ރައީސް މައުމޫން އަނެއްކާވެސް ޖަލަށް ވަޑައިގެން ފާރިސްއާ ބައްދަލުކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދެއްވި ކަމުގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފައި ހުންނެވި ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫނާ ބައްދަލުކުރެއްވުމަށް އޭނާގެ ބައްޕަ އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް މިއަދު މާފުށި ޖަލަށް ވަޑައިގެންފި އެވެ.
ފާރިސް މައުމޫން މިދިޔަ ޖުލައި މަހުގެ 18 ވަަނަ ދުވަހު ޖަލުގައި ބަންދުކުރި ފަހުން ރައީސް މައުމޫން ޖަލަށް ވަޑައިގެން ފާރިސްއާ ބައްދަލުކުރެއްވި މިއީ ހަތަރު ވަނަ ފަހަރެވެ.
ފާރިސްއާ ބައްދަލުކުރެއްވުމަށްފަހު މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފާރިސްގެ ހާލުކޮޅު ރަނގަޅު ކަމަށާއި އޭނާ ހުރީ ވަރަށް ހިތްވަރާއެކު ކަމަށެވެ.
މައުމޫން މިއަދު މާފުށިޖަލަށް ވަޑައިގެންނެވިއިރު ފާރިސްގެ މަންމާފުޅު ނަސްރީނާ އިބްރާހިމްގެ އިތުރުން ދައްތަ ޔުމްނާ މައުމޫން ވެސް ފާރިސްއާ ބައްދަލުކުރެއްވި އެވެ.
ފާރިސް ޖަލުގައި ބަންދުކުރި މައްސަލާގައި ރައީސް މައުމޫނާއި ޔުމްނާ މައުމޫން ގެންދަވަނީ ވަރަށް ބޮޑަށް ދައުލަތުގެ ކަމާ ގުޅުންހުރި މުއައްސަސާތަކަށް ފާޑު ވިދާޅުވަމުންނެެވެ. އަދި ފާރިސްގެ މައްސަލާގައި ރައީސް މައުމޫން މީގެ ކުރިން ވަނީ ބޭރު ދުނިޔޭގެ ބަހާ އަމަލު ދިމާނުވާ ކަމަށް ވިދާޅުވެ ބައިނަލްއަގްވާމީ މުޖުތަމައަށް ވެސް ފާޑު ވިދާޅުވެފަ އެވެ.
ފާރިސްގެ ޝަރީއަތުގެ އަޑުއެހުމަކަށް މީގެ ކުރިން ރައީސް މައުމޫނާއި އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމްވެސް ވަޑައިގެންފައިވެ އެވެ.
ފާރިސްއާ މެދު ދައުލަތުގެ މުއައްސަސާތަކުން ތަފާތުކުރުން ގެންގުޅޭ ކަމަށާއި އަދި އޭނާއަށް ލިބިވަޑައިގަންނަވަންޖެހޭ ބައެއް ހައްގުތަކުން މަހްރޫމް ކޮށްފައިވާ ކަމަށް ވިދާޅުވެ ފާރިސްގެ އާއިލާއާއި ގާނޫނީ ޓީމުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ޕީޕީއެމްގެ މެންބަރު ކަމުން ވަކިކުރި ފަހުން ޕީޕީއެމްގެ ހުއްދައާ ނުލައި މިއަހަރުގެ މާޗް މަހުގެ 22 ވަނަ ދުވަހު މޫކައި ސްއިޓްސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފާރިސް މައުމޫން ޕީޕީއެމްގެ ދިދަ ބޭނުންކޮށްފައިވާ ކަމަށް ބުނެ ދައުލަތުން ވަނީ އޭނާގެ މައްޗަށް ޝަހުސު އޮޅުވާލުމުގެ ދައުވާ ވެސް އުފުލާފަ އެވެ. މިދައުވާ އޭނާގެ މައްޗަށް ސާބިތުވެއްޖެނަމަ ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އިއްވާނެ އެވެ.
ފާރިސް ވަނީ ޝަހުސު އޮޅުވާލުމުގެ ދައުވާ އަށާއި މެންބަރުންނަށް ރިޝްވަތު ދެއްވި ކަމަށް ކުރެވޭ ތުހުމަތުތަކަށް ޝަރީއަތުގެ މަޖިލީހުގައި ތަކުރާރުކޮށް އިންކާރުކުރައްވާފަ އެވެ.
ގާނޫނާ ހިލާފަށް ފާރިސް ހައްޔަރުކުރި މައްސަލަ ހައި ކޯޓަށް ހުށަހެޅުމުން އިސްތިއުނާފު މައްސަލައިގެ އަޑުއެހުންތައް ނިންމާލިތާ ދެމަސް ދުވަހަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، އެ މައްސަލާގައި އަދިވެސް ހުކުމް އިއްވާފައެއް ނުވެ އެވެ. އެހެން ނަމަވެސް ފާރިސްގެ މައްޗަށް ކުރާ ރިޝްވަތު ދިނުމުގެ ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިހާރު ވަނީ ފަށާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ