ކޯލިޝަންގެ ސަރުކާރުން ޖުމްހޫރީ ޕާޓީއަށް 29 ސިޔާސީ މަގާމު ދީފައިވާ ކަމަށާއި މިއީ ސަރުކާރުން ޖޭޕީއަށް ދިނުމަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވައުދުވި 35 ޕަސެންޓް ނަމަ އެކަމާ ހިތްހަމަ ޖެހިވަޑައިގަންނަވާ ކަމަށާއި އެހެން ނޫން ކަމަށް ވާނަމަ އެކަމާމެދު ބަލައިލަން ޖެހޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީއަށް ލިބުނު ކާމިޔާބީއަށް ޝުކުރު ދެންނެވުމަށް މިރޭ ތާޖުއްދީން ސްކޫލުގައި ބޭއްވި "ރައްޔިތުންނަށް ސާބަސް" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ ސިޔާސީ މަގާމުތަކަށާއި އެކިއެކި ބޯޑުތަކަށް ބޭފުޅުން އައްޔަން ކުރާ މި ދުވަސްވަރު މިހާތަނަށް އެ ޕާޓީއަށް ސަރުކާރުގެ 29 މަގާމު ލިބިފައިވާ ކަމަށާއި އެކަމަކު އެ މަގާމުތައް ވާން ޖެހޭނީ ސަރުކާރުން އެ ޕާޓީއަށް ދޭން ވައުދުވި 35 ޕަސެންޓް މަގާމުތަކުގެ ތެރޭގައި ކަމަށާއި އެހެން ނޫން ނަމަ "އެކަމަށް ބަލައިލަން ޖެހޭނެ" ކަމަށެވެ.
"މިސާލަކަށް ސަރުކާރުން 400 ޕޮލިޓިކަލް މަގާމު ކަނޑައަޅާއިރު އޭގެ ތެރޭން 29 މަގާމަކީ 35 ޕަސެންޓެއް ނޫން! [35 ޕަސެންޓަށް ބަލަންޏާ] އޭރުން އެއަށް ވުރެ ގިނަ ވާނެ. އެކަމަކު ދެން މި 29 މަގާމަކީ 35 ޕަސެންޓް ކަމަށް ވަންނާ މިތިބީ ހިތް ހަމަޖެހިގެން! އެހެން ނަމަވެސް މިކިޔާ އަދަދުން ބަލަންޏާ އެ އަދަދު ގައިމުވެސް 100 އަށް އަރާނެ. އެނޫން ކަމަށްވަންޏާ މިކަމަށް ޖެހޭނީ ބަލައިލަން،" ގާސިމް ވިދާޅުވި އެވެ. އެމަނިކުފާނު އަދި ވިދާޅުވީ ކަން ކަން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށާއި ވައުދު ފުއްދެވުމުގައި ސާބިތުވެ ތިބެންޖެހޭނެ ކަމަށައި ކާމިޔާބު ވާނީ އޭރުން ކަމަށެވެ.
މަޖިލީހުގެ ގޮނޑި ޖޭޕީގެ ޓިކެޓްގައި ކާމިޔާބު ކުރެއްވެވި ކެންޑިޑޭޓުންނާއި ސަރުކާރުގައި ހިމެނޭ އެ ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ މިނިސްޓަރުން ވެސް ބައިވެރިވެ ވަޑައިގެންނެވި އެ ޖަލްސާގައި އެ މަނިކުފާނު ވިދާޅުވީ އިންތިހާބުގައި ޖޭޕީން 28 ދާއިރާއަކަށް ކެންޑިޑޭޓުން ކުރިމަތިލި ނަމަވެސް، ކަން ދިމާކުރި ގޮތުން 10 ގޮނޑި ގެއްލިގެން ދިޔަ ކަމަށެވެ. އަދި އެހެން ދިމާ ނުވި ނަމަ މަޖިލީހުގެ 25 ގޮނޑި ޖޭޕީއަށް ހޯދުނީސް ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގައި ކޯލިޝަނަށް ލިބުނު ކާމިޔާބީ ފާހަގަ ކުރުމަށް ޕީޕީއެމުން ދާދި ފަހުން ބޭއްވި ޖަލްސާގައި ޖޭޕީން ބައިވެރިވެފައެއް ނުވެ އެވެ. އެކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ އެ ޖަލްސާގައި އެ މަނިކުފާނާއި ޖޭޕީ ބައިވެރި ނުވީ އެއީ ކޯލިޝަންގެ ޖަލްސާއަކަށް ނުވާތީ ކަމަށެވެ.
ގާސިމް ވިދާޅުވީ ޝުކުރު ދެންނެވުމަށް ބޭއްވި އެ ޖަލްސާގެ އެޖެންޑާގައި އޮތީ ޕީޕީއެމްގެ މެމްބަރުން ވާހަކަ ދެއްކުން ކަމަށާއި ޖޭޕީގެ އެއްވެސް މެމްބަރެއްގެ ނަމެއް އެޖެންޑާގައި ނެތް ކަމަށެވެ.
"އެހެންވެ އަޅުގަނޑުމެން އެދުނިން އަޅުގަނޑުމެން ޝުކުރު އަދާކޮށްލުމަށް ފަސް ވަރަކަށް މިިނިޓް ދިނުމަށް. އެކަމަކު އެ ބޭފުޅުން ވިދާޅުވީ ލީޑަޝިޕްގެ ބޭފުޅުން ބޭނުމެއް ނުވެއޭ އެޖެންޑާއަށް ބަދަލު ގެންނާކަށް،" އެ މަނިކުފާނު ވިދާޅުވި އެވެ. "އެހެންވެ އަޅުގަނޑުމެން ބުނިން އެ ޖަލްސާގައި ޖޭޕީން ބައިވެރި ނުވާނެ ކަމަށް"
ގާސިމް ވިދާޅުވީ އެ މަނިކުފާނު އަމަލު ކުރެއްވީ އެންމެ ރަނގަޅަށް ކަމަށް ޕާޓީގެ މެމްބަރުން ގަބޫލު ކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ "ސުޕަ މެޖޯރިޓީ" ކޯލިޝަނަށް ލިބިފައިވާ ކަން ފާހަގަ ކުރައްވައި، ގާސިމް ވިދާޅުވީ އެކަން ހާސިލްވީ، ރައްޔިތުން ކުރާ އުއްމީދުތަކަކާއި އިންތިޒާރުތަކެއް އޭގެ ފަހަތުގައި އޮތުމުން ކަމަށާއި އެކަމަކު އެކަން ހަނދާން ނައްތާލައިފިނަމަ ދާނީ ސުމަކުން ކަމަށެވެ.
ގާސިމް ވިދާޅުވީ ކެމްޕޭން ތެރޭގައި ކެންޑިޑޭޓުން ދެއްކެވި ވާހަކަތަކާއި ވެވަޑައިގެންނެވި ވައުދުތަކާއި މެނިފެސްޓޯގައި ހުރި ވާހަކަތަކަށް ހަރާންކޯރުވެއްޖެ ނަމަ ދެން ހުރިހާ ކަމެއް ވެސް ދާނީ ތާކުންތާކު ނުޖެހޭ ގޮތަށް ކަމަށެވެ. އަދި މިހާރު އިންތިހާބު ވެވަޑައިގެންފައިވާ މެމްބަރުން، ވަކި ބަޔަކަށް ނުވަތަ ވަކި މީހަކަށް ހިދުމަތް ކުރުމުގެ ބަދަލުގައި ރައްޔިތުންނަށް ހިދުމަތް ކުރުމަށް ވެސް އެ މަނިކުފާނު އެދިވަޑައިގެންނެވި އެވެ.
އިންތިހާބު ކާމިޔާބު ކުރެއްވި ކެންޑިޑޭޓުންނަށް މަރުހަބާ ދަންނަވަމުން ގާސިމް ވިދާޅުވީ ނާކާމިޔާބީ އާ ކުރިމަތިވެ ވަޑައިގެން ކެންޑިޑޭޓުންނަށް ވެސް "ކޮންމެވެސް ގޮތެއް ހައްދަވައިދެއްވާނެ" ކަަމަށެވެ.
ގިނަ އަދަދެއްގެ ބަޔަކު ބައިވެރިިވި މި ޖަލްސާގައި ގިނަ ބަޔަކު ވަނީ ޖޭޕީއަށް ސޮއިކޮށްފަ އެވެ.
ޖޭޕީއަށް ދޭން ވައުދުވި 35 ޕަސެންޓުން ލިބުނީ 29 މަގާމު: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ