ކްރިމިނަލް ކޯޓުގެ ގާޒީ އަހްމަދު ރަޝީދު ސަސްޕެންޑް ކުރީ އޭނާއަށް ކުރެވެމުންދާ ތުހުމަތާ ގުޅޭ މައްސަލަ ބަލައި ނިމެންދެން ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކުން އެކަހެރިކޮށް، ވަޒީފާއަށް ވެސް ނިކުމެވަޑައިނުގެންނެވޭ ގޮތަށް ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ބުނެފި އެވެ.
ޖޭއެސްސީ މިއަދު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ޖޭއެސްސީއަށް ހުށަހެޅިފައިވާ ޝަކުވާއަކާއި ގުޅިގެން ތަހުގީގަށް ގާޒީ އަހްމަދު ރަޝީދު އިއްޔެ ޖޭއެސްސީއަށް ހާޒިރުވެވަޑައިގެން ޝަކުވާއާ ގުޅޭގޮތުން ބަޔާނެއް ދީފައިވާ ކަމަށެވެ.
ޖޭއެސްސީން ބުނީ އަހްމަދު ރަޝީދާ ދެކޮޅަށް ހުށަހެޅިފައިވާ ޝަކުވާއާއި ގުޅިގެން ހުށަހެޅިފައިވާ ހެކިންނަކީ ކްރިމިނަލް ކޯޓުގެ ބައެއް ގާޒީންނާއި، ބައެއް މުވައްޒަފުން ކަމަށެވެ. އެހެންކަމުން ގާޒީ އަހްމަދު ރަޝީދު ކޯޓަށް ނިކުމެވަޑައިގެން މަސައްކަތް ކުރެވޭ ގޮތަށް އޮވެއްޖެނަމަ ހެއްކަށް ނުފޫޒު ފޯރުވުމުގެ ބޮޑު ކަމަށް ޖޭއެސްސީގައި މައްސަލަ ބަލައި ކޮމިޓީއަށް ގަބޫލުކުރެވިފައިވާ ކަމަށެވެ. އެހެންވެ ފަނޑިޔާރުންގެ ގާނޫނުގެ 38 ވަނަ މާއްދާގެ (ރ)ގެ ދަށުން ތަހުގީގު ކޮމިޓީން ޝަކުވާގެ ތަހުގީގު ފުރިހަމަކޮށް، އެކަމުގެ ރިޕޯޓް ކޮމިޝަނަށް ހުށަހަޅާ، ގާނޫނުގައިވާ ގޮތުގެ މަތިން ލިބިދެވެންޖެހޭ ފުރުސަތުތަކަށްފަހު، ކޮމިޝަނުން ވަކި ގޮތެއް ކަނޑައަޅަންދެން ފަނޑިޔާރު ކަމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބު ތަކުން އެކަހެރި ކުރުމަށާއި، ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް އެންގުމަށް ކޮމިޝަނުން ނިންމީ ކަމަށްވެސް މިބަޔާނުގައި ބުނެފައިވެ އެވެ.
ގާޒީ އަހްމަދު ރަޝީދު ސަސްޕެންޑް ކުރަން ނިންމީ ޖޭއެސްސީގެ ނައިބް ރައީސް މުހައްމަދު ފައިސަލް ރިޔާސަތުގައި އިންނަވައިގެން ރޭ ބޭއްވި ކޮމިޝަންގެ ބައްދަލުވުމެއްގައި ކަމަށް އެނގިފައިވެ އެވެ.
ޖޭއެސްސީއަށް ހުށަހެޅު ޝަކުވާއަކާއި ގުޅިގެން އަހްމަދު ރަޝީދު ސަސްޕެންޑް ކުރި ނަމަވެސް ޖޭއެސްސީން ބަލަމުންދާ މައްސަލައިގެ އެއްވެސް މައުލޫމާތެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ގާޒީ އަހްމަދު ރަޝީދު ސަސްޕެންޑް ކުރި މައްސަލާގައި ކްރިމިނަލް ކޯޓާއި އަހްމަދު ރަޝީދުގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ގާޒީ އަހްމަދު ރަޝީދު ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރައްވާ މަގާމުގެ ފަތްކޮޅު ދެއްވީ 2015 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހު އެވެ.
އަހްމަދު ރަޝީދު މީގެ ކުރިން ވަނީ ޖޭއެސްސީގައި އިންނަވާ ގާނޫނީ ވަކީލުން ތަމްސީލް ކުރައްވާ މެންބަރު ކަންވެސް ކުރައްވާފަ އެވެ.
ގާޒީ އަހްމަދު ރަޝީދު ސަސްޕެންޑްކުރީ މައްސަލަ ނިމެންދެން ވަޒީފާއަށް ވެސް ނިކުމެވަޑައިނުގެންވޭ ގޮތަށް: ޖޭއެސްސީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ