މަޖިލީހުގެ ނިންމުމަށް އަމަލުކުރަން ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރެފިއެވެ.
އެކޯޓުން މިފަދަ އަމުރެއް ނެރެފައިވަނީ ރާއްޖޭގައި އިއުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އިތުރުކުރުމަށް އިއްޔެ މަޖިލީހުން ނިންމި ނިންމުމާއިމެދު ސުޕްރީމް ކޯޓްގެ އިސްތިޝާރީ ލަފަޔަކަށް އެދިފައިވާތީ އެކަމާއި ގުޅިގެން ގޮތް ކަނޑައަޅަންދެން އަމަލުކުރާނެ ގޮތަކާއިމެދު މިއަދު ނެރެފައިވާ އަމުރެއްގައެވެ.
ސުޕްެރީމް ކޯޓުން ނެރެފައިވާ އަމުރުގައި ބުނެފައިވަނީ އިއްޔެ ރައްޔިތުންގެ މަޖިލީހުގައި ބޭއްވުނު ޚާއްސަ ޖަލްސާއެއްގައި ރައީސުލްޖުމްހޫރިއްޔާ ގައުމުގައި އިއުލާނުކުރައްވާފައިވާ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅޭ ގަރާރު ފާސްކޮށްފައިވަނީ މަޖިލީހުގެ ގަވާއިދާއި ޚިލާފަށްކަމަށް އެ މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވަމުންދާތީ އެކަމާއި ގުޅޭގޮތުން ސުޕްރީމް ކޯޓްގެ އިސްތިޝާރީ ލަފައަކަށް އެދި ހުށައަޅާފައިވާކަމަށެވެ.
އެހެންކަމުން މި މައްސަލައާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުން އެދިފައިވާގޮތަށް މަޖިލީހަށްދޭންޖެހޭ ލަފާ އެ މަޖިލީހަށް ފޮނުވެންދެން އިއްޔެ ދައުރުން ބޭރުގައި މަޖިލީހުގެ އިދާރާގައި ބޭއްވުނު ޚާއްސަ ޖަލްސާގައި ނިންމާފައިވާ ނިންމުންތަކަށް އަމަލުކުރަމުން ގެންދިއުމަށް ރައްޔިތުންގެ މަޖިލީހާއި، ދައުލަތުގެ އެންމެހާ މުއައްސަސާތަކަށް އަމުރުކުރާކަމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ވަނީ ބުނެފައެވެ.
ރާއްޖޭގައި އިއުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އިތުރުކުރުމަށް އިއްޔެ މަޖިލީހުން ނިންމި ނިންމުމާއިމެދު ސުޕްރީމް ކޯޓްގެ އިސްތިޝާރީ ލަފަޔަކަށް އެދިފައިވާތީ އެއީ މަޖިލީހުގެ ރިޔާސަތުން ކޮށްފައިވާ އިތުރު ކުށެއްކަމަށާ މަޖިލީހުން ނިންމާ އެފަދަ ނިންމުންތަކުގައި އިތުރު މުއައްސަސާއެއްގެ ބަހެއް ހޯދަންޖެހޭ ސަބަބެއް ނެތްކަމަށް މަޝްހޫރު ބައެއް ގާނޫނީ ވަކީލުން ގެންދަވަނީ ވިދާޅުވަމުންނެވެ.
އަދި މަޖިލީހުން ސުޕްރީމް ކޯޓްގެ އިސްތިޝާރީ ލަފައަކަށް އެދުނީ ގާނޫނީ ޚިލާފަށް އިއްޔެގެ މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދިއުމަށްފަހު، ނިންމާފައިވާ ނިންމުންތަކަކީ ސައްހަ ނިންމުންތަކެއްކަމަށް ދެއްކުމުގެ ގޮތުންކަމަށް މަޖިލީހުގެ ބައެއް މެންބަރުން ވަނީ ވިދާޅުވެފައެވެ.
ރައްޔިތުންގެ އެމައްޗަށް އަމުލުކުރުން ލާޒިމުކުރާ އެއްވެސްކަމަކަށް ވޯޓަށް އެހޭނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ތިންބައިކުޅަ ދެބައި މެންބަރުން މަޖިލީހަށް ހާޒިރުތިބޭ ވަގުތެއްގައިކަމަށް މަޖިލީހުގެ ގަވާއިދުގައި ބުނެފައިވާއިރު، މަޖިލީހުގައި އިއްޔެ ތިބީ 40 މެންބަރުންކަމަށްވާތީ އިއްޔެގެ ނިންމުމަކީ ބާތިލު ނިންމުމެއްކަމަށް މަޖިލީހުގައި ހިމެނޭ އިދިކޮޅު ޕާޓީތަކުގެ މެންބަރުން ވަނީ ވިދާޅުވެފައެވެ.
ނަމަވެސް މަޖިލީހުގެ މެންބަރުންނަށް އެންމެ 18 މިނެޓްގެ ކުރު ނޯޓިސްއެއް ދީގެން އިއްޔެ ބޭއްވި ޖަލްސާގައި މަޖިލީހުގައި ރިޔާސަތުގައި އިންނަވާ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އަބުދުﷲ މަސީހު މުހައްމަދު ވަނީ މުޅި ގައުމުގައި އިއުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތަކީ ހުރިހާ ރައްޔިތުން އެއަށް އަމަލުކުރަން ޖެހޭ އެއްޗެއް ނޫންކަމަށް ދޭހަވާ މޭރުމުން ވާހަކަދައްކަވާ ޖަލްސާގައި ވަކި އަދަދަކަށް މެންބަރުން ތިބުން ލާޒިމު ނޫންކަމަށް ވިދާޅުވެ ވާހަކަދައްކަވާފައެވެ.
މަޖިލީހުގެ ނިންމުމަށް އަމަލުކުރަން ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ