤްވާމީގޮތުން ރޭޑިއޯ ދުވަހެއް ފާހަގަކުރަން ފެށީ 2012 ވަނަ އަހަރުއެވެ.
ޔުނެސްކޯއިން ދުނިޔޭގެ ރޭޑިއޯ ދުވަސް ފާހަގަކުރަން ފެށުމުގެ މައިގަނޑު މަޤްޞަދަކީ ރޭޑިއޯއަކީ މަޢުލޫމާތު ފަތުރާ ވަޞީލަތެއްގެ ގޮތުގައި މިހާތަނަށްވެސް އެންމެ މީހުން ބަލައިގަންނަ ގިނަދުވަސްވީ ވަޞީލަތަށް ވުމާއެކު މި ވަޞީލަތް ބޭނުންކޮށްގެން، ބްރޯޑްކާސްޓަރުންގެ މެދުގައި ދުނިޔޭގެ ފެންވަރުގައި އެއް އަމާޒަކަށް ގުޅިގެން މަސައްކަތް ކުރުމެވެ.
ދުނިޔޭގެ ރޭޑިއޯ ދުވަސް ފާހަގަކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ދިވެހިރާއްޖޭގެ އަޑުގެ ރޭޑިއޯ ޕްރޮޑަކްޝަންގެ ސީނިއަރ މެނޭޖަރ ނަސްރުﷲ އިދުރީސް ވިދާޅުވީ، ދުނިޔޭގެ ރޭޑިއޯ ދުވަސް ފާހަގަކުރުމުގެ ގޮތުން ޚާއްޞަ ޕްރޮގްރާމްތަކެއް ދިވެހިރާއްޖޭގެ އަޑުން ގެނެސްދީފައިވާކަމަށެވެ.
އެގޮތުން ކަމާ ގުޅުންހުރި ދާއިރާތަކުގެ ބޭފުޅުންނާއި އަދި ސްކޫލްކުދިން ބައިވެރިކޮށްގެން ރާއްޖޭގެ އަޑުން ވަނީ ޚާއްޞަ ފޯރަމެއް ކުރިއަށް ގެންގޮސްފައެވެ. 50 މީހުންނާއެކު ކުރިއަށްގެންދިޔަ މި ފޯރަމްގައި "މޫސުމީ ބަދަލުތަކާއި ރޭޑިއޯ" މި ޝިޢާރަށް ވަރަށް ފުޅާ ދާއިރާއެއްގައި ވާހަކަދެކެވިގެންދިޔައެވެ. މީގެ އިތުރުން ދިވެހި އެފްއެމްއިންވެސް ދުވަހަށްޓަކައި ޚާއްޞަ ޕްރޮގަރާމެއް ވަނީ ގެންގޮސްފައެވެ.
ނަސްރުﷲ އިދުރީސް ވިދާޅުވީ، އަންގައިދިނުމާއި އުނގަންނައިދިނުމާއި މުނިފޫހިފިލުވައިދިނުން ފަދަ މުހިންމު ދާއިރާތަކުން ދިވެހިރާއްޖޭގެ އަޑުން މުހިންމު ދައުރެއް އަދާކޮށްފައިވާކަމަށެވެ. ހަމަމިއާއެކު ދިވެހި ޤައުމު ބައްޓަންކުރުމުގައި މަސްވެރިކަމާއި ދަނޑުވެރިކަމާއި އިޤްތިޞާދީ އަދި އިޖްތިމާޢީ ދާއިރާއިން ދިވެހި ރައްޔިތުންގެ ހޭލުންތެރި ކުރުވުމާއިއެކު އެކަންކަން އުނގަންނައިދިނުމުގެ މުހިންމު ދައުރެއް ޤައުމީ ރޭޑިއޯއިން އަދާކޮށްފައިވާކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
"ދިވެހިރާއްޖޭގެ އަޑުން އުފައްދާފައިވާ ޚާއްސަ ޕްރޮގްރާމްތަކަށް ބަލާއިރު، އަސާސީ ތަޢުލީމް ޕްރޮގްރާމް ކާމިޔާބުކުރުމަށްޓަކައި ދިވެހިރާއްޖޭގެ އަޑުން އަދާކުރި ދައުރު، ދަނޑުވެރިކަން ފުޅާކުރުމަށްޓަކައި ދިވެހިރާއްޖޭގެ އަޑުން އަދާކުރި ދައުރު، މަސްވެރިކަން ތަރައްޤީކުރުމަށް ދިވެހިރާއްޖޭގެ އަޑުން އަދާކުރި ދައުރު، ތައުލީމު އާންމު ކުރުމަށްޓަކައި ދިވެހިރާއްޖޭގެ އަޑުން އަދާކުރި ދައުރު، ހަމައެއާއެކީގަ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށްޓަކައި މަގުދައްކައިދިނުމަށް ދިވެހިރާއްޖޭގެ އަޑުން އަދާކޮށްފައިވާ ދައުރަކީ ވަރަށް މުހިންމު ދައުރެއް. އަދިވެސް އެ ދައުރު ދަނީ އަދާކުރަމުން." ނަސްރުﷲ ވިދާޅުވިއެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ ރޭޑިއޯގެ ޚިދުމަތް ފެށީ، 1962 ވަނަ އަހަރުއެވެ. އެއަހަރު ރާއްޖޭގައި ޤާއިމްކުރެވުނު ފުރަތަމަ ރޭޑިއޯ ސްޓޭޝަނުން، ފުރަތަމަ ފޮނުވި ޓްރާންސްމިޝަންގެ ދިގުމިނަކީ، 4 މިނެޓާއި ދެ ސިކުންތެވެ. ރާއްޖޭގެ އެންމެ ދުވަސްވީ ރޭޑިއޯ ޗެނަލްކަމުގައިވާ ދިވެހިރާއްޖޭގެ އަޑަށް 62 އަހަރު ފުރިފައިވާއިރު، ރޭޑިއޯގެ ޚިދުމަތަކީ ދިވެހިންގެވެސް ދިރިއުޅުމުގެ ވައްޓަފާޅިއަށް ބޮޑު އިންޤިލާބެއް ގެނުވި ވަޞީލަތެކެވެ.
ދިވެހިރާއްޖޭގެ އަޑަކީ އާންމު ރައްޔިތުން ހޭލުންތެރިކޮށްދިނުމަށާއި، އާންމު ރައްޔިތުންނަށް އުނގަންނައި ދިނުމަށާއި އަދި ކަންކަން އަންގައިދިނުމަށް އެންމެ ފުޅާދާއިރާއެއްގައި މިހާރުވެސް މައުލޫމާތު ފޯރުކޮށްދޭ އެއް ވަޞީލަތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ