ގާޒީ ބަދަލުކޮށްދިނުމަށް އަދީބު އެދިވަޑައިގެންފި

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ގަފޫރުގެ މައްޗަށް ދައުލަތުން ކޮށްފައިވާ މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ކުށުގެ ދައުވާގެ އިބްތިދާއީ އަޑުއެހުމުގައި އެ މައްސަލަ ބައްލަވާ ގާޒީ ބަދަލުކޮށްދެއްވުމަށް އޭނާ އެދިވަޑައިގެންފި އެވެ. މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުން ކޮށްގެން ރަށް ތަކެއް ދިން މައްސަލާގައި އަދީބުގެ މައްޗަށް ކޮށްފައިވާ އަށް ދައުވާގެ އިބްތިދާއީ އަޑުއެހުން މިއަދު ވަނީ ބާއްވާފަ އެވެ. އެ މައްސަލަ ބައްލަވަނީ ކްރިމިނަލް ކޯޓު ވަގުތީ ގޮތުން ހިންގުމާ ހަވާލުވެ ހުންނެވި އާދަމް އާރިފް އެވެ. މިއަދުގެ އަޑުއެހުމުގައި އަދީބު ވިދާޅުވީ، އެ މައްސަލަތައް ތަހުގީގު ކުރި އިރު ގާޒީ އާރިފް އަކީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގައި އުޅުއްވި ބޭފުޅެއް ކަމަށެވެ. އަދި އެ މައްސަލަތަކުގައި ބައިވެރިވެފައި ހުރެދާނެ ކަމަށާއި، އެހެންކަމުން ކޮންފްލިކް އޮފް އިންޓެރެސްޓް އެކަމުގައި އަންނާނެ ކަމަށެވެ. އެކަމާ ގުޅިގެން ދައުލަތުން ވިދާޅުވީ، ނުވަ ދައުވާއެއް ހިމެނޭ އެ މައްސަލައިގައި ގާޒީ އާރިފް ހިމެނޭ އެއްވެސް މައްސަލައެއް ފާހަގަ ކުރެވިފައި ނުވާ ކަމަށެވެ. އަދި އަދީބުގެ މައްސަލަތަކުގައި ދެ ތަހުގީގެއް ކޮށްފައިވާ ކަަމަށެވެ. އެއީ އެންޓި ކޮރަޕްޝަން ކޮމިޝަނުން ކުރި ތަހުގީގަކާއި ފުލުހުން ކޮށްފައިވާ ތަހުގީގު ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ. އަދި މި ދައުވާ ތަކަކީ އޭސީސީގެ ތަހުގީގުން ކޮށްފައިވާ ދައުވާ ތަކެއް ކަމަށްވެސް ވަކީލު ވިދާޅުވި އެވެ. އޭގެ އިތުރުން އޭސީސީގެ ތަގުގީގު ނިންމައި ޕީޖީއަށް ފޮނުވާފައިވަނީ ޖުލައި މަހުގެ ތެރޭގައި ކަމަށާއި، އެހެން ކަމުން ގާޒީ އާރިފް އެ މައްސަލަތަކުގައި ބައިވެރިވެފައި ނުވާނެ ކަމަށެވެ. ގާޒީ އާރިފް ވިދާޅުވީ، އަދީބުގެ މައްޗަށް ހުށަހެޅިފައިވާ ބައެއް މައްސަލަތަކުގައި ބައިވެރިވެފައިވާނެ ކަމަށާއި، އެހެން ނަމަވެސް މި މައްސަލަތަކުގައި އުޅެފައި ނުވާނެ ކަމަށެވެ. އަދި ވަކީލަކާ މަޝްވަރާ ކުރުމަށްފަހު އެކަން ޝަރީއަތުގައި ފާހަގަ ކުރުމަށް އަދީބަށް ފުރުސަތު ލިބޭނެ ކަމަށާއި، އެފަދަ ކަމެއް އުޅޭ ނަމަ އެ މައްސަލައިން ތަނާޒުލް ވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ. އަދީބު ވިދާޅުވީ، އަދީބުގެ މައްޗަށް އެ ދައުވާތައް ކުރަނީ، ރައީސް އޮފީހުން އަންނަންޖެހޭ ސިޓީއެއް ނައިސް ލަސްވުމުން ކަމަށް ވިދާޅުވި އެވެ. މިއަދުގެ އަޑުއެހުމުގައި އަދީބު ވަނީ އޭނާގެ ފުރާނައަށް ނުރައްކާ ވާވަރުގެ ބައްޔެއް ކުރިމަތިވެފައިވާ ކަމަށް ވިދާޅުވެ އެކަން ފާހަގަކޮށްފަ އެވެ. އަދީބު ވަނީ އެ މައްސަލަތަކުގެ ލިޔެކިޔުންތައް ލިބިފައިވާ ކަަމަށާއި، އެ މައްސަލަތައް ކުރިއަށް ގެންދަން ބޭނުން ވަނީ ވަކީލަކާ އެކު ކަމަށް ވިދާޅުވެފަ އެވެ. އެހެން ކަމުން ދައުލަތުން މިއަދު ދައުވާ އިއްވާފަ އެއް ނުވެ އެވެ. ގާޒީ ވަނީ ވަކީލަކު އައްޔަަން ކުރުމަށް 10 ދުވަހުގެ ފުރުސަތެއް އަދީބަށް ދީފަ އެވެ. ގާޒީ އާރިފް ވިދާޅުވީ އެ މައްސަލައިގެ އަޑުއެހުމެއް ދެން ބާއްވާނީ ދިހަ ދުވަސް ފަހުން ކަމަށެވެ. އެހެން ނަަމަވެސް ދެން އަޑުއެހުމެއް ބާއްވާނެ ތާރީހެއް ވިދާޅެއް ނުވެ އެވެ. މިއަދު ކުރިއަށް ގެންދިޔަ އަށް މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި ގާޒީ ވަނީ އަދީބުގެ މައްޗަށް އިތުރު މައްސަލަތަކެއްވެސް ހުށަހަޅާފައިވާ ކަަމަށާއި، އެ މައްސަލަތަކުގެ އަޑުއެހުމެއް އަންނަ ހަފްތާއަށް ތާވަލު ކުރާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ