އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލައާ ގުޅުންހުރި މަޢުލޫމާތު ހާމަކުރުމަށް ގޮވާލާ ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ކުއްލި ގޮތަކަށް ނިޔާވި ގދ.ހޯޑެއްދޫ ޢަބްދުﷲ ރަޝީދުގެ މަރުގެ މައްސަލަ މިނިވަން، ފުރިހަމަ ތަހްގީގެއް ހިންގުމަށާއި، އެ މައްސަލައާ ގުޅުންހުރި ހުރިހާ މަޢުލޫމާތެއް ހާމަކުރުމަށް ސަރުކާރަށް ގޮވާލާ ހުށައަޅާ ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފިއެވެ.
މި ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމްއެވެ.
މި މައްސަލަ ބަލައިގަންނަން ފެންނަ ކަަމަށް 17 މެމްބަރުން ވޯޓު ދެއްވިިއިރު މި މައްސަލައަށް ބަހުސް ކުރަން ނުފެންނަ ކަމަށް 26 މެމްބަރަކު ވޯޓުދެއްވިއެވެ.
މެމްބަރު ހުށަހެޅި ކުއްލި މައްސަލާގައި ވަނީ ފުލުހުން ހިންގ ިއޮޕަރޭޝަނެއްގައި ގދ. ހޯޑެއްދޫ ޢަބްދުﷲ ރަޝީދު ރަޝީދު އިއްޔެ މެންދުރުގެ ވަގުތެއްގައި ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ކުއްލި ގޮތަކަށް އޭނާ ނިޔާވެފައިވާ ހިނދު އޭނާ ގދ. ހޯޑެއްދޫއިން ހައްޔަރުކޮށްގެން ފުލުހުންގެ ލޯންޗަކަށް އަރުވައިގެން ގެންދިޔަ ވަގުތު އޭނާގެ މެޔަށް ތަދުވާ ވާހަކަ ބުނެފައިވާ ކަމަށެވެ.
އަދި އޭނާ ޑޮކްޓަރަށް ގެންދިއުމަށް އާދޭސް ކުރަމުންދިޔަ މަންޒަރު އެވަގުތު ހޯޑެއްދޫ ބަނދަރުގައި ފުލުހުން އޭނާ ލޯންޗަށް އެރުވި ވަގުތު ތިބި ރައްޔިތުންނަށްވެސް ފެނިފައިވާތީ އާއި، އަދި އޭގެ ފަހުން އޭނާ ލޯންޗުގެ ތެރެއަށް ވެއްޓި އޭނާ އޮތް ޙާލަތު ދާއިރާގެ ޒިއްމާދާރު ފަރާތްތަކަށް ފެނި އޭނާ ހޮސްޕިޓަލަށް ގެންދަން އެދިފައިވާތީއާ، އަދި އޭގެ އެތައް އިރެއްފަހުން ހޯޑެއްދޫ ކައިރީގައި އޮންނަ މަޑަވެއްޔަށް ގެންގޮސް، ހެލްތް ސެންޓަރަށް އޭނާ ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް މެމްބަރު ހުށަހެޅި މައްސަލާގައިވެއެވެ.
ޢަބްދުﷲ ރަޝީދު ނިޔާވުމުގައި ފުލުހުންގެ އިހުމާލު ވަރަށް ބޮޑަށް އޮތްކަމަށް ފެންނާތީ އާއި، އަދި ޑޮކްޓަރަށް ގެންދިއުމަށް އެދި އާދޭސް ކުރަމުންދަނިކޮށް މިފަދަ ގޮތަކަށް އެއްވެސް އިންސާނަކާމެދު ޢަމަލުކުރުމަކީ އިންސާނިއްޔަތު ކަމުގެ މިންގަނޑުންވެސް ކޮށްގެންވާނެ ކަމަކަށް ނުވާތީއާއި، އަދި އެކިއެކި މަސްދަރުތަކުންވެސް ފުލުހުން އޭނާއާއި ދޭތެރޭގައި އިހާނެތިކޮށް ޢަމަލުކޮށްފައިވާކަން އެނގޭކަން މެމްބަރު ފާހަގަކުރެއްވިއެވެ.
މި މައްސަލައަކީ މިކަމުގައި ކަންހިނގާފައިވާ ގޮތުގެ ހަގީގަތް ދެނެގަތުމަށްޓަކައި ފުލުހުންގެ ބޮޑީކެމް ފުޓޭޖް ބަލާ، ހާމަކުރުމަށާއި، މިމައްސަލަ އަވަހަށް، މިނިވަންކަމާއި އިންސާފުވެރިކަމާއެކު އަވަސް ތަހްގީގެއް ކުރުމަށް ސަރުކާރުގެ ކަމާބެހޭ އެންމެހާ މުއައްސަސާތަކަށް ގޮވާލާ ހުށަހެޅި މައްސަލައެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ