ރައްޔިތުން ގޮތެއް ނިންމުމުން، ރައީސް ޔާމީންގެ ނިންމުމަށް ބަދަލުގެންނަންޖެހޭނެ: ރައީސް ނަޝީދު

ރައީސް އަބްދުﷲ ޔާމީން މީގެކުރިންވެސް ހަރު ބަސްތައް ވިދާޅުވެ ނިންމެވި ނިންމެވުންތައް ފަހުވަގުތު ބަދަލުކުރަންޖެހިވަޑައިގެންނެވިކަމަށާއި، އެމަނިކުފާނުގެ ކެނޑިޑަސީއާއި މެދު ރައްޔިތުން ގޮތެއް ނިންމުމުން ރައީސް ޔާމީންގެ ނިންމުމަށްވެސް ބަދަލުގެންނަންޖެހޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ބ. ތުޅާދޫގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާޤުން އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެވޭނެކަމަށް ނިންމާފައިވާކަމަށެވެ. އަދި އދ. އިންވެސް އެމަނިކުފާނަށް އިންތިހާބުގައި ވާދަކުރެއްވޭނެކަމަށް 2 ފަހަރު ނިންމާފައިވާ ކަމަށާއި، ގޮތެއް ނުނިންމާވަނީ އެމްޑީޕީގެ އާންމު މެމްބަރުން ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ޕްރައިމަރީގައި އެމްޑީޕީގެ އާންމު މެމްބަރުން އެ ނިންމުން ނިންމަވައިދެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ. 
"މި ޕާޓީ އަދި އޮތީ އަޅުގަނޑުގެ ކެނޑިޑެސީއާއި ގުޅޭގޮތުން ގޮތެއް ނުނިންމާ. އަޅުގަނޑު ޕާޓީގެ ކިބައިން އެދެނީ ތިޔަބޭފުޅުން ގޮތެއް ނިންމައިދިނުމަށް. ސުޕްރީމް ކޯޓުން ގޮތެއް ނިންމަވާފައި އޮތީ. އދ. އިން ގޮތެއް ނިންމައިފި." 
ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ރައީސް ޔާމީން ބޭނުންފުޅުވެވަޑައިނުގަންނަވާނެ ކަމަށެވެ. ސަބަބެއްކަމަށް އެމަނިކުފާނު ވިދާޅުވީ ރިޔާސީ އިންތިހާބުން ބަލިވާނެކަން ރައީސް ޔާމީނަށްވެސް އެނގިވަޑައިގެންނެވުން ކަމަށެވެ. 
އެ މޭރުމުން ވާހަކަފުޅުކުރިއަށްގެންދަވަމުން ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީން އަދި ދިވެހި ސަރުކާރުން އެގޮތަށް ނިންމިނަމަވެސް އެމްޑީޕީގެ މެމްބަރުންގެ ނިންމުން ދިވެހި ރައްޔިތުންނަށާއި، ބައިނަލްއަޤުވާމީ ފަރާތްތަކަށް ސާފުވާންޖެހޭނެ ކަމަށެވެ. އަދި ރައީސް ޔާމީން ކުރީގައި ވިދާޅުވާ ވާހަކަތަކަށް އަބަދުވެސް ބަދަލު ގެންނަ ކަމަށާއި، އެ ބަދަލު ގެންނަނީ ގިނަ ރައްޔިތުންތަކެއް ބަސްބުނުމުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 
"ރައީސް ޔާމީން އަޅުގަނޑާއި ވާދަކުރެއްވުމަށް އެދިވަޑައެއް ނުގަންނަވާނެ. ނަމަވެސް ކުރިއަށް މި އޮތް އިންތިހާބަކީ ރައީސް ޔާމީނާއި އަޅުގަނޑަށްވުރެ މާ ބޮޑު އިންތިހާބެއް. މި އިންތިހާބަކީ ދިވެހިރާއްޖޭގެ ރައްޔިތުން ރާއްޖެއާއި ގުޅޭގޮތުން އެންމެ މުހިންމު އެއް ނިންމުން ނިންމާނެ އެއް އިންތިހާބު. އަޅުގަނޑުމެންގެ ރާއްޖެ މި ވަނީ ރޭޒަރު ތިލައެއްގެ މިލަމަތީގައި"
ޤައުމުގައި ބޮޑެތި މައްސަލަތަކެއް ހުރިކަން ފާހަގަކޮށް، ރައީސް ނަޝީދު ވިދާޅުވީ ރާއްޖެ އިޖުތިމާއީ ބޮޑެތި މައްސަލަތަކެއްވެސް އެބަހުރިކަމަށެވެ. އެގޮތުން ރައީސް ޔާމީންގެ ވެރިކަމުގައި މީހުން މެރުން އިންތިހާއަށް އިތުރުވެފައިވާއިރު، އެ މައްސަލަތައް އެންމެ އެކަށޭނެ ގޮތެއްގައި ތަހުޤީޤްކޮށް އިންސާފު ހޯދައިދެވިފައިނުވާކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އޭގެއިތުރުން ދަރަނި ނަގަމުންގޮސް، ރާއްޖެ ވަނީ ދަރައި ވިކިފައިކަމަށާއި، އެކަމަށްވެސް ބަދަލުތައް ގެންނަންޖެހޭކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. 
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ