ތައުލީމީ ދާއިރާގެ ބޮޑު އެކްސްޕޯއެއް އަންނަ މަހު ބާއްވަނީ

ތައުލީމީ ދާއިރާ އަށް އަމާޒުކޮށް ބޮޑު އެކްސްޕޯއެއް ބޭއްވުމަށް އަމިއްލަ ދެ ކުންފުންޏަކުން ތައްޔާރުވެއްޖެ އެވެ.
އަސަރީ ސާވިސަސް އާއި ލަންކާ އެގްޒިބިޝަން އެންޑް ކޮންފަރެންސް ސާވިސަސް (ލެކްސް) ގުޅިގެން "މޯލްޑިވްސް އެޑިއުކޭޝަން އެންޑް ކެރިއާ އެކްސްޕޯ 2017" ބާއްވާ މި ހަރަކާތް އޮންނާނީ އަންނަ މަހުގެ 30 އިން އޭޕްރީލް 1 ވަނަ ދުވަހުގެ ނިޔަލަށް ދަރުބާރުގޭގަ އެވެ.
މި އެކްސްޕޯއާ ގުޅޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އަސަރީ ސާވިސަސްގެ އެގްޒެކެޓިވް ކޯޕަރޭޓް ސްޓްރެޓަޖީ އައިޝަތު މުއީނާ ވިދާޅުވީ، މި ސަރަހައްދުގެ އެކި ގައުމުތަކުގެ ޔުނިވަސިޓީތަކުން އެކްސްޕޯގައި ބައިވެރިވާ ކަމަށާއި 70 އަށް ވުރެ ގިނަ ސްޓޯލް ހުންނާނެ ކަމަށެވެ.
މިއީ އެ ކުންފުނިން ބާއްވާ ދެ ވަނަ އެކްސްޕޯ އެވެ. މިދިޔަ އަހަރު ބޭއްވި އެކްސްޕޯގައި ވެސް 60 އަށް ވުރެ ގިނަ ސްޓޯލް ބެހެއްޓި ކަމަށް މުއީނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، މިިދިޔަ އަހަރުގެ އެކްސްޕޯ އަށް ވެސް ވަރަށް ބޮޑު ތަރުހީބެއް ލިބުނެވެ.
"މިގޮތަށް ބޮޑު އެކްސްޕޯ އެއް ބާއްވަނީ ދަރިވަރުންނާއި ބެލެނިވެރިން އަދި މަތީ ތައުލީމަށް ޝައުގުވެރިވާ ހުރިހާ ބޭފުޅުންނަށް ވެސް ބޭނުން ހުރި މުހިއްމު ފުރުސަތުތައް މި ފެއާގެ ޒަރީއާއިން ހުޅުވާލައި ދިނުމށް،" މުއީނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެކްސްޕޯގެ ތެރެއިން، ވަކިވަކި ޔުނިވަސިޓީތަކުން ދޭން ހަމަޖައްސާފައިވާ ސްކޮލަޝިޕް ފަދަ މައުލޫމާތުތައް ވެސް ހިއްސާކުރާނެ ކަމަށެވެ. އަދި ކޯސްތަކަށް ވެސް ކުރިމަތިލެވޭނެ ކަމަށް މުއީނާ ވިދާޅުވި އެވެ.
ކުރިއަށް ދާނެ ވަކި ދާއިރާއެއް އިހުތިޔާރުކުރަން ނޭނގިފައިި ތިބި ދަރިވަރުންނަށް އެކްސްޕޯގެ ތެރެއިން އެހީތެރިކަން ލިބޭއިރު، ޕާސަނަލިޓީ ޑިވެލޮޕްމަންޓު ޓްރެއިނިން އެއް ވެސް ހިންގަން ހަމަޖައްސާފައިވާ ކަމަށް މުއީނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ