އިރާގުގެ ރައްޔިތުން މާޔޫސް ވިއަކަ ނުދޭނަން: ސަދްރް

އިރާގުގެ ރައްޔިތުން މާޔޫސްކޮށް ނުލައްވާނެ ކަމަށް އެ ޤައުމުގެ ގާނޫނޫ ހަދާ މަޖިލީހުގެ އިންތިހާބު ކާމިޔާބު ކުރެއްވި ޝީއައީ ލީޑަރު މޮގްތަދާ އަލް ސަދްރް ވިދާޅުވެއްޖެ އެވެ.
ސަދްރް މިހެން ވިދާޅުވީ، ރޭ އިންތިހާބުގެ ރަސްމީ ނަތީޖާ ލިބުމާއި ގުޅިގެން އޭނާއަށް އިންތިހާބު ކާމިޔާބުވިކަން ކަށަވަރުވުމާއި ގުޅިގެން ސަދްރް ކުރެއްވި ޓްވީޓެއްގަ އެވެ. އޭނާ ވިދާޅުވީ ރައްޔިތުން ދިން ވޯޓަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށާއި، އަދި އެއީ އޭނާގެ ކޮނޑުގައި އަޅާ ވަރަށް ބޮޑު މަސްއޫލިއްޔަތެއް ކަމަށެވެ. ސަދްރް ވިދާޅުވީ އިރާގުގެ ރައްޔިތުން މާޔޫސްކޮށް ނުލައްވާނެ ކަމަށާއި، އިރާގުގެ މައްސަލައިގައި ކުށްވެރި ވަނީ އެ ޤައުމު ފެއިލް ކޮށްލި މީހުން ކަމަށެވެ.
ސަދްރްގެ ޓްވީޓްގައި އިރާގް ފެއިލް ކުރެއްވި ބައެއްގެ ގޮތުގައި ސިފަ ކުރެއްވީ ކުރީގެ ބޮޑުވަޒީރު ހައިދަރް އަލް އާބާދީގެ ސަރުކާރު ކަމަށް ސިޔާސީ ފަރާތްތަކުން ބުނެއެވެ. އިންތިހާބުގައި އާބާދީގެ އަލް ނަސްރު އެލަޔަންސް އަށް ލިބުނީ ތިންވަނައެވެ. އިންތިހާބުގެ ދެވަނައަށް އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރީ ފަތަހް އެލަޔަންސުންނެވެ. އިރާގުގައި މިމަހު ބޭއްވި ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބު ކާމިޔާބު ކުރި ސައިރޫން އެލަޔަންސް އަކީ ސަދްރިސްޓް މޫވްމެންޓާއި ކޮމިއުނިސްޓް ޕާޓީ ގުޅިގެން އުފައްދާފައިވާ ކޯލިޝަނެކެވެ.
ސަދްރް އިސްކޮށް ހުންނަވައިގެން އުފައްދަވާފައިވާ ސައިރޫން އެލަޔަންސުން ވަނީ ގާނޫނު ހަދާ މަޖިލީހުގެ 54 ގޮނޑި ކާމިޔާބު ކޮށްފައެވެ. ފަތަހް އެލަޔަންސުން ކާމިޔާބު ކުރީ 47 ގޮނޑިއެވެ. އަދި އާބާދީގެ އަލް ނަސްރު އެލަޔަންސަށް ކާމިޔާބު ކުރެވުނީ 42 ގޮނޑިއެވެ.
ކުރީގެ ބޮޑުވަޒީރު ނޫރީ އަލް މާލިކީ އުފައްދަވާފައިވާ ކޯލިޝަނުން ވަނީ 26 ގޮނޑި ކާމިޔާބު ކޮށްފައެވެ. އަދި މަސްއޫދު އަލްބަރްޒާނީގެ ކުރުދިސްތާން ޑިމޮކްރެޓިކް ޕާޓީއަށް ކާމިޔާބު ކުރެވުނީ އެންމެ 25 ގޮނޑިއެވެ.
މިމަހުގެ 12 ވަނަ ދުވަހު އިރާގުގައި ބޭއްވި އިންތިހާބުގައި ގާނޫނު ހަދާ މަޖިލީހުގެ 329 ގޮނޑިއަށް 7000 ކެންޑިޑޭޓުން ވާދަކުރި އެވެ. މިއީ އިސްލާމިކް ސްޓޭޓްގެ ހަނގުރާމަވެރިންގެ އަތްދަށުން އިރާގު މިނިވަންވިކަން ކުރީގެ ބޮޑުވަޒީރު ހައިދަރް އަލް އާބާދީ އިއުލާން ކުރެއްވިފަހުން އެގައުމުގައި ބޭއްވި ފުރަތަމަ އާންމު އިންތިހާބެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ