ހަކަތަ ބޭނުން ކުރުމުގައި ފަރުވާތެރިވުމުން ހައުސިން މިނިސްޓްރީގެ ކަރަންޓް ބިލުން 30000ރ. މަދުވެއްޖެ: އަސްލަމް

ހަކަތަ ބޭނުން ކުރުމުގައި ފަރުވާތެރިވުމުގެ ސަބަބުން ހައުސިން މިނިސްޓްރީގެ ކަރަންޓު ބިލުން ކޮންމެ މަހަކު 30،000 ރުފިޔާ ދަށްކުރެވިފައިވާ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
ޓްރޭޑާސް ހޮޓަލުގައި މިއަދު ހެނދުނު އޮތް "ސައުތު އޭޝިއާ ލައިޓިން ޓްރާންސްފޮމޭޝަން ފޯރަމް"ގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ ރާއްޖެއަކީ "ކާބަން ނިއުޓްރަލް" ގައުމަކަށް ހެދުމަށް 2009 ވަނަ އަހަރު ސަރުކާރުން ނިންމުމާ ގުޅިގެން ހައުސިން މިނިސްޓްރީން ގެންދިޔައީ ހަކަތަ ބޭނުންކުރެވޭނެ މިންވަރު ދަށްކުރެވޭނެ ގޮތްތަކާ މެދު ވިސްނައި ފިޔަވަޅުތަކެއް އަޅަމުން ކަމަށެވެ.
"އަޅުގަނޑުމެން ބެލި ބެލިމުން ދައްކާ ގޮތުގައި އަޅުގަނޑުމެންގެ މިނިސްޓްރީގެ އޮފީސް ބަންދުކޮށްފައި ހުންނަ އިރު ވެސް އޮފީހުގައި މަސައްކަތްކުރާ ދުވަހެއްގައި ހަކަތަ ބޭނުންކުރާ މިންވަރުގެ 30 އާއި 40 ޕަސަންޓާއި ދެމެދުގެ އަދަދަކަށް ކަރަންޓު ބޭނުންކުރޭ. މިހެންކަމުން މިކަހަލަ ކަންތައްތަކަށް އަޅުގަނޑުމެން ސަމާލުކަންދީގެން ހަކަތަ ބޭނުންކުރާ މިންވަރު މަދުކުރުމަށް މަސައްކަތް ކުރީ،" އަސްލަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހަކަތަ ބޭނުންކުރާ މިންވަރު މަދުކުރުމަށްޓަކައި އެ މިނިސްޓްރީން ސަމާލުކަންދޭ ކަންތައްތަކުގެ ތެރޭގައި ބޭރަށް ނުކުންނަ ވަގުތުތަކުގައި އެއާކޮންޑިޝަން ނިއްވާލުމާއި އެއާކޮންޑިޝަން ބޭނުންކުރާ ނަމަ 24 ޑިގްރީ ސެލްސިއަސްގައި ބެހެއްޓުމާއި ކޮންޕިއުޓަރާއި ފޮޓޯ ކޮޕީ މެޝިން ފަދަ ތަކެތި ބޭނުންކޮށް ނިންމުމަށް ފަހު ނިއްވާލާފައި ބެހެއްޓުމާއި އޮފީހުން ބޭރަށް ދަމުން ބޮކިތައް ނިއްވާލުން ހިމެނޭ ކަމަށެވެ.
"އަޅުގަނޑުމެން އެއާކޯނުގެ ފިނިމިން ބަހައްޓަނީ 24 ޑިގްރީ ސެލްސިއަސްގައި. އެއީ ވަރަށް ކަމުދާ މިންވަރެއް. ބޭރަށް ދަމުން އަޅުގަނޑުމެން ލައިޓުތައް ވެސް ނިއްވާލުމަށް އާދަކުރަމުން ގެންދިޔައީ އަދި ކޮންމެ ދުވަހަކު ވެސް މަސައްކަތްކޮށް ނިންމުމަށް ފަހު ކޮމްޕިއުޓަރުތައް ވެސް އަޅުގަނޑުމެން ނިއްވާލަމުން ގެންދިޔައީ. ދެން އޭގެފަހުން އަޅުގަނޑުމެން ބަލަމުން ގެނދިޔައީ ކޮބާތޯ އަންނަ ބަދަލަކީ. ނަތީޖާއެއްގެ ގޮތުން އެއް މަސް ދުވަހުގެ ތެރޭގައި ކަރަންޓު ބިލުން 30،000 ރުފިޔާ ރައްކާތެރިވަމުން ގެންދިޔައީ." އަސްލަމް ވިދާޅުވި އެވެ.
ނަމަވެސް އެ މިނިސްޓްރީގެ ކަރަންޓް ބިލަށް އަރަނީ ކިހާވަރެއް ކަމެއް އަދި ހަކަތަ ބޭނުން ކުރުމުގައި ފަރުވާތެރިވުމުން ކަރަންޓް ބިލް ކުޑަވުމުން ބިލަށް އަރަނީ ކިހާވަރެއް ކަމެއް އަސްލަމު ވިދާޅެއް ނުވި އެވެ.
އާންމު ދިރިއުޅުމުގައި ބޭނުންކުރާ ހަކަތައިގެ މިންވަރު މަދު ކުރުމަށްޓަކައި ފުރަތަމަ ފިޔަވަޅެއްގެ ގޮތުން ކޮންމެ މީހަކު ވެސް އަމިއްލައަށް ރައްކާތެރިކަމުގެ ފިޔަޅުވަތަކެއް އެޅިދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ