ބަންދުގައި ތިބޭ މެމްބަރުން މަޖިލީހަށް ހާޒިރުކޮށްދޭން ޖެހޭނެ: މެމްބަރު ނަޝީދު

ކުށުގެ ވެށިން ހައްޔަރުކުރެވޭ ރައްޔިތުންގެ މެމްބަރުން ފިޔަވައި އެހެން މެމްބަރުން މަޖިލީހަށް ހާޒިރުކޮށް ދޭން ޖެހޭނެ ކަމަށް ޕީޕީއެމަށް ނިސްބަތްވާ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ބަންދުގައި ތިބި މަޖިލީހުގެ ބައެއް މެމްބަރުން ޖަލްސާތަކަށް ހާޒިރުކޮށް ނުދިނުމުން ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށް ނަޝީދު އޭނާގެ ބްލޮގްގައި ލިޔުއްވާފައިވާ ގޮތުން މެމްބަރުން މަޖިލީހަށް ހާޒިރުކުރަން ޖެހޭ ކަމަށް އިމްތިޔާޒްގެ ގާނޫނުގައި އޮތް މާއްދާ ސުޕްރީމް ކޯޓުން ބާތިލްކޮށްފައި އޮތަސް މަޖިލީހުގެ ގަވާއިދުގައި އެކަން އަދިވެސް އެެގޮތަށް އޮތުމުން މެމްބަރުން މަޖިލީހަށް ހާޒިރުކޮށްދޭން ޖެހޭނެ އެވެ.
ސަބަބެއްގެ ގޮތުގައި ނަޝީދު ފާހަގަކުރައްވާފައިވަނީ އިމްތިޔާޒްގެ ގާނޫނުގެ އެ މާއްދާ ބާތިލް ކުރިޔަސް މަޖިލީހުގެ ގަވާއިދުގައި އެކަމަށް އޮތް މާއްދާ އަދިވެސް ދެމިއޮތުމާއި މަޖިލީހުގެ ގަވާއިދަކީ އިމްތިޔާޒްގެ ގާނޫނަށް ވުރެ ކުރިން އައިސްފައި އޮތް އެއްޗަކަށް ވުމެވެ. އަދި މަޖިލީހުގެ ގަވާއިދަކީ ގާނޫނެކޭ އެއްފައިން އަމަލު ކުރުން ލާޒިމްވާ ގަވާއިދެއް ކަމަށް އޭނާ ލިޔުއްވާފައިވެ އެވެ.
"މަޖިލީހުގެ ގަވާއިދުން ލާޒިމްކުރާ ކަމެއް ކުރުމަކީ ބައެއްގެ ނުވަތަ މީހެއްގެ އިޚްތިޔާރަށް ދޫކޮށްލެވިދާނެ ކަމެއް ކަމަކަށް ވެސް ނުދެކެމެވެ،" ނަޝީދު ލިޔުއްވި އެވެ.
އިމްތިޔާޒް ގާނޫނުގެ މާއްދާ ބާތިލްކޮށް، ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމަށް އިޝާރާތް ކުރައްވައި، ނަޝީދު ވިދާޅުވެފައިވާ ގޮތުން އެ ހުކުމު އޮތް ގޮތުން މަޖިލީހަށް ހާޒިރުކޮށްދޭން ނުޖެހެނީ ކުށުގެ ވެށިން ހައްޔަރު ކުރެވޭ މެމްބަރުން އެކަންޏެވެ. އެފަދަ މެމްބަރުން ހާޒިރުކޮށްދޭން ނުޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ސަބަބެއްގެ ގޮތުން ނަޝީދު ފާހަގަކުރައްވާފައިވަނީ ކުށުގެ ވެށިން ހައްޔަރުކުރެވޭ މެމްބަރުންނަކީ ހަގީގަތާ ޚިލާފް ދޮގު ތުހުމަތުތަކެއްގައި ހައްޔަރުކުރެވޭ ބަޔަކަށް ވުމުގެ ފުރުސަތު ނޯންނާނެތީ އެވެ.
"ސިޔާސީ ބޭނުމެއްގައި ބަޔަކު ކޮށްފާނެ ހަގީގަތާ ޚިލާފް ކެހިވެރި ޝަކުވާތަކާއި ދައުވާތަކުގެ ސަބަބުން އެ މެމްބަރުންނާ މަތިކުރެވިފައިވާ ރައްޔިތުން ތަމްސީލު ކުރުމުގެ ދުސްތޫރީ މަސްއޫލިއްޔަތަށް ހުރަސް އެޅިގެން ނިދިއުމަކީ އިމްތިޔާޒް ލިބިދިނުމުގެ މައިގަނޑު މަގްސަދު ކަމަށް ވާތީ އެ ނަޒަރުން ބަލާއިރު ކުށުގެ ވެށިން ހައްޔަރުކުރެވޭ މެމްބަރުންނަކީ އެފަދަ ރޭވުމަކަށް ނުވަތަ ޝަކުވާއަކަށް ފުރުސަތު އޮންނާނެ ބައެއް ކަމުގައި ނުބެލެވޭ" ކަމަށް ނަޝީދު ލިޔުއްވާފައިވެ އެވެ.
ކުރިން ހައްޔަރުކުރި ބައެއް މެމްބަރުން ވެސް މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުކޮށްދީފައިވާ ކަން ފާހަގަކޮށް، ނަޝީދު ލިޔުއްވި ގޮތުން މިހާރު ދިމާވެފައިވާ މައްސަލަތައް ހައްލުކުރަން އިމްތިޔާޒްގެ ގާނޫނުގެ ބާތިލްކުރި އެ މާއްދާ، ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނާ އިމުގެ ތެރެއިން އަލުން އުފަން ކުރުން މުހިންމެވެ.
މިހާރު ބަންދުގައި ހުންނެވި މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން އިއްޔެ މަޖިލީހަށް ހާޒިރުކުރަން އިދިކޮޅު މެމްބަރުން މަޖިލީހުގައި އިހްތިޖާޖް ކުރިޔަސް އޭނާ ހާޒިރު ކޮށްފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ