މިހާރުގެ ސަރުކާރުން ދީން ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ ލީޑަޝިޕެއް ނުފެނޭ: ރައީސް މައުމޫން

މިހާރު ރާއްޖޭގައި ވެރިކަންކުރަމުން އަންނަ ސަރުކާރުން އިސްލާމް ދީން ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ ލީޑަޝިޕެއް ފެންނަމުން ނުދާ ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ)ގެ ޒައީމް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ވިލިމާލޭގައި ރޭ ބޭއްވި އެ ޕާޓީގެ މި އަހަރުގެ ފުރަތަމަ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ، ސަރުކާރުން ކުރާ ކަންތައްތަކާ މެދު ހިތްހަމަނުޖެހިގެން އިސްލާމިކް މިނިސްޓްރީގެ ވެރިން ވެސް ސަރުކާރަށް ފާޑުވިދާޅުވަމުން ގެންދަވާ ކަމަށާއި ހުރިހާ ކަމެއް ވެސް އޮންނަނީ ސަރުކާރުން ދޫކޮށްލައިފާ ކަމަށެވެ.
"އިސްލާމީ ގައުމެއްގެ ވަލިއްޔުލް އަމްރަކީ އެ ގައުމުގައި އިސްލާމް ދީން ހިމާޔަތްކޮށް ރައްކާތެރިކޮށް އިސްލާމް ދީން ދަމަހައްޓަން އިސްލާމީ އުސޫލުތައް ރައްޔިތުންގެ ހިތްތަކުގައި އަށަގަންނުވަން މަސައްކަތްކުރާ މީހަކަށް ވާންޖެހޭނެ. އެ ލީޑަޝިޕް ދައްކަންޖެހޭނެ. އަޅުގަނޑު ދެކޭ ގޮތުގައި މިއަދުގެ ސަރުކާރަކުން އެ ލީޑަޝިޕެއް ނުދެއްކޭ. މި އޮންނަނީ ކަންތައްތައް ދޫކޮށްލައްވައިފަ. ސަރުކާރުން ކަންތައްތައްކުރާ ގޮތާ ދޭތެރޭގައި އިސްލާމީ ވުޒާރާގެ ބޭފުޅުން ފާޑުވިދާޅުވެ. ވަޒީރު ވެސް ފާޑުވިދާޅުވެ. އެހެންވީމާ ސަރުކާރުގެ ސިޔާސަތަކީ ކޮބައިކަމެއް ނޭނގޭ."
ރައީސް މައުމޫން ވިދާޅުވީ ރާއްޖޭގެ ތައުލީމީ ސިޔާސަތު ބަދަލުކޮށް އިސްލާމީ މިސްރާބަކަށް ބަދަލުކުރަންޖެހޭނެ ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވީ ރާއްޖެއަކީ އިސްލާމީ ގައުމަކަށްވާ އިރު ރާއްޖޭގައި އިސްލާމް ދީން ދެމެހެއްޓުމާއި ދީން ރައްކާތެރިކުރުމާއި ދީން ހިމާޔަތްކުރުމާއި ދީނީ ޒައާމަތެއް ދެއްކުމަކީ ވަލިއްޔުލް އަމްރުގެ ވާޖިބުތަކުގެ ތެރޭގައި ހިމެނޭނެ ކަމެއް ކަމަށެވެ. އަދި މިހާރުގެ ސަރުކާރަށް އެ ކަން ނުކުރެއްވޭ ކަމަށް ވެސް ވިދާޅުވި އެވެ.
މީގެ އިތުރުން ސްކޫލްތައް ޕްރައިވެޓައިޒްކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތަށް ފާޑުވިދާޅުވަމުން ރައީސް މައުމޫން ވިދާޅުވީ ސަރުކާރުގެ ސިޔާސަތު ހުރީ ތަނަވަސް މީހުންނަށް ތައުލީމުގެ އިތުރު ފުރުސަތުތައް ހޯދައިދީ އެ ނޫން މީހުންނަށް ތައުލީމުގެ ފުރުސަތު ހަނިކުރުމަށް ކަމަށެވެ. އަދި ސަރުކާރުން މަސައްކަތްކުރަން ޖެހޭނީ ދިވެހި ރައްޔިތުންގެ މެދުގައި އެއްވެސް ތަފާތުކުރުމެއް ނެތި ތައުލީމު ދިނުމަށް ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ. އަދި ވެއަތުވެ ދިޔަ 30 އަހަރުގެ ތެރޭގައި މަސައްކަތްކުރީ ހުރިހާ ދިވެހީންނަށް ވެސް ހަމަހަމަ ގޮތުގައި ތައުލީމު ދިނުމަށް ކަމަށާއި ކޮންމެ ސަރުކާރެއް އޮތަސް އެ ސިޔާސަތު ދަމަހައްޓަންޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
"މިހާރުގެ ސަރުކާރުގެ ސިޔާސަތަކީ، ހަމައެކަނި ތަނަވަސް މީހުންނަށް އިތުރު ފުރުސަތު ހޯދައިދީފައި ތަނަވަސް ނޫން މީހުންނަށް ތައުލީމުގެ ފުރުސަތު ހަނިކޮށްލުން ކަމަށްވަންޏާ އެ ކަމާ އަޅުގަނޑުމެން ދެކޮޅު ހަދަންޖެހޭނެ. ތައުލީމުގެ މިސްރާބު ވެސް އެބަޖެހޭ ރަނގަޅުކުރަން."
އެ މަނިކުފާނު ވިދާޅުވީ އަޅުގަނޑުމެންނަކީ 100 ޕަސެންޓް މުސްލިމް ގައުމަކަށްވާއިރު، ރާއްޖޭގެ ތައުލީމީ ސިޔާސަތު ވެސް ބިނާވާންޖެހޭނީ މި އުސޫލުގެ މައްޗަށް ކަމަށާއި އިސްލާމް ދީން ކުރިއަރުވައި އިސްލާމީ އަގީދާ ވަރުގަދަކޮށް އިސްލާމީ އެއްބައިވަންތަކަށް ދެމެހެއްޓުމަކީ ތައުލީމީ ސިޔާސަތުގެ މަގްސަދު ކަމުގައި ވާންޖެހޭނެ ކަމަށެވެ.
ރޭގެ ބައްދަލުވުމުގައި ސަރުކާރާ އިދިކޮޅު ފަރާތްތަކުގެ މެދުގައި މިހާރަކަށް އައިސް ހިނގަމުންދާ ބަހުގެ ހަމަލާތަކަށް ވެސް ރައްދު ދެއްވި އެވެ. އެ ގޮތުން ސަރުކާރު ޒިންމާދާރުކުރުވުމަށް އުފެދިފައިވާ އިހްތިޖާޖު ގްރޫޕާއި ޑީއާރްޕީއާ ދެމެދު އެއްވެސް ގުޅުމެއް ނެތް ކަމަށް ޑީއާރްޕީގެ ނާއިބު ޒައީމް އަހްމަދު ތަސްމީން އަލީ ވިދާޅުވެފައި ވަނިކޮށް ޒައީމް މައުމޫން ރޭގައި ވިދާޅުވީ އިހުތިޖާޖް ގުރޫޕާއި ޑީއާރްޕީއަކީ ދުވަހަކު ވެސް ވަކިނުކުރެވޭނެ ވަރަށް ގުޅި ލާމެހިފައިވާ ބައެއް ކަމަށެވެ.
މައުމޫން ވިދާޅުވީ ސަރުކާރު ޒިންމާދާރުކުރުވުމަށް މަސައްކަތްކުރާ ހަރަކާތްތެރިންނަކީ ވެސް އެއް ރޫހެއްގައި އެއް މަގްސަދަކަށް މަސައްކަތްކުރާ ބައެއް ކަމަށާއި އެ މީހުންގެ އަގު ވަޒަންކުރަންޖެހޭނެ ކަމަށެވެ. އަދި އިހްތިޖާޖަކީ ވެސް ޑީއާރްޕީއާ އެއް ވިސްނުމެއްގައި މަސައްކަތްކުރާ ބައެއް ކަމަށް ވެސް ވިދާޅުވި އެވެ.
"އިހްތިޖާޖްގެ ނަމުގައި ހިންގާ ހަރަކާތަކީ ޑީއާރްޕީގެ ރަސްމީ ބަޔަކަށް ނުވިޔަސް، ޑީއާރްޕީއާ އެއް ވިސްނުމެއްގައި ހަރަކާތެރިވަމުންދާ ބައެއް ކަމަށެވެ. ވީމާ، ދުވަހެއްގައި ވެސް އަޅުގަނޑުމެންނާ އިހްތިޖާޖްގެ މޫވްމަންޓާ ނުވަތަ ހަރަކާތާ ވަކިވުމެއް ނޯންނާނެ. އަޅުގަނޑުމެން ދެބައި މީހުން ވެސް މި ކުރަނީ ސަރުކާރު ޒިންމާދާރުކުރުވުމާއި ޖަވާބުދާރީކުރުވުމުގެ މަސައްކަތް،" ޒައީމް މައުމުން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ ޑީއާރްޕީ އާއި އިހްތިޖާޖުން ވެސް މަސައްކަތްކުރަނީ ރާއްޖެ އަށް އައިސްފައިވާ ޑިމޮކްރެޓިކް ބަދަލު އެ ގޮތުގައި ދެމެހެއްޓުމަށާއި ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުމަށާއި ގާނޫނާއި ގަވާއިދާ ޚިލާފަށް ބަޔަކު ބޭނުންވާހާ ގޮތަކަށް ކަންތައްތައް ހިންގިޔަ ނުދިނުމަށްޓަކައި ކަމަށެވެ.
"އެހެންވީމާ އޭގެ ތެރޭގައި އުޅުއްވާ ބޭފުޅުންނަށް އަޅުގަނޑު ދަންނަވަން ބޭނުންވާ ވާހަކައަކީ، ތިޔަ ބޭފުޅުންނަކީ ވެސް ހަމަ އަޅުގަނޑުމެންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނޭ. ތިޔަ ބޭފުޅުން ތިޔަ ކުރައްވާ މަސައްކަތަކީ އަޅުގަނޑުމެން ތާއީދުކުރާ މަސައްކަތެކޭ. އަޅުގަނޑުމެން ދެ ބައިމީހުންގެ މަގްސަދަކީ އެކައްޗެއް ކަމަށްވާތީ ދެބައި މީހުން ގުޅިގެން އަޅުގަނޑުމެންގެ ދޭތެރޭގައި އެއްވެސް ކަހަލަ ބައިބައިވުމެއް ނޯންނާނެ ގޮތަކަށް މަސައްކަތްކުރަމާތޯއޭ."
ރައީސް މައުމޫން ވިދާޅުވީ، ޑީއާރްޕީ ބައިބައިކޮށްލަން ބަޔަކު ވަރަށް ބޮޑަށް މަސައްކަތްކުރަމުންދާ ކަމަށާއި އެހެން ވެއްޖެނަމަ އެކަމުގެ ފައިދާ ނަގާނީ އެހެން ބަޔަކު ކަމަށެވެ. އެއް މަގްސަދެއްގައި މަސައްކަތްކުރާ އެންމެ އެކުވެރިވަމާތޯއޭ. އަދި ސަރުކާރާ ދެކޮޅަށް މަސައްކަތްކުރާ ޑީއާރްޕީ، ޕީއޭ، އިހްތިޖާޖް، އައިޑީޕީ އަދި ސޯޝަލް ޑިމޮކްރެޓިކް ޕާޓީ ވެސް ގުޅިގެން އެކަތިގަނޑަކަށް ވެގެން ސަރުކާރު ޒިންމާދާރުކުރުވުމަށް މަސައްކަތްކުރުމަށް ރައީސް މައުމޫން ގޮވައިލެއްވި އެވެ. އަދި އެ ކަމުގައި ސާބިތުކަމާ އެކު ކުރިއަށް ދިއުމަށް ވެސް އެ މަނިކުފާނު ގޮވައިލެއްވި އެވެ.
"އެހެން ހަދައިފިއްޔާ އަޅުގަނޑުމެންގެ ފްރަންޓް، އަޅުގަނޑުމެންގެ އިއްތިހާދު ބާރުގަދަ އެއްޗަކަށް ވާނެ. އެއްވެސް ފަރާތަކަށް އެއަކާ ނުކުޅެވޭނެ. އެހެން ހުރިހާ ފަރާތަކަށް ވުރެ ބޮޑަަށް ރައްޔިތުންގެ ރުހުން ލިބިފައިވާ ބަޔަކަށް އެ ބަޔަކު ވާނެ."
އެ މަނިކުފާނު ވިދާޅުވީ އެއް މަގްސަދެއްގަައި ބަޔަކު މަސައްކަތްކުރި ނަމަވެސް އެ ބައެއްގެ ތެރޭގައި އެކަކު އަނެކަކާ މެދު ހިތްހަމަނުޖެހޭ ކަންތައް ހިނގާނެ ކަމަށެވެ. ނަމަވެސް ބައިބައިވެގެން ތިބުމަށް ވުރެ އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ ގައުމީ ވާޖިބު މާ ބޮޑުކަމަށްވާތީ، ހިތްހަމަނުޖެހޭ ކަންތައް ދޫކޮށްލައި އެކަކު އަނެކަކަށް މާފުކުރުމަށް ފަހު ގުޅިގެން މަސައްކަތްކުރުމަށް ވެސް އެ މަނިކުފާނު ގޮވައިލެއްވި އެވެ.
ރޭގެ ބައްދަލުވުމުގައި އެ ޕާޓީގެ ނާއިބު ޒައީމް އަދި ޕާލަމެންޓްރީ ގްރޫޕްގެ ރައީސް އަހްމަދު ތަސްމީން އަލީ ދެއްކެވި ވާހަކައިގައި ވެސް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. ތަސްމީން ވިދާޅުވީ ސަރުކާރުން އަމަލުކުރަމުން ދަނީ ގާނޫނަކަށް ގާނޫނު އަސާސީއަކަށް އަދި ގަވާއިދަކަށް ވެސް ބެލުމެއް ނެތި ކަމަށެވެ. އަދި މަޖިލީހުން ގާނޫނެއް ފާސްކުރިޔަސް ސަރުކާރުން އެއަށް ހުރުމަތްތެރިކޮށް ނުހިތާ ކަމަށް ވެސް ވިދާޅުވި އެވެ.
އެ ގޮތުން ތަސްމީން ވިދާޅުވީ ކުރީގެ ރައީސުންގެ ބިލް މަޖިލީހުން ފާސްކޮށް ރައީސް ތަސްދީގުކުރައްވައި ގާނޫނަކަށް ވުމުން ވެސް ސަރުކާރުން އެ ގާނޫނާ އެއްގޮތަށް އަމަލުނުކުރައްވާ ކަމަށެވެ. އަދި ކުރީގެ ރައީސްގެ ގޮތުގައި މިހާރު ހުންނެވި އެ ޕާޓީގެ ޒައީމަށް އެ ގާނޫނުން ލިބިދޭންޖެހޭ ގާނޫނީ ރައްކާތެރިކަން ސަރުކާރުން ދީފައިނުވާ ކަމަށް ވެސް ތަސްމީން ވިދާޅުވި އެވެ.
ރޭގެ ބައްދަލުވުމުގައި ޑީއާރްޕީގެ އިސް ވެރިންނާއި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެންބަރުންގެ އިތުރުން އައިޑީޕީގެ ރައީސް އުމަރު ނަސީރާއި އެމްއެސްޑީޕީގެ ރައީސް ރީކޯ އިބްރާހީމް މަނިކުގެ އިތުރުން ޕީއޭގެ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެންބަރުން ވެސް ބައިވެރިވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ