ފާރިިސްްގެެ މައްސަލަ ވަކި ގޮތަކަށް ގެންދަން ބިރެއް، މަޖުބޫރުކަމެއް ނެތް: ގާޒީ

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ހިންގާ ޝަރީއަތް ވަކި ގޮތަކަށް ކުރިއަށް ގެންދިއުމަށް އެއްވެސް ފަރާތެއްގެ ބިރެއް ނެތް ކަމަށް މައްސަލަ ބައްލަވާ ގާޒީ އިބްރާހިމް އަލީ ވިދާޅުވެއްޖެ އެވެ.
ފާރިސްގެ މައްޗަށް ހިންގާ ޝަޙްސު އޮޅުވާލުމުގެ ކުށުގެ ދައުވާގައި އާދިއްތަ ދުވަހު އިބްތިދާއީ ފަހު އަޑުއެހުމުގައި ގާޒީ އިބްރާހިމް އަލީ ވިދާޅުވީ އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު މައްސަލަ ކުރިއަށް ގެންދަވާނެ ކަމަށެވެ.
އެއަށް ފަހު ގާޒީ ވިދާޅުވީ މައްސަލަ ވަކި ގޮތަކަށް ކުރިއަށް ގެންދިއުމަށް އެއްވެސް ބިރެއް އަދި މަޖުބޫރުކަމެއް ވެސް ނެތް ކަމަށެވެ. ގާޒީ ވިދާޅުވީ މައްސަލަ ކުރިއަށް ގެންދަވާނީ ގާނޫނާ އެއްގޮތަށް ކަމަށާއި ހުށަހެޅޭ ހަމަ ކޮންމެ  ކަމަކަށް ވެސް ރިއާޔަތް ކުރައްވާނެ ކަމަށެވެ.
މިއީ ފާރިސްގެ ޝަރީއަތުގައި ގާޒީ އިބްރާހިމް އަލީ މިފަދަ ގޮތަކަށް ވާހަކަ ދެއްކެވި ދެވަނަ ފަހަރެވެ. ޖުލައި 17 ވަނަ ދުވަހު ބޭއްވި  އަޑުއެހުމުގައި ވެސް ގާޒީ މިފަދަ ގޮތަކަށް ވާހަކަ ދެއްކެވި އެވެ.
އެ އަޑުއެހުމުގައި ގާޒީ އިބްރާހިމް އަލީ ވިދާޅުވީ އެމަނިކުފާނުގެ ލަޔާގަތާއި ގާބިލްކަން ތަންދިން މިންވަރަކުން އެއްވެސް ފަރާތަކަށް ބުރަނުވެ، ހައްގުތައް ކަށަވަރު ކޮށްދީގެން އިންސާފު ގާއިމްކޮށް ދެއްވާނެ ކަމަށެވެ. ގާޒީ ވިދާޅުވީ ޝަރީއަތް ވަކި ގޮތަކަށް ކުރިއަށް ގެންދިއުމަށް އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތް ކަމަށެވެ.
ގާޒީ ވިދާޅުވީ  މައްސަލަ ކުރިއަށް ގެންދަވާނީ އަދުލުވެރިކަމާއެކު ހާމަކަން ބޮޑު ގޮތެއްގައި، އެކަށީގެންވާ ވަސީލަތާއި ވަގުތު ދެއްވައިގެން ކަމަށެވެ. އަދި ހުރިހާ ކަމެއް ކުރިއަށް ގެންދަވާނީ ގާނޫނުތަކާއި އިސްލާމީ ޝަރީއަތުގައި ބަޔާންވެގެންވާ  ގޮތަށް ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ. 
ފާރިސްގެ ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށް ކަނޑައަޅުއްވާފައިވާއިރު، އެ މައްސަލައިގެ ޝަރީއަތް ފެށުމަށް ނިންމަވާފައިވަނީ އޮކްޓޯބަރު 8 ވަނަ ދުވަހު އެވެ.
 
 
ކޮސް ވެއްޖެ
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ