ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރުމަކީ ކުރެވުނު ގޯސް ކަމެއް ކަމަށް ދޭހަވާ ގޮތަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވައިފިއެވެ.
އިންޑިއާއަށް ވަޑައިގެން ހުންނެވި ކުރީގެ ރައީސް މުހައްްމަދު ނަޝީދު އިންޑިއާގެ "ދަ ވަޔަ" ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވެފައިވަނީ އަބްދުﷲ ގާޒީގެ މައްސަލަ އެހެން ގޮތްގޮތަށް ވެސް ހަމަޖެއްސެން ހުރި ކަމަށާއި ހައްޔަރު ކުރުމަކީ އެންމެ ރަނގަޅަށް ކުރެވުނު ކަމެއް ނޫން ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
"އޭރު އެކަންތައްތައް ކުރި ގޮތަށް ވުރެ ރަނގަޅަށް ކަންތައްތައް ކުރެވުނީސް. އެކަމަކު ގާޒީއަކު މަގާމުން ދުރެއް ނުކުރަން، ކޮމާންޑަ އިން ޗީފް އަދި ރައީސްގެ ހައިސިއްޔަތުން އެކަމެއް ނުވެސް ކުރެވުނު،" ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ. އަބްދުﷲ ގާޒީ ހައްޔަރު ކުރީ ޖުޑިޝަލް ސާވިސް ކޮމިޝަންގެ ނިންމުމާ ދެކޮޅު ހެއްދެވުމުން ކަމަށާއި ނަމަވެސް އެއީ އެންމެ ރަނގަޅަށް ކުރެވުނު ކަމެއް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.
ޝަރުއީ ދާއިރާއަށް ކުރިން ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ގެންދެވި ރައީސް ނަޝީދު ވިދާޅުވީ ވޭތުވެ ދިޔަ 15 ވަރަކަށް އަހަރުގެ ތެރޭގައި އެހެން ގައުމުތަކުން 50 އަހަރު ތެރޭ ކޮށްފައި ހުރި ތަޖުރިބާ ރާއްޖެއިން ކޮށްފި ކަމަށެވެ.
"ޝަރުއީ ދާއިރާއަށް ފިލާވަޅުތަކެއް ލިބިއްޖެ އެމްޑީޕީއަށް ވެސް ލިބިއްޖެ. އަޅުގަނޑަށް ޔަގީން ރައީސް މައުމޫނާއި ގާސިމަށް ވެސް ލިބިއްޖެކަން. އެ މުއައްސަސާތަކާ ޖައްސާލައިގެން އުޅުމަކީ ކުރިއަށް ދިއުމަށް އެންމެ ރަނގަޅު ގޮތެއް ނޫން. އޭގެބަދަލުގައި ބަލަންވީ އެ މުއައްސަސާތަކުގެ ތެރެއިން އެ މުއައްސަސާތައް ރަނގަޅު ކުރެވޭތޯ،" ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ ކުރިން ގެންގުޅުނު ބައެއް ސިޔާސަތުތައް "އަތަށް ގޮވާފައިވާ" ކަމަށެވެ. އެހެންކަމުން މިހާރު ލިބުނު ފިލާވަޅުތަކުގެ ބޭނުން ހިފުން އެންމެ ރަނގަޅު ކަމަށެވެ.
"އަބްދުﷲ ގާޒީ ހައްޔަރު ކުރުމަކީ އެންމެ ރަނގަޅަށް ކުރެވުނު ކަމެއް ނޫން"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ