ޖޭޕީން ވަކިވި މެމްބަރުން އަލުން އައުމަށް އުމަރު ގޮވާލައްވައިފި

ޖުމްހޫރީ ޕާޓީން އެހެން ޕާޓީތަކަށް ބަދަލުވެ ވަޑައިގެންނެވި މަޖިލިސް މެމްބަރުން ބޭއިންސާފާއި ކޮރަޕްޝަނުން މިގައުމު ސަލާމަތްކުރުމަށްޓަކައި އަނބުރާ ޖޭޕީއަށް ވަޑައިގަތުމަށް ކުރީގެ ހޯމް މިނިސްޓްރު އުމަރު ނަސީރު ގޮވާލައްވައިފިއެވެ.
އުމަރު ނަސީރު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޖުމްހޫރީ ޕާޓީން އެހެން ޕާޓީތަކަށް ބަދަލުވެ ވަޑައިގެންނެވި މަޖިލިސް މެމްބަރުން ބޭއިންސާފާއި ކޮރަޕްޝަނުން މިގައުމު ސަލާމަތްކުރުމަށްޓަކައި އަނބުރާ ޖޭޕީއަށް އައުމަށް ގޮވާލާކަމަށާއި ގައުމު ސަލާމަތްކުރުމުގެ ބާރުއޮތީ މެމްބަރުންގެ އަތްޕުޅުގައި ކަމަށެވެ.
އުމަރު ނަސީރު މިހެން ވިދާޅުވެފައިވަނީ ގުޅުފައިވާ ޕާޓީތަކުން އިސްލާހަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ސަރުކާރުން ތަފާތު އެކިގޮތްގޮތަށް ދަތިކުރުމުގެ ފިޔަވަޅު އަޅަމުން ގެންދާ ދަނޑިވަޅެއްގައެވެ. އެގޮތުން ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ތަކުރާރުކޮށް ފުލުސް އޮފީހަށް ހާޒިރުކުރަމުން ގެންދަނީ ބިރު ދެއްކުމަށް ކަމަށްވެސް އުމަރު ވަނީ ވިދާޅުވެފަ އެވެ.
މިނިވަން 50ގެ ހަރަކާތްތައް ކުރިއަށް ގެންދިޔަ ދުވަސްވަރު ހޯމް މިނިސްޓަރުކަމުގައި ހުންނަވައިގެން އުމަރު ނަސީރު ކޮރަޕްޝަނުގެ އަމަލުތަކެއް ހިންގަވާފައިވާ ކަމަށް ތުހުމަތުކުރައްވާ އެމައްސަލަތައް ބަލަމުން ގެންދާ ކަމަށް މިހާރުގެ ހޯމް މިނިސްޓަރު އަޒްލީން އަހްމަދު ވިދާޅުވެފައިވާތީ އެއަށް ރައްދު ދެއްވަމުން އުމަރު ވިދާޅުވެފައިވަނީ މިނިވަން 50ގެ އެއްވެސް ކަމެއް ކޮރަޕްޝަނާއި ޚިޔާނާތުގެ ތެރެއިން ގެންގޮސްފައި ނުވާނެ ކަމަށެވެ.
އުމަރު ވިދާޅުވީ އޭނާގެ މައްޗަށް ކޮރަޕްޝަނުގެ ތުހުމަތުކޮށް ހަމަލާއެއް ދިނީ ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް އިއުލާންކުރެއްވުމުން ކަމަށެވެ. ކޮރަޕްޝަނުގެ ތުހުމަތު ކުރި ނަމަވެސް ރިޔާސީ އިންތިޚާބުގައި ވާދަކޮށް ކާމިޔާބު ހޯދުމަށްޓަކައި ކުރައްވަމުން ގެންދަވާ އެއްވެސްކަމެއްގައި ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށްވެސް އުމަރު ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ