ހެރެތެރެ ރިސޯޓު ރަސްމީކޮށް ހުޅުވުން: މިއީ ދެކުނުގެ ޓޫރިޒަމް ޒޯނުގެ ފެށުން: ރައީސް މައުމޫން

ހެރަތެރަ ރިސޯޓުން އަހުމަދު ހަމްދޫން އަދި އަހުމަދު އަދްޝަން
ހެރަތެރަ ރިސޯޓް ހުޅުވުމަކީ ދެކުނުގެ ޓޫރިޒަމް ޒޯނުގެ ފެށުން ކަމަށާއި އެ ރިސޯޓުގެ ސަބަބުން އައްޑުއަތޮޅުގެ އިގްތިސާދަށާއި އާއްމު ރައްޔިތުންނަށް ވަރަށް ބޮޑުކުރިއެރުމެއް ލިބިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް ވިދާޅުވި އެވެ. އެމްޓީޑީސީގެ ފަރާތުން ފުރަތަމަ ކުރި ރިސޯޓް ރަސްމީގޮތުން މިއަދު ހުޅުއްވައިދެއްވުމަށް ފަހު، މި ރިސޯޓުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ހެރަތެރަ ރިސޯޓުގެ ސަބަބުން މުޅި އައްޑުއަތޮޅަށް އޭގެ އަސަރު ވަރަށް ބޮޑަށް ކުރާނެ ކަމަށެވެ. އަދި މިއަދު ރިސޯޓް ހުޅުވިއިރު މިތަނުގައި 336 ދިވެހިން މަސައްކަތްކުރާކަމީ ވަރަށް ބޮޑު ކާމިޔާބެއް ކަމަށެވެ.
" 336 ހަ މީހުންނަކީ ހަގީގަތުގައި 336 އާއިލާ. އޭގެ ތެރޭގައި ގިނައީ ހަމަ އައްޑުއަތޮޅުގެ މީހުން. މި ހުރިހާ ދިވެހިންނަށް ވަޒީފާ ލިބުމަކީ ޝައްކެއްނެތް މުޅި އަތޮޅަށް އޭގެ އަސަރުކުރާނެ ކަމެއް. އޭގެ ފައިދާ ލިބިގެންދާނެ ކަމެއް،" ރައީސް ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް މައުމޫން އިތުރަށް ވިދާޅުވީ 573 އެނދުގެ މި ރިސޯޓް ތަރައްގީ ކުރުމުގައި އެމްޓީޑީސީ އާއި އެ ބޯޑުގެ މެމްބަރުން ވަރަށް ބޮޑެތި ގުރުބާންތަކެއް ވެވަޑައިގެންފައިވާ ކަމަށާއި، 16 މަސް ދުވަހުގެ ތެރޭގައި ރިސޯޓް ތަރައްގީކޮށް ހުޅުވުމަކީ ވަރަށް ފުރިހަމަ ކާމިޔާބެއް ކަމަށެވެ. އެހެންވެ ރައީސްގެ ވާހަކަފުޅުގައި ޚާއްސަކޮށް އެމްޓީޑީސީގެ ބޯޑުގެ ޗެއާމަން ޗަންޕާ ހުސެން އަފީފަށް ވަރަށް ޚާއްސަ ޝުކުރެއް ދެންނެވި އެވެ.
ރައީސްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ ޓޫރިޒަމް ދާއިރާގައި ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުންޏެއް އުފެއްދުމަކީ 1986 ވަނަ އަހަރުން ފެށިގެން ވެސް ސަރުކާރުން ވިސްނަވަމުން ގެންދެވި ކަމެއްކަމަށާއި، އެހެންނަމަވެސް ބައެއް ސަބަބުތަކާ ގުޅިގެން އެކަން ނުކުރެވި ލަސްވެގެން ދިޔައީ ކަމަށެވެ.
"މިކަމަކީ ސަރުކާރުން ވަރަށް ކުރިއްސުރެ ވިސްނައިގެން އެއަށް އަމަލުކުރެވޭތޯ ބަލަމުން އަންނަކަމެއް ކަމުގައި ދަންނަވާލަން. ބޭނުމަކީ ފަތުރުވެރިކަމުގެ ފައިދާ ވީހާ ވެސް ގިނަ ބަޔަކަށް ލިބޭނެ މަގު ތަނަވަސްކުރުން. ދިވެހި ރައްޔިތުންގެ އެންމެ އާދައިގެ މީހުން ވެސް މިފަދަ ކުންފުންޏެއްގައި ހިއްސާކޮށްގެން އެ ކުންފުނިން ލިބޭ ފައިދާ އެ މީހުންނަށާއި އެ މީހުންގެ އާއިލާތަކަށް ލިބޭ ގޮތްވުން. އެހެންވެ އެކަން ވެސް މިއޮތީ އިރާދަކުރެއްވިއްޔާ ފުރަތަމަ ފަހަރަށް ކާމިޔާބުކުރެވިފައި،" ރައީސް މައުމޫން ވިދާޅުވި އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެމްޓީޑީސީގެ ބޯޑުގެ ޗެއާމަން ޗަންޕާ ހުސެން އަފީފް ވިދާޅުވީ ހެރަތެރަ ހުޅުވުމާ އެކު ގަން އިންޓަނޭޝަނަލް އެއާޕޯޓަކީ ދެކުނުގެ ސަރަހައްދީ ހަބަކަށް ހެދުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ. މިގޮތުން އިތުރު ޗާޓަރު ފްލައިޓްތައް ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ގެނައުމާއި، ޓުއައޮޕަރޭޓަރުންނާ އޮންނަ ގާތް ގުޅުން މިހާރަށްވުރެ ބޮޑަށް ހަރުދަނާކުރުމާއި، ދެފަރާތަށް ވެސް ފައިދާވާ ގޮތަށް އެމްޓީޑީސީގެ ބޯޑުން ވިޔަފާރި ކުރުމަކީ ހެރަތެރަގެ ފައިދާ އެންމެންނަށް ކުރާނެ ކަމެއް ކަމަށެވެ.
"ދެކުނުގެ ޓޫރިޒަމާ މެދު އެމްޓީޑީސީން ދެކޭ ހުވަފެނެއް ވެސް ވޭ. އޭގެ ތެރެއިން އެންމެ މުހިންމީ ގަން އިންޓަނޭޝަނަލް އެއާޕޯޓް އެންމެ ދެކުނުގެ ތިން ހަތަރު އަތޮޅަށް ޓޫރިސްޓުން ގެނެސްދޭ މައި ހަބަކަށް ހެދުން. އެއީ މިހާރު ވައިގެ ބަނދަރުގެ މޮޑެލް. މިކަން ދެމެހެއްޓުމުގައި މި ސަރަހައްދުގައި އަޅުގަނޑަށް ހީވާގޮތުގައި 3000- 4000 އެނދު އަޅަންޖެހޭނެ،" އޭނާ ވިދާޅުވި އެވެ.
ޗަމްޕާ ހުސެން އަފީފު އިތުރަށް ވިދާޅުވީ ކޮންޓްރެކްޓަރުންނަށް 80 މިލިޔަން ރުފިޔާ ދީފައިވާ ކަމަށާއި އޭގެ ތެރެއިން 80 ޕަސެންޓް ދީފައި ވަނީ އައްޑުއަތޮޅާއި ފުވައްމުލަކުގެ މީހުންނަށް ކަމަށެވެ.
މިއަދުގެ ޖަލްސާގައި ޓޫރިޒަމް މިނިސްޓަރު ޑރ. މަހްމޫދު ޝައުގީ ވެސް ވާހަކަ ދެއްކެވި އެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވީ އައްޑުއަތޮޅުގައި ރިސޯޓެއް ހެދުމަކީ އައްޑުއަތޮޅުގެ ރައްޔިތުންގެ ވަރަށް ބޮޑު ހުވަފެނެއް ކަމަށާއި މި ހުވަފެން ހަގީގަތަކަށް ވުމަކީ މިއަދު ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
ރިސޯޓް ތަރައްގީ ކުރުމަށްޓަކައި ދެއްވި އެހީތެރިކަމާއި އެއްބާރުލެއްވުން ފާހަގަކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އަށް ހަނދާނީ ފިލައެއް އެރުއްވި އެވެ.
ހެރަތެރަ ރިސޯޓް މިއަދު ރަސްމީކޮށް ހުޅުވިއިރު 300 އަށްވުރެ ގިނަ ގެސްޓުން އެބަތިއްބެވެ. އަދި ރިސޯޓަށް މިއަދު ވެސް ގިނަ އަދަދެއްގެ ޓޫރިސްޓުން އައިސްފައިވެ އެވެ. މި ރިސޯޓު ނުރަސްމީކޮށް ހުޅުވާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 23 ގައެވެ. މިރިސޯޓުގައި މިހާރު މަސައްކަތްކުރާ މީހުންގެ 64 ޕަސެންޓް މީހުންނަކީ ދިވެހިންނެވެ. އޭގެ ތެރޭގައި މުޅިން ވެސް ހިމެނެނީ އައްޑޫ އާއި ފުވައްމުލަކު މީހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ