ވިލިނގިލި ދާއިރާގެ އިންތިހާބުގެ މައްސަލައިގެ އަޑުއެހުންތަށް ނިންމާލައިފި

ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރަގެ އިންތިޚާބު ބާތިލު ކުރުމަށް އެމްޑީޕީން ހައިކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި އެވެ.
ވިލިނގިލި ދާއިރާގެ އިންތިހާބު ކާމިޔާބުކުރައްވާފައިވަނީ ޕީޕީއެމްގެ ކެންޑިޑޭޓް ސައުދު ހުސެއިންއެވެ. އެ ދާއިރާގެ އިންތިޚާބު ބާތިލްކުރަން އެމްޑީޕީން އެދުނީ ސައުދަށް ވޯޓުލުމަށް ކޫއްޑޫ ފިޝަރީޒްގެ މުވައްޒަފުންނަށް އެންގުމާއި ތިން ސަތޭކައެއްހާ ވޯޓު ކަރުދާހުގައި ނިޝާންތަކެއް ޖަހާފައިވާ ކަމަށް ބުނެ އެވެ.
ހައިކޯޓުގައި މިއަދު އޮތް އަޑުއެހުމުގައި އެމްޑީޕީގެ ގާނޫނީ ވަކީލު މަހުފޫޒު ސައީދު ވިދާޅުވީ ސައުދަށް ވޯޓު ދޭންޖެހޭނެ ކަމަށްބުނެ ކޫއްޑޫ މުވައްޒަފުންނަށް ބިރުދައްކާފައިވާ ކަމަށެވެ. އަދި އެންޓި ކޮރަޕްޝަން ކޮމިޝަންގެ އެންގުމާ ޚިލާފަށް ސައުދުގެ ނުފޫޒުން ކޫއްޑޫގެ މުވައްޒަފުންނަށް ޕްރޮމޯޝަން ދިންކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެ ދާއިރާގެ ގިނަ ވޯޓު ކަރުދާސްތަކެއްގައި ނިޝާންތަކެއް ޖަހާފައިވާ ކަމަށާއި އެގޮތުން އެ ކަރުދާސްތަކުގައި ކޯޑެއް ލިޔެފައިވާއިރު އެއީ ކޫއްޑޫގެ މުވައްޒަފުންނަށް ދީފައިވާ ޕްރޮމޯޝަނާ ގުޅޭ ކޯޑެއް ކަމަށް އެމްޑީޕީގެ ވަކީލު ވިދާޅުވިއެވެ. އަދި އެގޮތަށް ނިޝާން ޖަހާފައިހުރި ގިނަ ކަރުދާސްތަކުގައި ވޯޓު ލިބިފައިހުރީ ސައުދަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެކަންކަން ސާބިތުކުރަން މަހްފޫޒް ވަނީ 10 ހެކިވެރިއެއްގެ ނަން ހައި ކޯޓަށް ހުށަހަޅައިފަ އެވެ.
ދައުވާއަށް ޖަވާބުދާރީވަމުން އިލެކްޝަންސް ކޮމިޝަންގެ ވަކީލް ހުސްނުއްސުއޫދު ވިދާޅުވީ ކުއްޑޫގެ މުވައްޒަފުންނަށް އިންޒާރުދިން ކަމަށް އެމްޑީޕީން ބުނާއިރު އެއްވެސް ބަޔަކަށް އިންޒާރު ދިންކަމުގެ ހެއްކެއް އެމްޑީޕީން ހުށަހަޅާފައިނުވާ ކަމަށެވެ. ވޯޓު ކަރުދާހުގައި ކުރެހުމެއް ހުރުމަކީ އޭގެ މައްޗަށް ބިނާކޮށް އިންތިޚާބު ބާތިލު ކުރަންޖެހޭ ސަބަބެއް ނޫން ކަމަށްވެސް ސުއޫދު ވިދާޅުވިއެވެ.
އިލެކްޝަންސް ކޮމިޝަންގެ ވަކީލާ ހަނީފާ ޚާލިދު ވިދާޅުވީ އެމްޑީޕީން ތުހުމަތުކޮށްފައިވާ އެއްވެސް ކަމެއް ކުރި ކަމަށް ބުނެ ކޮމްޕްލަޔަންސް ބިއުރޯއަށް އެއްވެސް ޝަކުވާއެއް ހުށަހަޅާފައިނުވާ ކަމަށާއި އެހެންކަމުން މިހާރު އެއީ އިންތިޚާބު ބާތިލްކުރަންޖެހޭ ސަބަބެއް ނޫން ކަމަށެވެ. .
މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ އިތުރު ކަމެއް ސާފުކުރަން ޖެހިއްޖެ ނަމަ އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށާއި އެހެން ނޫންނަމަ ދެން އޮންނާނީ ހުކުމް ކުރުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ