ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ހަމަ މަގަށް އަޅުވަން އިދިކޮޅު މެމްބަރުން މިހާރު ކުރައްވަނީ ގައުމީ މަސައްކަތެއް ކަމަށާއި އިތުރު ހިތްވަރަކާއި ވަރުގަދަ އަޒުމަކާ އެކު އެކަން ކުރިއަށް ގެންދިއުން ވަރަށް މުހިންމު ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
މި ވަގުތު އިންޑިއާގައި ހުންނެވި މައުމޫން، ޕީޕީއެމްގެ ރައީސްގެ ހައިސިއްޔަތުން ނެރުއްވި ބަޔާނެއްގައި ވަނީ އިއްޔެ ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓު ފާސްކުރަން މަސައްކަތްކުރެއްވި މެމްބަރުންނަށް ޝުކުރު ވެސް އަދާކުރައްވައިފަ އެވެ.
އެމަނިކުފާނު ސިފަކުރެއްވި ގޮތުގައި މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ނެގި ވޯޓުގައި "ގާނޫނީ ހައިސިއްޔަތެއް ނެތެ"ވެ. އެހެންކަމުން އެއީ "ބާތިލް ވޯޓެއް" ކަމަށް ވެސް ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ އެ ވޯޓު ނެގީ ގާނޫނާއި ގަވާއިދާ ހިލާފަށް ކަމަށް ދިވެހިންގެ އިތުރުން މުޅި ދުނިޔެ ވެސް ގަބޫލުކުރާ ކަމަށެވެ.
ވޯޓުގެ ކަންކަމުގައި އިސްކޮށް އުޅުއްވި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) އާއި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމުގެ ފަހަތްޕުޅުން އެހެން މެމްބަރުން ކުރެއްވީ، މައުމޫން ވިދާޅުވި ގޮތުގައި، ގައުމު އިސްލާހުކުރުމުގެ މަސައްކަތެކެވެ.
އެމަނިކުފާނު ވިދާޅުވީ އެއީ ވަރަށް ކާމިޔާބު މަސައްކަތެއް ކަމަށެވެ.
"އެ ކާމިޔާބީއަކީ މިނިވަން ވޯޓެއް ނެގުމަށް ސަރުކާރުން ޖެހިލުންވުން" ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގީ މެމްބަރުންނާ ވަކިވަކިން އަހައިގެންނެވެ. އެއީ މަޖިލީހުގެ ގަވާއިދާ ޚިލާފަށް ކުރި ކަމެއް ކަމަށް އިދިކޮޅު މެމްބަރުން ވިދާޅުވެ އެވެ. އަދި ޖަލްސާ ކުރިއަށް ގެންދަން ހުރަސް އެޅުއްވުމުން ވޯޓު ނެގީ، ސިފައިން ލައްވާ 13 މެމްބަރަކު މާލަމުން ނެރެފަ އެވެ. އެހާ ހިސާބުން އިދިކޮޅު އަނެއް 21 މެމްބަރުން ޖަލްސާ ބޮއިކޮޓްކުރެއްވީ އެވެ.
މަޖިލިހުގެ މަސައްކަތް ހަމަ މަގަށް އެޅުވުން ވަރަށް މުހިންމު، މެމްބަރުންނަށް ޝުކުރިއްޔާ: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ