ފުލުހުން ތަހުގީގުކުރަމުންދިޔަ މައްސަލައަކަށް ކުޑަކަމުދާ ތަކެތި ދިނުމަށް ދެކޮޅު ހެދުމާ ގުޅިގެން އެއް އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވާ މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު އެއް އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފި އެވެ.
ޖާބިރުގެ ފަރާތުން ހުށަހެޅި މިމައްސަލަ ސުޕްރީމް ކޯޓުން މިހާރު ބަލައިގެންފައިވާއިރު، މިމައްސަލަަ ސުޕްރީމް ކޯޓަށް ހުށަހެޅި ތާރީހެއް ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.
ޖާބިރު އެއް އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ މިއަހަރުގެ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހު އެވެ.
މި ހުކުމް ޖާބިރު މައްޗަށް އައީ ހދ. ހޮނޑައިދޫގައި ބަނގުރާ ބޭނުންކުރި ކަމަށް ތުހުމަތު ކުރެވުނު މައްސަލައި ޖާބިރު ކުޑަކަމުދާ ތަކެތި ދިނުމަށް އިންކާރު ކުރެއްވުމުންނެވެ.
ޖާބިރު މީގެ ކުރިން މިމައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރުމުން މިއަހަރުގެ މާޗް މަހުގެ 19 ވަނަ ދުވަހު ހައިކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ ހުކުމަށް ތާއީދުކޮށްފަ އެވެ.
ޖާބިރު އެއް އަހަރު ދުވަހުގެ ޖަލު ހުކުމް ތަންފީޒުކުރަމުންދަނިކޮށް ދިމާވި ސިއްހީ މައްސަލައަކާއި ގުޅިގެން އައިޖީއެމްއެޗްގައި ގިނަ ދުވަސްތަކަކު އެޑްމިޓްކޮށްފައި ބޭއްވުމަށްފަހު އިތުރު ފަރުވާއަށް މިދިޔަ އޭޕްރީލް މަހުގެ 25 ވަނަ ދުވަހު ޖާބިރު ވަނީ މެލޭޝިޔާއަށް ފުރުވާލާފަ އެވެ. މިވަގުތު ވެސް އޭނާ ހުންނެވީ މެލޭޝިޔާގަ އެވެ.
ކުޑަކަމުދާތަކެތި ނުދިނުމުގެ މައްސަލައިގައި ޖާބިރުގެ މައްޗަށް ހުކުމްކޮށްފައިވާ އިރު ހދ. ހޮނޑައިދޫގައި ބަނގުރާ ގެންގުޅުމުގެ ތުހުމަތުގައި ވެސް ޖާބިރުގެ މައްޗަށް ދައުލަތުން ވަނީ ދައުވާކޮށްފަ އެވެ. ނަމަވެސް އެ މައްސަލައިގެ އަޑުއެހުންތައް އަދި ނިމިފައެއް ނުވެ އެވެ.
ޖާބިރު ޖަލަށްލުމަށް ކުރި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ